އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސް ކުރެއްވީ، ތަކެތީގެ އަގުތައް އިންތިހާއަށް އުފެލެމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ މެދުތެރެއާ ދިމާކޮށް ސިޔާސީ ހަލަބޮލިކަން އުފެއްދުމަކީ އިދިކޮޅު އެމްޑީޕީން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، ބާޒާރުގައި ތަކެތީގެ އަގުތައް ހުރީ އިދިކޮޅުން ތުހުމަތުކުރާ ފަދަ ނުރައްކާތެރި މިންވަރެއްގައި ނޫން ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.





ތެލުގެ އަގުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ޕެޓްރޯލް ލީޓަރެއް 16.1 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރުމަކީ ދުނިޔޭގެ ބާޒާރާއި ސަރަހައްދީ އެހެން ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން ހެޔޮ އަގެއް ކަމަށެވެ. އެގޮތުން، ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 40.9 ރުފިޔާގައި އަދި އިންޑިއާގައި 18.8 ރުފިޔާގައި އުޅޭއިރު، ޑީސަލް ލީޓަރެއް ސިންގަޕޫރުގައި 41.63 ރުފިޔާއަށް އަދި ދުބާއީގައި 16.1 ރުފިޔާއަށް ލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދު އިއާދަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅަމުންދާތީ ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބަންކަރިންގ ހިދުމަތާއި، ރެސިޑެންސީ ވިސާގެ ނިޒާމާއި، ޓައުންޝިޕް މަޝްރޫއުތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް ދޫކުރާ ލުއި ލޯނުތަކަށްވެސް އިދިކޮޅުން ފާޑުކިޔަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާއިރު އިގްތިސާދު ކުރިއެރުވުމަށް އޮތް އިތުރު ހައްލެއް ބުނެދިނުމަށް އިދިކޮޅު ފަރާތްތައް ނުކުޅެދިފައިވާ ކަމަށެވެ. އަދި ސިޔާސީ މަންފާއަށްޓަކައި ގައުމުގެ ހަމަޖެހުން ނަގާލައި، ރައްޔިތުން މާޔޫސްކުރުވުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު