އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ބައެއް ގައުމުތަކުން ތެލާއި ގޭސް ހުސްވެ ދަތިތަކާ ކުރިމަތިލާން ޖެހުނުއިރު، ރާއްޖެ އެފަދަ ހާލަތަކަށް ނުގޮސް ސަލާމަތްވީ ސަރުކާރުގެ ފަރުވާތެރިކަމުން ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގައި ބޮޑު ދަރަންޏެއް އޮތް ނަމަވެސް، ސުކޫކު އަދާކޮށް އިގްތިސާދު ސަލާމަތްކުރެއްވުމަށް ހިކުމަތްތެރި ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.

އަދި ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖެއިން ކާޑުގެ ބާވަތްތަކާއި ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މާލީ ވުޒާރާއިން ބަޖެޓު ވަރަށް ފަރުވާތެރިކަމާއެކު މެނޭޖުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި މައްސަލައެއް އުފެދުނު ނަމަވެސް، ރާއްޖޭގެ ކަންކަން އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ.

އެގޮތުން، ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އިގްތިސާދުގެ ބުންވަރު ވަރުގަދަކުރުމަށާއި، ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު