އިކޮނޮމިކް މިނިސްޓަރު: މުޙައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު: މުޙައްމަދު ސައީދު
މި ސަރުކާރުން އެއްވެސް މުވައްޒަފަކު ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ސަރުކާރާ ޙަވާލުވިއިރު އޮތީ ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ޙާލަތެއް ކަމަށެވެ. އެހެންނަމަވެސް، އެފަދަ ދަތި ދަނޑިވަޅެއްގައި ވެސް އެއްވެސް ރައްޔިތަކާމެދު ބޭއިންސާފުން ޢަމަލުކޮށްފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި، ސަރުކާރުގެ ވިސްނުމަކީ އެ ފަރާތްތަކަކީ ނަތީޖާ ނެރެދެވޭނެ ބަޔަކަށް ހެދުމަށްޓަކައި ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ. އަދި ނިމިދިޔަ ސަރުކާރުން ބައެއް ކުންފުނިތަކަށް ގިނަ ޢަދަދަކަށް ސިޔާސީ މުވައްޒަފުން ނަގާފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ނާންނާނެހެން ކަންކަން ތަރުތީބުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން ރާއްޖޭގެ މާލީ ހަމަޖެހުން ޤާއިމުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ބޭރު ފައިސާ މާރުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޤާނޫނީ އިމުން ބޭރުން ހިންގާ ޑޮލަރުގެ މުޢާމަލާތްތައް ހުއްޓުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު