ޑރ. މުުޙައްމަދު ޖަމީލު އަޙުމަދު
ޑރ. މުުޙައްމަދު ޖަމީލު އަޙުމަދު
ކައުންސިލް އިންތިޚާބަށްޓަކައި ކަމަށް ބުނެ ޤާނޫނު އަސާސީ އިސްލާޙު ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު، ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވި އެ އިންތިޚާބު މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައެވެ. އަދި އެކަމާ ގުޅިގެން ޤާނޫނީ ފަރުވާއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޙާލަތުގައި ދެގޮތަކަށް ޢަމަލު ކުރެވިދާނެ ކަމަށެވެ. ފުރަތަމަ ގޮތަކީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް އިންތިޚާބާ ބެހޭ ޤާނޫނަށް އިސްލާޙް ގެނައުން ކަމަށެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދުޞްތޫރީ ޚުސޫމަތަށް ސުޕްރީމް ކޯޓުން ޙައްލު ހޯދުން ކަމުގައި ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަކީ ދުޞްތޫރީ ކޯޓުކަން ފާހަގަ ކުރަށްވަމުން ޑރ. ޖަމީލް ވިދާޅުވީ، ދުޞްތޫރީ ކަންކަމަށް އެކޯޓުގެ އިޙްތިޞާސް ނެތް ކަމަށް ހަދައިފިނަމަ މިފަދަ ކޮންމެ ކަމަކާ މެދު އަރައިރުން އުފެދޭނެ ކަމަށެވެ. "މި މަޖިލީހުން ހެދި އެންމެ ބޮޑު ގޯހަކީ ޤާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން" ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އަދި ޙާލަތުއްޟަރޫރާގެ އުސޫލަށް ބަލައި އިންތިޚާބުތައް ފަސްކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމްކޯޓުން ކޮށްފައިވާ ޙުކުމްތަކުންނާއި، އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ޤާއިމް ކޮށްފައިވާ ޤާނޫނީ ހަމަތަކުން ސާބިތުވާކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ ޚިޔާލު ތަފާތުވެފައި ވާއިރު މިކަމާ ގުޅުންހުރި ތިން ބިލެއް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލެއްވެސް ހިމެނެއެވެ. އެހެން ނަމަވެސް މިކަމުގައި ގޮތެއް ނުނިމި، މަޖިލީހުގެ ޖަލްސާތައް މިވަގުތު ވަނީ މެދުކެނޑިފައެވެ. އެގޮތުން މިއަދު ބާއްވަން ތާވަލް ކޮށްފައިވާ މަޖިލީހުގެ ޖަލްސާ ފަސް ކޮށްފައިވާކަން މަޖިލީހުން ވަނީ މެންބަރުންނަށް އަންގާފައެވެ.

ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި ބެހޭގޮތުން ދެކަފި ވެފައިވާ ޚިޔާލުގެ ތެރެއިން ސަރުކާރުން ބުރަވަނީ ޤާނޫނު އަސާސީއަށް އިސްލާހެއް ގެނަސްގެން އިންތިޚާބު ބާއްވާނެ ގޮތުގެ ޚާއްޞަ ގާނޫނެއް ގެނައުމެވެ. އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ހަސަން ލަތީފު ހުށައަޅުއްވާފައިވާ ވިސްނުމަކީ އިންތިޚާބު ބޭއްވެންދެން ކައުންސިލް ތަކުގެ އުމުރު ދަންމާލުމާއެކު އިންތިޚާބު ބާއްވަން ޚާއްޞަ ގާނޫނަކުން ފަރުވާ ހޯދައިދިނުމެވެ. ކުރީގައި ކުރެވިފައިވާ ތަޖުރުބާތަކުގެ އަލީގައި ބައެއް ފަރާތްތަކުން ބުރަވަނީ އެއްބަޔަކަށް ސުޕަރ މެޖޯރިޓީއެއް ލިބިފައި އޮތް މަޖިލީހެއްގައި ޤާނޫނު އަސާސީއާއި ކުޅުމަކީ ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެއްގެ ގޮތުގައެވެ. އަނެއް ބައެއްގެ ޚިޔާލަކީ ޤާނޫނު އަސާސީއާއި ނުކުޅެ މިހާރު އޮތް ކައުންސިލް ތަކުގެ އުމުރު ދަންމައި ނުލެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން