ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ނިއުޔޯކް ސިޓީގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ނިއުޔޯކް ސިޓީގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން
އެމެރިކާގެ ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ ބޮޑު އަޣުލަބިއްޔަތެއް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި، ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤަށް ތާއީދުކުރާކަން ފަހުގެ އިތުބާރުހުރި ސާވޭއަކުން ދައްކައިފިއެވެ.

"ޖެނެރޭޝަން ލެބް" ނަމަކަށް ކިޔާ ދިރާސާކުރާ އިދާރާއަކުން، ބްރެންޑައިސް ޔުނިވަރސިޓީގެ އެދުމުގެ މަތިން ކުރިއަށްގެންދިޔަ "އެމެރިކަން އަންޑަރގްރެޖުއޭޓްސް އެންޑް ދަ އިސްރާއީލީ-ޕެލެސްޓީނިއަން ކޮންފްލިކްޓް" ސާވޭގެ ނަތީޖާ ދައްކާގޮތުގައި، އެމެރިކާގެ ޔުނިވަރސިޓީ ދަރިވަރުންގެ 82 އިންސައްތަ މީހުން ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ފުރިހަމައަށް ތާއީދުކުރެއެވެ.

މީގެއިތުރުން، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ ނަސްލު ނައްތާލުމުގެ (ޖެނޯސައިޑް) ޢަމަލުތަކެއް ކަމަށް 74 އިންސައްތަ ދަރިވަރުން އިއްތިފާޤުވެ، އެކަން ކުށްވެރިކޮށްފައިވެއެވެ.

އޮކްޓޫބަރު 2025 އިން ޖެނުއަރީ 2026 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ފުޅާ ދިރާސާގައި އެމެރިކާގެ 303 މަތީ ތަޢުލީމުދޭ މަރުކަޒަކުން 3،989 އަންޑަރގްރެޖުއޭޓް ދަރިވަރުން ވަނީ ބައިވެރިވެ، ޚިޔާލު ފާޅުކޮށްފައެވެ.

މި ސާވޭއިން އިތުރަށް ހާމަވިގޮތުގައި، ފަލަސްޠީނިއަން އޮތޯރިޓީ (ޕީއޭ) އަށް 41 އިންސައްތަ ދަރިވަރުންގެ ތާއީދު އޮތް ނަމަވެސް، ޒަޔަނިސްޓް އިސްރާއީލުގެ ސަރުކާރަށް ތާއީދުކުރަނީ އެންމެ 15 އިންސައްތަ ދަރިވަރުންނެވެ. މިއީ އެމެރިކާގެ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި ފަލަސްޠީނުގެ ޙައްޤުތަކަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެ، އިސްރާއީލުގެ އިސްތިޢުމާރީ އަދި އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅު ވިސްނުން ވަރުގަދަވަމުން އަންނަކަން ހާމަކޮށްދޭ މުހިންމު ހެއްކެކެވެ.

މި ނަތީޖާތަކުން ސާފުވެގެންދަނީ، ހުޅަނގުގެ މީޑިއާތަކާއި ސިޔާސީ އިސްވެރިންގެ ފަރާތުން އިސްރާއީލަށް ލިބެމުންދާ އެއްބާރުލުމާ ޚިލާފަށް، އެމެރިކާގެ ޒުވާން ޖީލުގެ މެދުގައި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އޮތް ހަމްދަރުދީއާއި ތާއީދު އިންތިހާއަށް އިތުރުވަމުންދާ ކަމެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، އިސްރާއީލުން ހިންގާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ގޮވާލާ އަޑުތައް، ތަޢުލީމީ މުޖުތަމަޢުތަކުގެ ތެރޭގައި ދުވަހެއް ދުވަހަކަށް ބާރުގަދަވަމުންދާކަން ވެސް މި ސާވޭއިން ވަނީ ކަށަވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު