ހޫރު އަބްދީން
ހޫރު އަބްދީން
މުޅި ކީރިތި ޤުރުއާން އެންމެ 6 ގަޑިއިރާއި 15 މިނެޓު ތެރޭގައި ހިތުން ކިޔަވައި ނިންމައި، ފަލަސްތީނުގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ހޫރު އަބްދީން މުޅި ދުނިޔެ ހައިރާންކޮށްލައިފިއެވެ.

މިއީ އިސްލާމީ މުޖުތަމައުތަކުގެ މެދުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބި، މީސްމީޑިއާގައި ހަލުވިކަމާއެކު އާންމުވެގެން ދިޔަ އާދާޔާޚިލާފު ކާމިޔާބީއެކެވެ.

މި ތާރީޚީ ހަރަކާތް ކުރިއަށް ގޮސްފައިވަނީ ޤުދުސް ކައިރީގައިވާ އަލް-ރާމް ސަރަހައްދުގައި، "ޞަފްވަތު ޙުއްފާޡް ބައިތު އަލް-މަޤްދިސް" ޕްރޮޖެކްޓުގެ ދަށުންނެވެ.

"ސަރްދު އަލް-ޤުރުއާން" ނުވަތަ މެދުކެނޑުމެއްނެތި އެއް އިށީނުމަކުން މުޅި ޤުރުއާން ހިތުން ކިޔެވުމުގެ މި އިމްތިހާނުގައި، ހޫރު ޤުރުއާން ކިޔަވަމުން ދިޔައީ ރޫހާނީ ގޮތުން ނުހަނު އަސަރުފުރޭ އަދި ތަޖުވީދުގެ ހަމަތަކަށް ބަލާއިރު އެއްވެސް ކުށެއް ނެތް ފުރިހަމަ ގޮތެއްގައި ކަމަށް އެތަނަށް ހާޒިރުވި މީހުން ވަނީ ބުނެފައެވެ.

އޭނާގެ މި ބުރަ މަސައްކަތަށާއި ހިތުދަސްކުރުމުގެ މަތިވެރި ޤާބިލުކަމަށް ދީނީ އިލްމުވެރިންނާއި އާއިލާގެ މެންބަރުން ވަނީ ނުހަނު ބޮޑަށް ތައުރީފުކުރައްވާފައެވެ.

އަދި މިފަދަ ހަގު އުމުރެއްގައި މުޅި ޤުރުއާން އެއްފަހަރާ ހިތުން ކިޔަވައި ނިންމުމަކީ މަދުން ނޫނީ ނުފެންނާނެ ނަމޫނާ ކާމިޔާބީއެއް ކަމަށް އިލްމުވެރިން ފާހަގަކުރެއްވިއެވެ.

އިޖުތިމާއީ މީޑިއާގެ ތަފާތު މަންސަތަކުގައި ގިނަ ބަޔަކު އަންނަނީ ހޫރުގެ މި ކާމިޔާބީ ފާހަގަކޮށް، އޭނާއަކީ އަޒުމާއި ހިތްވަރުގެ ނަމޫނާއެއްގެ ގޮތުގައި ތައުރީފު ކުރަމުންނެވެ.

އަދި މިއީ ފަލަސްތީނުގެ ޒުވާނުންގެ ސާބިތުކަމާއި ދީނީ އިސްލާމީ ލޯބި ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ދީނީ އިލްމުވެރިން ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ހާލަތްތަކާއެކުވެސް، ކީރިތި ޤުރުއާނާ އޮތް ބަދަހި ރޫހާނީ ގުޅުން މިފަދަ ކަންކަމުން ހާމަވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް