އައްޝައިމާއު އަކްރަމް ސައިދާމް
އައްޝައިމާއު އަކްރަމް ސައިދާމް
ޖުލައި މަހު ބޭއްވި ފަލަސްތީނުގެ ހައިސްކޫލް ނިންމާ އިމްތިހާނު ("ތައުޖީހީ") އިން %99.6 ގެ ނަތީޖާއަކާއެކު މުޅި ފަލަސްތީނުން އެއްވަނަ ހޯދައި، ގައުމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ހޯދި އައްޝައިމާއު އަކްރަމް ސައިދާމް، އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި އާއިލާގެ ބައެއް މެންބަރުންނާއެކު ޝަހީދުވެއްޖެއެވެ.

އައްޝައިމާއު ހާސިލުކުރި ފާހަގަކޮށްލެވޭ ފުރިހަމަ ނަތީޖާއާއެކު، އޭނާގެ އާއިލާއަށާއި މުޅި މުޖުތަމައަށް ބޮޑު ފަޚުރަކާއި އުފާވެރިކަމެއް ގެނެސްދިނެވެ.

އަދި އޭނާގެ މުސްތަގުބަލުގެ އުންމީދުތައް ގުޅުވާފައިވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް ޣައްޒާއިން އިނގިރޭސި ތަރުޖަމާގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށެވެ. އެގޮތުން ޔުނިވަސިޓީގައި ކިޔެވުމުގެ ކަންކަން ހަމަޖައްސައި، އުންމީދީ މުސްތަގުބަލަކަށް އޭނާ އޮތީ ތައްޔާރުވެފައެވެ.

ނަމަވެސް، ތައުލީމީ ބޮޑު ކާމިޔާބީ ފާހަގަކުރިތާ ތިން މަސްވެސް ނުވަނީސް، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިސްރާއީލުން ދޭންފެށި ވަރުގަދަ ހަމަލާތަކުގައި އޭނާގެ ދިރިއުޅުން ވަނީ ކުރުކޮށްލައިފައެވެ.

އައްޝައިމާއުއާއި އޭނާގެ އާއިލާއިން ރައްކާތެރިކަން ހޯދައިގެން ތިބި އަލް ނުސައިރާތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ނުރައްކާތެރި ވައިގެ ހަމަލާތަކުގައި އެ ސަރަހައްދު ސުންނާފަތިވެ، އޭނާގެ އިތުރުން އާއިލާގެ ގިނަ މެންބަރުންތަކެއް ވަނީ ޝަހީދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު