ޔޫގެންޑާ ގެ ރައީސް މުސެވެނީ
ޔޫގެންޑާ ގެ ރައީސް މުސެވެނީ
ރަސްމީ އޮފީސްތެރޭގައި ކަސްރަތު ކުރައްވާ ވީޑިއޯއެއް ޔޫގެންޑާ ގެ ރައީސް މުސެވެނީ ޢާއްމު ކުރައްވައިފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ބާރުއެޅުއްވުމުގެ ގޮތުން އެ ޤައުމުގައި ވަނީ އާއްމު ތަންތާނގައި ކަސްރަތު ކުރުން މަނާކޮށްފައެވެ. ރައީސް ޔޮވެރި މުސެވެނީ ކަސްރަތު ކުރަށްވާ މި ވީޑިއޯ ޢާއްމު ކުރެއްވުމުގެ ބޭނުމަކީ ރައްޔިތުން ފުރަބަންދުގައި ގޭގައި ތިބޭއިރު ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ހިތްވަރު ދެއްވުން ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފައިވެއެވެ.

އެމަނިކުފާން ކަސްރަތު ކުރައްވާ މަންޒަރުތައް ހިމެނޭ މިވިޑިއޯގައި މިކަމުގައި ދެކެވަޑައިގަންނަވާ ގޮތްވެސް ހިއްސާކުރައްވާފައިވެއެވެ. "އެއްވެސް މައްސަލައެއް ނެތް ދުވަސްތަކުގައި ބޭރަށްގޮސް ކަސްރަތުކުރުމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު މިވަގުތު ގޭގައި މަޑުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް." ރައީސް މުސެވެނީ ވިދާޅުވިއެވެ.

ކަސްރަތު ކުރުމަށް ވަކި ތަނެއް މުހިއްމު ނޫންކަން ހާމަކުރައްވަމުން ޔޫގެންޑާގެ ރައީސް ވިދާޅުވީ އޭނާ އަބަދުވެސް ކަސްރަތު ކުރައްވަނީ ގެއާއި، އޮފީހުގައި ކަމަށާއި، ބޭރަށް ވަޑައިގެން ކަސްރަތު ކުރެއްވުމަށް ވަގުތުވެސް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.



އެފްރިކާގެ ޤައުމެއް ކަމަށްވާ ޔޫގެންޑާ އިން މިހާތަނަށް ކޯވިޑް-19 ގެ 54 ބަލިމީހުން ފެނިފައިވެއެވެ. އެކަމާ ގުޅިގެން އެޤައުމު 14 ދުވަހަށް ފުރަބަންދު ކޮށް، އެތެރޭގެ ދަތުރުފަތުރު ހުއްޓާލައި، ރޭގަނޑު ބޭރަށް ނުކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

އާއްމު ޙާލަތުގައި ފަސްމީހުންނަށްވުރެ ގިނަ ނުވާގޮތަށް ބޭރަށް ނުކުމެ އުޅުމަށް ޢާއްމުންނަށް ހުއްދަ ދީފައިވާއިރު، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސީދާ އަސަރު ކޮށްފައިވާ 1.5 މިލިއަން މީހުންނަށް ސަރުކާރުން ދަނީ ހިލޭ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

ރައީސް މުސެވެނީގެ ވީޑިއޯ އަލްޖަޒީރާއިން ޢާއްމުކޮށްފައި މިވަނީ އެޤައުމުގެ ރައީސްކަމަށް އަތުވެދާނެކަމަށް ބެލެވޭ މިއުޒީޝަން ބޮބީ ވައިން ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ހާމަކޮށް އޭނާގެ އަޑުން ލަވައެއް ޢާއްމުކޮށްފައި ވަނިކޮށެވެ. ކޯވިޑް-19 ޖެހިގެން ޔޫގެންޑާއިން އަދި މިހާތަނަށް މީހަކު މަރުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން