ޑރ. ޙަސަން ޙަމީދުގެ އިނގިރޭސި-ދިވެހި ބަސްފޮތް ރަސްމީކޮށް އާންމުކޮށްދިނުން. ފޮޓޯ: ސަން / ހުސައިން ހާފިޒް
ޑރ. ޙަސަން ޙަމީދުގެ އިނގިރޭސި-ދިވެހި ބަސްފޮތް ރަސްމީކޮށް އާންމުކޮށްދިނުން. ފޮޓޯ: ސަން / ހުސައިން ހާފިޒް
ދިވެހި އަދަބިއްޔާތާއި ތަޢުލީމީ ޙަޔާތުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތެއްގެ ގޮތުން، ރާއްޖޭގެ ފުންނާބުއުސް ޢިލްމުވެރިޔާ ޑރ. ޙަސަން ޙަމީދު އެކުލަވައިލެއްވި "އިނގިރޭސި-ދިވެހި ބަސްފޮތް" މިއަދު ރަސްމީކޮށް އާންމުކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ޝާއިޢުކުރެވުނު މިފަދަ އެންމެ ބޮޑު ފޮތެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ ޑރ. ޙަސަން ޙަމީދުގެ މި ޢިލްމީ ޚިދުމަތަށް ވަރަށް ބޮޑަށް ސާބަސް ދެއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ފަދަ ފުރިހަމަ ބަސްފޮތެއް ވުޖޫދަށް ގެނައުމަކީ ކުޑަ ދުވަސްކޮޅަކުން ނިންމައިލެވޭނެ އާދައިގެ ކަމެއް ނޫން ކަމަށާއި، މިއީ އެތައް އަހަރެއްގެ ބުރަ އަދި ކަވި މަސައްކަތުގެ ނަތީޖާއެވެ. އަދި މިފަދަ އަގުހުރި ޚިދުމަތެއް ޤައުމަށް ކޮށްދެއްވުމުގައި ދެއްކެވި ކެތްތެރިކަމަށްޓަކައި ޑރ. ޙަމީދަށް އެމަނިކުފާނު ތަހުނިޔާ ވިދާޅުވިއެވެ.

ފޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މުޞައްނިފު ޑރ. ޙަސަން ޙަމީދު ވިދާޅުވީ، ޒަމާނާ ގުޅޭ ގޮތަށް އެކުލަވައިލެވިފައިވާ މި ފޮތުގެ ސަބަބުން އިލްމު ހޯދާ ދަރިވަރުންނަށާއި، ދިވެހި ބަސް ދިރާސާކޮށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

ދެ ކިލޯއަށް ވުރެ ބަރުދަން ހުރި މި ފޮތުގައި 120،000 އަށް ވުރެ ގިނަ ލަފުޒާއި އޭގެ މާނަ ވަނީ ތަފްޞީލުކޮށްދީފައެވެ.

މި ފޮތް އެކުލަވައިލެއްވި ޑރ. ޙަސަން ޙަމީދަކީ ސައިންސާއި، ފަލަކީ އިލްމުގެ އިތުރުން ހިސާބު އިލްމުގެ ދާއިރާއިން ފުންނާބުއުސް ތަޢުލީމެއް ހާސިލުކުރައްވައިގެން ހުންނެވި، އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ދަޢުލަތުގެ އެކި މުއައްސަސާތަކަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤަދަރުވެރި ޢިލްމުވެރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު