ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ވެށީގެ ނާޒުކު ކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި، އެ ވާހަކައިގެ ބާކީ ބައިގައި އޮންނަނީ އެ ޤައުމުތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ، އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ޤައުމުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުން ކަމަށެވެ. އެގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން (އެމް.އެސް.އެމް.އީ ތައް) ވެފައިވަނީ، ސަރުކާރުތަކުން ޙައްލު ހޯދަން އުނދަގޫވާ މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދައިދީ، އިޤުތިޞާދުތަކަށް ބާރުދޭ އިންޖީނުތަކަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ކުޑަކަމަކީވެސް ފައިދާ ހޯދޭނޭ ކަމަކަށް ހެދިދާނޭކަން ފާހަގަކުރައްވައި، އެފަދަ ޤައުމުތަކަކީ ފަންނިއްޔާތާއި، ޙައްލުތަކާއި، ޚިޔާލުތަކާއި، އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނޭކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި ސުމޭކު (ޑިޖިޓަލް) ގުޅުންތަކަކީ ހަމައެކަނި މުވާސަލާތާ ގުޅުންހުރި ކަމެއް ނޫންކަން ފާހަގަކުރައްވަމުން، އެއީ ވިޔަފާރި އާއި މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 'މޯލްޑިވްސް 2.0' ގެ އެޖެންޑާ މެދުވެރިކޮށް، ޤައުމުގެ ޖޯގުރަފީ އާއި ބޮޑުމިނުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ރާއްޖޭގައި ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕް ތަކަށް، ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޒަމާނާ އަދާހަމަކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި، 2027 ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތްކުރައްވައި، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން އިންވެސްޓްކުރުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޖަޒީރާތަކުގެ އުންމީދީ ޚިޔާލުތައް، ވިޔަފާރިތަކާއި، މާލީ އެހީތެރިކަމާއި، ފަންނިއްޔާތާއި، ބައިވެރިންނާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ޖީ.ބީ.އެން ތަރައްޤީކުރުމަށް، ޔޫ.އެން- އޯ.އެޗް.އާރް.އެލް.އެލް.އެސް އަށް ގޮވާލައްވަމުންނެވެ.

މި ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ސިޑްސް ތަމްސީލުކުރައްވާ ވަޒީރުންނާއި، އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓުން އަދި ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު