ޞާދިރު ޢަލީދީދީ   10 ސެޕްޓެމްބަރު 2026 - 9:28
އެއީ އަހަރެންގެ އުފަންދަރި
އެއީ އަހަރެންގެ އުފަންދަރި
ޢުމުރުން ތޭރަ އަހަރުގެ އާހިލް ގާތު، އޭނާގެ ބައްޕަ ކުރަނީ ކޮން މަސައްކަތެއްތޯ ސްކޫލުން ސުވާލުކުރުމުން، އޭނާ ދުވަހަކުވެސް ފަސްޖެހުމެއްނެތި ފަޚުރުވެރިކަމާއެކު ބުނެއެވެ. "އަހަރެންގެ ބައްޕަ މަސައްކަތް ކުރަނީ އެޑްމިނިސްޓްރޭޝަންގައި." އޭނާ ދުވަހަކުވެސް އެއީ 'ދޮންބައްޕަ' ކަމަކަށް ނުބުނެއެވެ. އާހިލްގެ ހިތުގައި އެފަދަ ބީރައްޓެހިކަމެއް ނޯވެއެވެ.

އާހިލްގެ އުމުރުން ދިހަ އަހަރުގައި، އޭނާގެ މަންމަ ޝިފާ، ޙަސަނާ ކައިވެނިކޮށް، މާލޭގައި ހުންނަ ޙަސަންގެ އެޕާޓްމަންޓަށް ބަދަލުވިއެވެ. އެ ގޭގައި ހޭދަކުރި ފުރަތަމަ ރޭ، އާހިލް ހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އެވަގުތު ޙަސަން ކޮޓަރިއަށް ވަދެގެން އައީ ކުޑަ ޑެސްކް ލެމްޕެއް ހިފައިގެންނެވެ. އޭނާ ބުންޏެވެ. "މިއީ ކިޔަވާއިރު ބޭނުންވާނެ އެއްޗެއް. މޭޒުމަތީގައި ބަހައްޓާ." އާހިލް އުފަލުން ބުންޏެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕާ."

އެރޭ އާހިލް އޭނާގެ މަންމަ ގާތު އެހިއެވެ. "މަންމާ، އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ރަނގަޅު ބައްޕައެއްހެން. އަޅުގަނޑު ކިޔަންވާނީ ބައްޕައޭ ދޯ! އަނެއްކާ 'ބައްޕަ' އޭ ކިޔުން އެއީ މައްސަލައަކަށް ވެދާނެތަ؟ " އާހިލް ބައްޕައެއްގެ ލޯބި ބޭނުންވެފައި ހުރި ވަރު ފިރިމީހާ ހަސަނަށް އޭނާގެހުރި ޝަޢުގެއްގެ ބޮޑުކަމުން ޝިފާއަށް އެނގިގެންދިޔައެވެ.

"ދަރިފުޅު ބޭނުންނަމަ ހަމަ އެންމެ ރަނގަޅު" ޝިފާ ހިނިތުންވެލަމުން ބުންޏެވެ.

ޙަސަންގެ އުފަންދުވަހު، އާހިލް އޭނާގެ ޕޮކެޓް މަނީން ފައިސާ ރައްކާކޮށްގެން އާދައިގެ ސެންޓު ފުޅިއެއް ގަތެވެ. އެ ހަދިޔާ ޙަސަން އަށް ދިނުމަށްފަހު އޭނާ ހުރީ ވަރަށް ނުތަނަވަސްކަމާއެކު ޙަސަންގެ މޫނަށް ބަލާށެވެ. "ބައްޕާ، ތި ހަދިޔާ ބައްޕައަށް ކަމުދޭތޯ؟" ޙަސަން ބުންޏެވެ. "އާނ، ވަރަށް ބޮޑަށް ޝުކުރިއްޔާ."

ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، ޙަސަންގެ ކިބައިން އަމިއްލަ ދަރިފުޅު ރިޝާންއާ އާހިލްއާ ދެމެދު ތަފާތުކުރުންތަކެއް ފެންނަން ފެށިއެވެ. އާހިލްގެ ފޯނު ހަލާކުވެގެން ބުނުމުން ޙަސަން ބުންޏެވެ. "ތިޔަ އުމުރުގައި މާ މޮޅު ފޯނެއް ބޭނުމެއް ނުވާނެ. މުޅިން ހަލާކުވަންދެން ތިޔަ ބޭނުންކުރޭ." އަދި ސްކޫލް ކަމަކަށް ސަތޭކަ ރުފިޔާއަށް އެދުމުން ޙަސަން ބުންޏެވެ. "ކޮން ކަމަކަށް؟ މަންމަ އަތުން ފައިސާ ނުލިބޭތަ؟ ކުރިން މަންމަ ގާތު އަހާބަލަ." މިއީ އާހިލްއާއި އޭނާގެ މަންމަ، ޙަސަންގެ އެޕާޓްމަންޓަށް ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވަނީސް އާހިލްއާ މުޢާމަލާތް ކުރުމުގައި ޙަސަންގެ ވާހަކަތައް ހުރި ގޮތެވެ.

***

ވަގުތަކީ ހަމަހިމޭން ހުކުރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޢަޞުރު ނަމާދުން ފެށިގެން މާލެއަށް އޮހެމުންދިޔަ ވާރޭގެ ތިކިތައް، އެޕާޓްމަންޓުގެ ކުޑަދޮރުތަކުގައި މަޑުމަޑުން ޖެހެމުންދިޔައެވެ. ސިޓިންގ ރޫމުގައި، ޙަސަން އިނީ ސޯފާގައި ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާގެ ކައިރީގައި އޭނަގެ ހުރި ހަމައެކަނި ދަރިފުޅު ރިޝާން އިނެވެ. ރިޝާން ގެ އުމުރަކީ ބާވީސް އަހަރެވެ. އޭނާ ކުޑައިރުއްސުރެން އުމުރުން 18 ވަންދެން އުޅުނީ ބައްޕައާއި ވަކިން އޭނަގެ މަންމައާއެކުގައެވެ. އޭނާ ބައްޕަގެ ގެއަށް ބަދަލުވީ މީގެ ދެ އަހަރު ކުރިން، މިހާރު އޭނާ ކިޔަވަމުންދާ ޤައުމީ ޔުނިވާސިޓީ ގެ ޑިގްރީކޯހުގައި ކިޔަވަން ފެށި ހިސާބުންނެވެ.

ރިޝާން އާއި ޙަސަން ސިޓިންގ ރޫމުގައި ތިބިއިރު، ރިޝާންގެ ފޯނުން ފެންނަ ކޮންމެވެސް އެއްޗަކަށް ބަލާފައި އެ ދެބަފައިން ހެމުން ދިޔައެވެ.

ޢުމުރުން ތޭރަ އަހަރުގެ އާހިލް، ސިޓިންގ ރޫމުން ބޭރުގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ހުރީ ދެއަތުން އަމިއްލަ ފޯނުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މި ވަގުތަށް އޭނާ އިންތިޒާރު ކުރާތާ މިހާރު ގާތްގަނޑަކަށް ދެ މަސް ވެއްޖެއެވެ. ސްކޫލު ފިލާވަޅުތައް ނިންމުމަށްފަހު، އެތައް ހަފުތާއެއް ވަންދެން އޭނާ ދިޔައީ އޮންލައިންކޮށް ކުދިކުދި މަސައްކަތްތައް ކުރަމުންނެވެ. އާދައިގެ ޕޯސްޓަރު ފަރުމާކުރުމާއި، ލިޔުންތައް ޓައިޕްކުރުމާއި، އަދި ކުރު ވީޑިއޯ އެޑިޓްކުރުން ފަދަ މަސައްކަތްތަކެވެ. އަދި އެދުވަހުގެ މެންދުރުފަހު، އޭނާގެ ފުރަތަމަ އުޖޫރަ އެންމެ ފަހުން ލިބިއްޖެއެވެ. 2,150 ރުފިޔާއެވެ.

ބޮޑު މީހަކަށް މިއީ މާ ބޮޑު އަދަދަކަށް ނުވެދާނެއެވެ. ނަމަވެސް އާހިލްއަށް މިއީ އޭނާގެ ޙަޔާތުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެކަމަކު އޭނާ އެހާ އުފާވީ އެ ފައިސާއަކަށް ނޫނެވެ. އޭނާ ބޭނުންވީ އޭނަ އުމުރުން ތިން އަހަރު ނުވަނީސް މަހްރޫމްވެގެންދިޔަ ބައްޕައެއްގެ ލޯބި، ޙަސަން އޭނާގެ މަންމަ ޝިފާއާއި އިނުމާއެކު ހާސިލްކުރެވިއްޖެ ކަމަށް ޤަބޫލުކޮށް، ހުރިހާ ކަމެއްވެސް އެ ބައްޕައަށްޓަކައި ކުރުމަށެވެ. އެބައްޕަގެ މޫނުމަތިން ފެންނާނެ ކުލަވަރު ބަލާލާށެވެ. ބައްޕަ އޭނާއަށް ފަޚުރުވެރިވާތަން ދެކޭށެވެ.

އާހިލް ޙަސަންގެ ގޭގައި ދިރިއުޅެން ފެށީ އޭނާގެ އުމުރުން ދިހަ އަހަރުގައެވެ. ތިން އަހަރު ވެގެން މިދިޔައީ އޭނާގެ އަސްލު ބައްޕަޔަކީ ހަސަން ކަމަށްދެކި، ބައްޕަޔަކަށް ދަރިޔަކު އަދާކުރާނެ ފުރިހަމަ އިތުބާރާއި އަދަބު އިހްތިރާމް އަދާކުރުމުގައެވެ. ޙަސަނަށް ގޮވަމުން އައީ 'ބައްޕަ' އެވެ. އޭނާ ދުވަހަކުވެސް އެއީ އޭނާގެ 'ދޮންބައްޕަ' ކަމަށް ބުނެ އެހެން މީހުންނަށް ތަޢާރަފެއް ނުކުރެއެވެ. ސްކޫލުގައިވެސް މީހަކު ބައްޕައާ ބެހޭގޮތުން އަހައިފިނަމަ، އާހިލް ވާހަކަދައްކަނީ ޙަސަނާ ބެހޭގޮތުންނެވެ. ޙަސަން ބަލިވުމުން އާހިލް ކަންބޮޑުވެއެވެ. ޙަސަން ގެއަށް އަންނަން ލަސްވުމުން އާހިލް އިންތިޒާރުކުރެއެވެ. ޙަސަން ބަރު އެއްޗެއް އުފުލާނަމަ، އާހިލް އެހީތެރިވާން ދުވެފައި ދެއެވެ. އޭނާ ޙަސަންދެކެ ލޯބިވީ އެއްވެސް ޝައްކެއް ނެތް ސާފު ހިތަކުންނެވެ. އާހިލްގެ ނަޒަރުގައި އެ ދެމީހުންގެ މެދުގައި 'ދޮން' ކަމުގެ އެއްވެސް ފަރުދާއެއް ނެތެވެ. އޮތީ ހަމައެކަނި ބައްޕައަކާއި ދަރިއެއްގެ ގުޅުމެވެ.

އޭނާ ފުން ނޭވައެއްލުމަށްފަހު ސިޓިންގރޫމުގައި ތިބި ޙަސަނާއި ރިޝާންގެ ދެމީހުންގެ ގާތަށް ދިޔައެވެ.

"ބައްޕާ."

ޙަސަން ކުޑަކޮށް އިސްއުފުލާ ބަލާލިއެވެ. "ހޫމް؟"

އާހިލް ހިނިތުންވެލިއެވެ. "އަޅުގަނޑު ބައްޕައަށް ދައްކާލަން ބޭނުންވާ އެއްޗެއް އެބައޮތް."

"ކޯޗެއް؟"

"ބަލާބަލަ."

އޭނާ އަވަސްއަވަހަށް ސޯފާއާ ދިމާއަށް ގޮސް ފޯނު ދިއްކޮށްލިއެވެ. ޙަސަން ސްކްރީނަށް ބަލާލިއެވެ.

"ކޯޗެއް މި ބަލަންވީ؟"

"އަޅުގަނޑަށް ލިބުނު ފައިސާ."

ޙަސަން އަނެއްކާވެސް ބަލާލިއެވެ. "ދެހާސް އެއްސަތޭކަ ފަންސާސް؟"

އާހިލް އަވަސްއަވަހަށް ބޯޖަހާލިއެވެ. "އާނ! މިއީ އަޅުގަނޑު އަމިއްލައަށް ހޯދި ފައިސާ."

ޙަސަން ކުޑަކޮށް ބޯޖަހާލިއެވެ. "ރަނގަޅު."

އާހިލް މަޑުކޮށްލިއެވެ. ޙަސަން އަނެއްކާވެސް ޓީވީއާ ދިމާއަށް އެނބުރުނެވެ. އެ ކުއްޖާ ހަމަ އެ ހުރިގޮތަށް އެތަނުގައި ހުއްޓެވެ. ރިޝާންއަށް އެކަން ފާހަގަވިއެވެ.

"ތިއީ ހަމަ އާހިލް އަމިއްލައަށް ހޯދި ފައިސާ؟" ރިޝާން އެހިއެވެ.

އާހިލް އޭނާއަށް ބަލާލިއެވެ. "އާނ."

"އެ އޮންލައިން މަސައްކަތުން؟"

"އާނ."

ރިޝާން ހިނިތުންވެލިއެވެ. "ވަރަށް ސަޅި، ކުޑަބޭ."

އާހިލްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. "ޝުކުރިއްޔާ."

ދެން އޭނާ އަނެއްކާވެސް ޙަސަނަށް ބަލާލިއެވެ. "ބައްޕާ..."

ޙަސަން ކުޑަކޮށް އެނބުރުނެވެ. "ކީކޭ؟"

"އަޅުގަނޑު މީގެ މަސައްކަތް ކުރާތާ މިހާރު ދެ މަސް ވެއްޖެ."

"އަޑު އިވިއްޖެއޭ."

އާހިލް ހާސްވެފައި ހުރެ ހީނލިއެވެ. "އަޅުގަނޑު ހީކުރީ ބައްޕަ ވަރަށް ހައިރާންވާނެ ކަމަށް."

ޙަސަން ކޮނޑު އަރުވާލިއެވެ. "ކީއްވެ؟ މީހުން ފައިސާ ހޯދާނެ. އެއީ އާދައިގެ ކަމެއް."

އާހިލްގެ މޫނުމަތީގައި ހުރި ހިނިތުންވުން މަޑުމަޑުން ފަނޑުވެގެން ދިޔައެވެ. "އޯ."

ހަމަ އެވަގުތު، ރިޝާން ސޯފާގައި ލެނގިލިއެވެ. "ބައްޕާ، އަހަރެން އެދުނު ފައިސާ ފޮނުވައިފިންތަ؟"

ޙަސަން ވަގުތުން އޭނާގެ ފޯނު ނެގިއެވެ. "ކިހާ ވަރެއް ބޭނުންވީ؟"

"ފަސްހާސް."

"ސައިކަލަށްތަ؟"

"އާނ. އަދި ދައްކަންޖެހޭ އެހެން ބައެއް ކަންތައްތައްވެސް އެބަހުރި."

ޙަސަން އެއްވެސް އިތުރު ސުވާލެއް ނެތި ބޭންކިންގ އެޕް ހުޅުވާލިއެވެ. އާހިލް ހިމޭނުން އެމީހުންގެ ކައިރީގައި ހުއްޓެވެ. ސިކުންތުކޮޅެއް ފަހުން ޙަސަން ބުންޏެވެ. "ޗެކްކޮށްލާ."

ރިޝާން އޭނާގެ ފޯނަށް ބަލައިލިއެވެ. "ލިބިއްޖެ." އޭނާ ހިނިތުންވެލިއެވެ. "ޝުކުރިއްޔާ ބައްޕާ."

"މައްސަލައެއް ނެތް."

އާހިލް އިސްދަށަށް ޖަހައި އޭނާގެ އަމިއްލަ ފޯނަށް ބަލައިލިއެވެ. އޭނާގެ 2,150 ރުފިޔާ އަދިވެސް ސްކްރީނުން ފެންނަން ހުއްޓެވެ. އޭނާ އެ ފައިސާ ހޯދަން ދެ މަސް ދުވަހު ގަދައަޅައި މަސައްކަތް ކުރިއެވެ. ނަމަވެސް ރިޝާންބެ އެއްވެސް މަސައްކަތެއް ނުކޮށް ފަސްހާސް ރުފިޔާއަށް އެދުމުން، މިނެޓެއްގެ ތެރޭގައި ޙަސަން އެ ފޮނުވައިދިނީއެވެ.

އާހިލް އެކަމާ ނުވިސްނަން މަސައްކަތް ކުރަމުން، އެތަނުން ދާން އެނބުރުނެވެ. އެވަގުތު ޙަސަން އޭނާއަށް ގޮވައިލިއެވެ.

"އާހިލް."

"ލައްބަ ބައްޕާ؟" އެ ކުއްޖާ ވަގުތުން އެނބުރުނެވެ.

އޭނާގެ އަޑުގައި އަދިވެސް އުންމީދެއްގެ ކުލަވަރު ހުއްޓެވެ. ފަހަރެއްގައި ޙަސަން މިހާރު އޭނާއަށް ތަޢުރީފުކޮށްފާނެ ކަމަށް ހީކޮށްފައެވެ. ނުވަތަ އޯގާތެރި ބަހެއް ބުނެފާނެ ކަމަށެވެ.

އޭގެ ބަދަލުގައި ޙަސަން ބުންޏެވެ. "މިހާރު އަމިއްލައަށް ފައިސާ ހޯދާތީ، އެ ފައިސާ ރަނގަޅަށް ރައްކާކުރަން ފަށާ. އަހަރެމެން ގާތު އެހުމުގެ ބަދަލުގައި، އަމިއްލަ ބައެއް ތަކެތި ދެން ގަނެވޭނެއެއްނު."

އިރުކޮޅަކަށް އާހިލްއަށް އެ ބުނި އެއްޗެއް ދޭހައެއް ނުވިއެވެ. ދެން އޭނާ ރިޝާންއަށް ބަލައިލިއެވެ. ބާވީސް އަހަރުގެ ޒުވާނެކެވެ. ފަސްހާސް ރުފިޔާ އެއްވެސް ފަސްޖެހުމެއް ނެތި ފޮނުވައިދީފިއެވެ. ދެން އޭނާ އަނެއްކާވެސް ޙަސަނަށް ބަލައިލިއެވެ.

"އަހަރެންގެ އުމުރަކީ ތޭރަ އަހަރު."

ޙަސަން މޫނު ހަދައިލިއެވެ. "އެނގޭ."

އާހިލް ކަރުނަ ދިރުވާލިއެވެ. "ރިޝާންގެ އުމުރަކީ ބާވީސް އަހަރު."

ރިޝާން އޭނާއަށް ބަލައިލިއެވެ. ޙަސަންގެ މޫނުމަތިން ހަރުކަށިކަން ފެންނަން ފެށިއެވެ. "ކީކޭ ބުނަން ތިޔަ އުޅެނީ؟"

"އެއްޗެއް ނޫން."

"އެހެންވިއްޔާ އޭނާއާ އަޅާނުކިޔާ."

އާހިލްގެ އަތް ފޯނުގައި ބާރަށް ހިފަހައްޓައިލިއެވެ. "އަޅުގަނޑު އަޅައެއް ނުކިޔަން."

"ދެން ކީއްވެ؟"

އެ ކުއްޖާ ފަސްޖެހުނެވެ. އޭނާއަށް އެނގެއެވެ، ހިމޭނުން ހުންނަން ޖެހޭނެކަން. ތުއްތު އިރު ބައްޕަ ނިޔާވުމާއެކު އޭނާ މަންމައާއެކު ދިރިއުޅެމުން އައީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ މަންމަގެ މައިފުށުގޭގައެވެ. ބޮޑެތި މީހުންނަށް އިޙްތިރާމް ކުރަން އޭނާގެ މާމަވަނީ ވަރަށް ރަނގަޅަށް އޭނާއަށް ދަސްކޮށްދީފައެވެ. ފާއިތުވި އަހަރުވެސް ސްކޫލުން އެންމެ އަހްލާޤް ރަގަޅު ދަރިވަރަކީވެސް އާހިލް އެވެ. އޭނާ ދުވަހަކުވެސް ޙަސަނާ ދިމާއަށް އަޑުގަދަކޮށްފައެއް ނުވެއެވެ. އަބަދުވެސް އަދަބު އިޚްތިރާމް އަދާކުރެއެވެ. ނަމަވެސް އޭނާގެ ހިތަށް މިހާރު ކުރަމުންދާ އަސަރު މާ ބޮޑެވެ.

"ބައްޕާ..."

"ކީކޭ؟"

"ބައްޕަ ރިޝާން ބޭނުންވާ ކޮންމެ އެއްޗެއް ތި ދެނީ ކީއްވެ؟"

ޙަސަން އޭނާއަށް ބަލަން ހުއްޓެވެ. "ކީކޭ؟"

"އޭނާ ފައިސާއަށް އެދުމުން ބައްޕަ ތި ދެނީ. އޭނާއަށް ފޯނެއް ބޭނުންވުމުން ބައްޕަ ގަނެދެނީ. އޭނާ ބޭނުންވާ ކޮންމެ ކަމެއް ބައްޕަ—"

"ތިޔަ ފުދިއްޖެ!" ޙަސަން ބުންޏެވެ.

އާހިލް ހިމޭންވިއެވެ. އޭނާގެ ލޯ މިހާރު ހުރީ ފެންކަޅިވެފައެވެ. ދެން ޙަސަން ފުން ނޭވައެއްލިއެވެ. "ރިޝާންއަކީ މަގޭ ދަރިއެއް. އޭނާއަށް އެހީވުމަކީ އަހަރެން ކުރާނެ ކަމެއް."

މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. އާހިލް އޭނާއަށް ބަލަން ހުއްޓެވެ.

"އަދި އަހަރެން؟"

ޙަސަން ހުރީ އުނދަގޫވެފައެވެ. "މިކަންތައް ނުފަށާބަލަ."

"އަހަރެން މިއަހަނީ ހަމަ."

"އާހިލް!"

"މައްސަލައަކީ އަޅުގަނޑު މިއީ ބައްޕަގެ އުފަންދަރިއަކަށް ނުވީމަތޯ؟"

އެ ސުވާލު ކުރި އަޑު މަޑުކަމުން، ބޭރުގައި ވާރޭ ވެހޭ އަޑުވެސް މާ ބާރެވެ. ރިޝާން އޭނާގެ ބައްޕައަށް ބަލައިލިއެވެ. ރިޝާންވެސް ހުރީ ބައްޕަގެ ވާހަކަ ހުރި ގޮތުން ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ބައްޕަ ރޫޅިއައިސްފައި ހުރިކަން އެނގޭތީ ހަނު ހުރީއެވެ.

ޙަސަން އަށް ހެޔޮވިސްނޭނަމަ އާހިލްއާ އެގޮތަށް ވާހަކަ ނުދައްކާނެއެވެ. އެ ކުއްޖާގެ މޫނުމަތިން ފެންނަ ރިހުން އޭނާއަށް ފެންނަންވާނެއެވެ. އާހިލް އެ އުޅެނީ ހަގީގަތުގައި ކޮން ސުވާލެއް ކުރަންކަން އޭނާއަށް ވިސްނެންވާނެއެވެ.

ނަމަވެސް އޭގެ ބަދަލުގައި އޭނާ ބުންޏެވެ. "ތީ ޝިފާގެ ދަރިއެއް."

އާހިލްއަކަށް ގުޑިލާކަށްވެސް ނޭނގުނެވެ. ޙަސަން ވާހަކަ ކުރިއަށް ގެންދިޔައެވެ. "ރިޝާންއަކީ މަގޭ އަމިއްލަ ދަރިފުޅު. އާދައިގެ މަތިން ތަފާތުތަކެއް ހުންނާނެ."

އާހިލްގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. "އެކަމަކު ބައްޕާ..." ރިޝާންއަށް ހަނު ނުހުރެވުނެވެ.

ނަމަވެސް ޙަސަން ހުރީ ރުޅިގަދަވެފައެވެ. "އަހަރެން ނުބުނަން އާހިލްއަށް އަޅާނުލަމެކޭ. އެކަމަކު މަގޭ އަމިއްލަ ދަރިއަކާ އެއްވަރަށް ކަންތައް ކުރާނެ ކަމަށް އުންމީދު ނުކުރޭ."

އާހިލްގެ ލޯ ކަރުނުން ފުރުނެވެ. އެތައް ސިކުންތެއް ވަންދެން އޭނާ އެއްޗެއް ނުބުނެ ހުއްޓެވެ. ދެން އޭނާ މަޑުމަޑުން ބުންޏެވެ.

"އަޅުގަނޑުގެ ބައްޕަޔަކީ ތީ! އަޅުގަނޑުގެ އަސްލު ބައްޕައެއް އަޅުގަނޑުގެ ހަނދާނަކު ނެތް! އަޅުގަނޑު ދަންނަނީ ތި ބައްޕަ. އެންމެން ގާތުވެސް އަޅުގަނޑު ބުނަނީ ތިއީ އަޅުގަނޑުގެ ބައްޕަ ކަމަށް. ބައްޕަ ތީ އަޅުގަނޑުގެ އަސްލު ބައްޕަ ނޫންކަމަށް ބުނެދިނުމުގެ ކުރިން، އަޅުގަނޑު ޤަބޫލުކުރަމުން އައީ ތީ އަޅުގަނޑު އަސްލު ބައްޕަކަމަށް. ތިއީ އަސްލު ބައްޕަ ނޫންކަމެއް އަޅުގަނޑުގެ ހިތަކަށް މީގެ ކުރިން ދުވަހަކުވެސް ނާރާ!"

ޙަސަން ހުއްޓުން އެރިއެވެ. އާހިލްގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

"އަޅުގަނޑު ދުވަހަކުވެސް ބައްޕައާ މެދު ތަފާތުކޮށް ކަމެއް ނުކުރަން. ދުވަހަކުވެސް 'ދޮންބައްޕަ' އޭ ކިޔައިގެން ނުގޮވަން. އަޅުގަނޑު ދުވަހަކުވެސް އެގޮތަކަށް ނުވިސްނަން."

ޙަސަން އިސްދަށަށް ޖެހިއެވެ. އާހިލް ކައިރިއަށް ޖެހިލިއެވެ.

"ރައްޓެހިން ބައްޕައާ ބެހޭގޮތުން އެހުމުން އަޅުގަނޑު ކިޔައިދެނީ ތި ބައްޕަގެ ވާހަކަ. ޓީޗަރުން ބައްޕަ ކުރާ މަސައްކަތާ ބެހޭގޮތުން އެހުމުން ފަޚުރުވެރިކަމާއެކު އަޅުގަނޑު ބުނަނީ ބައްޕަ ކުރާ މަސައްކަތުގެ ވާހަކަ. މިދިޔަ އަހަރު ބައްޕަ ބަލިވުމުން އަޅުގަނޑަކަށް ނުނިދޭ. ބައްޕަ ގެއަށް އައުން ލަސްވާ ފަހަރުވެސް މަންމައަށް ގުޅާފައި އޮތްތޯ އަޅުގަނޑު މަންމަގެ ފޯނަށް އިރުއިރުކޮޅާ ބަލާހެދިން. ބައްޕަ ގެއަށް އައުމުން އަޅުގަނޑު ފެން ގެނެސްދީ ހެދިން. ބައްޕަގެ ބޯ މޮޑެދީ ހެދިން، ކޮންމެ ނަމާދަކަށް ފަހު ބައްޕައަށް ހެޔޮ ދުޢާކުރަން. އަޅުގަނޑު އެދެނީ އަބަދުވެސް ބައްޕަ ހެޔޮހާލުގައި ލެއްވުން"

ރިޝާން އަށް އެވާހަކަތައް އަޑުއަހަށް ކެތް ނުކުރެވުނެވެ. އޭނާއަށް ވަގުތުން އިސްދަށަށް ޖަހާލެވުނެވެ. ހަސަންއަށް އާހިލް އެއަދާކުރަމުން އައީ އަސްލު އުފަންދަރިޔަކަށްވެސް މިޒަމާނުގައި ބައްޕަޔަކަށް ދަރިއެއްގެ ފަރާތުން އަދާކޮށްނުލޭވޭނެ ހައްޤުތަކެވެ. އޭގެ އެންމެ ފުރިހަމައަށެވެ.

އާހިލް އެމީހުންގެ ކުރިމަތީގައި ރޮވޭތީ ލަދުން އަވަހަށް މޫނު ފޮހެލިއެވެ.

"އަޅުގަނޑު ހީކުރީ އަޅުގަނޑު މިގެއަށް ބަދަލުވުމުން އަޅުގަނޑުގެވެސް ބައްޕައަކު އެބަހުރި ކަމަށް. އެކަމަކު ބައްޕަ ތިބުނުއްވީ އަޅުގަނޑުގެ ބައްޕައެއް ނެތް ކަމަށް."

"އާހިލް، އަހަރެން އެހެންނެއް ނުބުނަން."

"ބައްޕައަށް ބުނެވުނީ އެހެނެއްނުންތޯ!" އާހިލްއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

އެއީ އޭނާގެ އަޑު ގަދަވި ފުރަތަމަ ފަހަރެވެ. ވަގުތުން އޭނާ އަނެއްކާވެސް އަޑު މަޑުކޮށްލިއެވެ. "މާފުކުރޭ." ރޮމުންވެސް އެ ކުއްޖާ މާފަށް އެދުމުން ޙަސަނަށް ކުރި އަސަރު މާ ބޮޑުވިއެވެ.

އާހިލް އޭނާގެ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. "އަހަރެން ދުވެފައި ގެއަށް މިއައީވެސް ބައްޕަ އަހަންނަށް ފަޚުރުވެރިވާނެ ކަމުގެ އުންމީދުގައި. އަހަންނަށް އޮންލައިންކޮށް އެންމެ ފުރަތަމަ ލިބުނު ފައިސާ ބައްޕައަށް ދައްކަން. އަދި އަހަރެން ހީކުރީ ބައްޕަ ބުނާނެ ކަމަށް... 'މާޝާ ﷲ، ދަރިފުޅު ހާދަ މޮޅޭ'..."

ޙަސަންގެ މޫނުމަތިން މޮޅިވެރިކަން ފެނުނެވެ. އާހިލް އިސްދަށަށް ޖެހިއެވެ. "ބައްޕައަށް އެނގޭތަ؟ ތިން އަހަރު މިވީ އަޅުގަނޑަށް 'ދަރިފުޅޭ' ކިޔައި ބައްޕަ ގޮވައިލާނެ ވަގުތަކަށް އަޅުގަނޑު އިންތިޒާރު ކުރާތާ."

ބަދިގެ ކައިރީގައި ހުރި ޝިފާ އޭނާގެ އަނގަމަތީގައި އަތްއަޅައިގެން ރޮމުން ދިޔައެވެ. ޙަސަން އާހިލްގެ ގައިގައި އަތްލާން އުޅުނެވެ. "އާހިލް، މިކޮޅަށް އާދެބަލަ."

އެ ކުއްޖާ ފަހަތަށް ޖެހުނެވެ. ތިން އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭނާ ޙަސަންގެ އަތާ ދުރަށް ޖެހުނެވެ. "ނޫން ބައްޕާ. އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުމެއް ނޫން."

ޙަސަން ހުއްޓުން އެރިއެވެ. "އަހަންނަށް މާފުކުރޭ."

އާހިލް ބޯ ހޫރައިލިއެވެ. "ބައްޕަ މާފަށް އެދޭކަށް ނުޖެހޭނެ. ބައްޕަ ބުނީ ހަގީގަތުގައިވެސް ތެދެއް. އެއީ އަޅުގަނޑަށް ޤަބޫލު ނުކުރެވުނަސް އަދި ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް، ރިޝާންބެއަކީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު. އަހަރެން މިއީ އެކައްޗެއްވެސް ނޫން. އަހަރެން މިއީ ހަމައެކަނި މަންމަގެ ދަރިއެއް."

އާހިލް އެންމެ ފަހު ފަހަރަށް އޭނާގެ ފޯނުގައި އިން ފައިސާގެ އަދަދަށް ބަލައިލިއެވެ. ދެ ގަޑިއިރު ކުރިން އެ އަދަދު ފެނުމުން އޭނާ ހުރީ ފަޚުރުވެރިވެފައެވެ. މިހާރު އޭނާގެ ހިތަށްއެރީ އެ އެއްވެސް މީހަކަށް ނުދެއްކުނު ނަމައޭއެވެ. އޭނާ ފޯނު ނިއްވާލިއެވެ. ދެން ޙަސަނަށް ބަލައިލިއެވެ.

"އަޅުގަނޑު އެންމެ ސުވާލެއް ކޮށްލަންތޯ؟"

ޙަސަން ކަރުނަ ދިރުވާލިއެވެ. "ކޮންމެ އެއްޗެއްވެސް އަހާ."

އާހިލްގެ ލޯ ހުރީ ރަތްވެފައެވެ. "މިވީހާ ދުވަހު އަޅުގަނޑު ބައްޕައަށް 'ބައްޕަ' އޭ ކިޔައި ގޮވި އިރު... އަހަރެން މިއީ ބައްޕަގެ ދަރިއެއް ކަމަށް ދުވަހަކުވެސް ބައްޕައަށް އިޙްސާސް ކުރެވުނުތޯ؟"

ޙަސަނަކަށް ޖަވާބެއް ނުދެވުނެވެ. އެ ހިމޭންކަން ޖަވާބަކަށް ފުދުނެވެ. އާހިލް މަޑުމަޑުން ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު" އާހިލް އަށް ޖަވާބު ނުލިބުމުން އޭނާ އެތަނުން ދާން އެނބުރުނެވެ.

"އާހިލް. އަހަރެން ދަރިފުޅަށް ފަޚުރުވެރިވަން."

އާހިލް ހުއްޓުނެވެ. ނަމަވެސް ފަހަތެއް ނުބަލައެވެ. އޭނާ މަޑުމަޑުން ބުންޏެވެ. "އާދޭސްކޮށްފައި ބުނަން، މިހާރު ދެން ތިހެން ނުބުނޭ. ބައްޕަ ތިހެން ތިބުނީ ހެޔޮހިތަކުން ކަމެއް ނުވަތަ އަޅުގަނޑު ދެރަވެފައި ހުރިވަރުން ބުނި އެއްޗެއް ކަމެއް މިހާރު އަޅުގަނޑަކަށް ނޭނގޭ."

އާހިލް އޭނާގެ ކޮޓަރިއަށް ވަދެ މަޑުމައިތިރިކަމާއެކު ދޮރު ލެއްޕިއެވެ. އެވަގުތު މުޅި ގޭތެރެއަށް ވެރިވެގެންދިޔައީ ބަރުދާސްތުކުރަން ދަތި ހިމޭންކަމެކެވެ. އަދި އެ ހިމޭންކަމުގެ އަސަރު އެންމެބޮޑަށް ކުރީ އެތަނުގައި ޙަސަނު ގާތުގައި ހުރި އޭނާގެ ދަރިފުޅު ރިޝާންއަށެވެ.

ރިޝާން އޭނާގެ ބައްޕައަށް ބަލައިލިއެވެ. "ބައްޕާ... ބައްޕައަށް އެނގޭތަ ބައްޕައަށް ކަންތައް ތި ކުރެވުނު ގޮތުން އަހަންނަށްވެސް ވަރަށް އަސަރުކޮށްފި. ދެން އާހިލްއަށް ވާނީ ކިހާވަރެއް؟ އާހިލް ބައްޕަދެކެ ވާ ލޯބި އަހަންނަށް އޭނާގެ ވާހަކަތަކުންނާއި އަމަލުތަކުން އަބަދުވެސް ފެނޭ. އެއީ އެ އުމުރުގައި ބައްޕައާ ދުރުގައި އުޅެންޖެހުމުން އަހަންނަށް އިޙްސާސްވެސް ނުކުރެވުނު ފަދަ ލޯތްބެއް. އޭނާގެ ކުރިމަތީގައި އޭނާ ބާކީކޮށްފައި އަހަންނާ ލޯބިން ވާހަކަ ދައްކާފައި އަހަންނަށް ފައިސާއާއި ތަކެތި ދޭއިރުވެސް އޭނާ ޝަކުވާއެއް ނުކުރޭ! ދުވަހަކުވެސް ބައްޕަ އަހަންނަށް ދިން އެއްޗަކަށް އޭނާ ނޭދޭ. އޭނާ އަހަރެންގެ ފޯނެއް ބޭނުމެއް ނޫން. އަހަރެންގެ ފައިސާއެއް ބޭނުމެއް ނޫން. ބައްޕަ އަހަރެންދެކެ ވާ ލޯބި މަދުކުރާކަށްވެސް އޭނާ ނޭދޭ. އޭނާ އެދެނީ ހަމައެކަނި ބައްޕަ އޭނާދެކެވެސް ލޯބިވުމަށް."

ރިޝާންއަށް ކުރި އަސަރެއްގެ ބޮޑުކަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެކަމަކު ބަދަލުގައި ބައްޕަ ތި ކުރާ ކަމަކީ ބައްޕަ އަހަރެންދެކެ ލޯބިވާ މަންޒަރު ބަލަން އެ ފަކީރަށް މަޖުބޫރު ކުރުވުން. އެ މައުސޫމު ކުއްޖާގެ ހިތުގައި ޖެއްސުން. ބައްޕަ އެހާ އިހާނެތިކޮށް ކަންތައް ކުރާއިރުވެސް، އޭނާ އެ އުޅެނީ ބައްޕަގެ އުފަންދުވަހަށް ހަދިޔާ ގަންނަން ފައިސާ ރައްކާކުރަން. ބަދަލުގައި އެ ސާފު ލޯބި ނައްތާލަން ތި މަސައްކަތް ކުރަނީ ހަމަ ބައްޕަ."

ރިޝާން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ފުން ނޭވައެއްލިއެވެ. "އާހިލް ކޮއްކޮ އެވާ ލޯބީގެ ބަދަލެއްގެ ގޮތުންވެސް، އަދި އޭނާގެ އުމުރުގެ ގޮތުން ބެލިނަމަވެސް ބައްޕަގެ ލޯބި މިއަދު އާހިލްއަށް މާ ބޮޑަށް ޙައްޤު، ބައްޕާ. އާހިލްގެ ހިތަށް ކުރާނެ އަސަރު އަހަންނަށް އިޙްސާސް ކުރެވޭ. ބައްޕަދެކެ އޭނާ ވާ ލޯބި ޤަބޫލުކޮށް، އަހަންނަށްވުރެ ބޮޑަށް އޭނާއަށް އަޅާލަދީ." އެހެން ބުނުމަށްފަހު ރިޝާން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އެވަގުތު، ބަދިގެ ފަރާތުގައި ހުރެ އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރި އާހިލްގެ މަންމަ ޝިފާ، ކަރުނަތައް ފޮހެމުން ގޮސް އާހިލްގެ ކޮޓަރިއަށް ވަނެވެ. ޝިފާ ފެނުމާއެކު އާހިލް ރޮވިފައި ބުންޏެވެ. "މަންމާ، އެ ބައްޕައަށް 'ބައްޕަ' އޭ ކިޔައިގެން ގޮވަން މަންމަ ހުއްދަ ދިނީ ކީއްވެ؟ މަންމަ ބުނީމެއްނު ބައްޕަ އަހަރެންދެކެ ލޯބިވެއޭ؟ މަންމާ! އާދޭސްކޮށްފައި ބުނަން، ދެން މީގެ ފަހުން އެހެން ނުބުނޭ. ތިހެން ބުނީމާ އަޅުގަނޑަށް އަދިވެސް އުންމީދު ކުރެވޭނެ. އުންމީދުކުރުމަކީ ހާދަހާ ވޭންހުރި ކަމެކޭ! މަންމާ، އަހަރެން ވަރުބަލިވެއްޖެ!" އާހިލްއަށް ގިސްލެވެން ފެށިއެވެ. ދެރަނުވޭ ﷲ އިރާފުޅާއި މިންވަރުފުޅުން ދަރިފުޅަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ . އަދި އެބައްޕަގެ ލޯބި ދަރިފުޅަށް ލިބޭނެ، އެބައްޕައަށް އަދި ވިސްނޭނެ" ޝިފާ އޭނާގެ މޭގައި ދަރިފުޅު ޖައްސައިލަމުން ހަމައަކަށް އެޅުވޭތޯ ބަލަމުން ދިޔައެވެ.

ގަޑިއެއްހާއިރު ފަހެވެ. ގިސްލަމުން ގޮސް އާހިލްއަށް ވަނީ ނިދިފައެވެ. ދަރިފުޅަށް ނިދިއްޖެކަން ޔަޤީންވުމުން ޝިފާ އެ ކޮޓަރިން ނުކުތެވެ. އޭރުވެސް ސިޓިންގ ރޫމުގައި އެކަނިމާއެކަނި ޙަސަން އިސްދަށަށް ޖަހައިގެން އިނެވެ. ޝިފާ އެއްވެސް އެއްޗެއް ނުބުނެ ގޮސް ވަނީ އެމީހުންގެ ކޮޓަރިއަށެވެ.

ކުޑައިރުކޮޅެއް ފަހުން ޙަސަން މަޑުމަޑުން ކޮޓަރިއަށް ވަނެވެ. އެވަގުތު މުސައްލަމަތީ ދެއަތް އުފުލައިގެން ރޮމުން ދުޢާކުރަން ޝިފާ އިނެވެ. ޝިފާ ނަމާދުކޮށް ނިމެންދެން ޙަސަން ކޮޓަރީގައި ހުރި ސޯފާގައި އިސްޖަހައިގެން އިނެވެ. ނަމާދުން އަވަދިވެ ޝިފާ މުސައްލަ ފަތްޖަހައިލުމާއެކު، ޙަސަން ފުން އަސަރާއެކު ވާހަކަދައްކަން ފެށިއެވެ.

"ޝިފާ، އަހަންނަށް މަޢާފުކުރޭ! އަހަންނަށް މިހާރު ވިސްނިއްޖެ... އަހަންނަށް ދަރިފުޅާމެދު ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށް. އަހަރެންގެ ހިތް މިހާރު ކުދިކުދިވެއްޖެ."

ޙަސަންގެ ވާހަކައާއެކު ޝިފާގެ ލޮލުން އަނެއްކާވެސް ކަރުނަ އޮހިގަތެވެ. "ޙަސަނަށް އެނގޭތަ؟ އެ ފަކީރަށް އުމުރުން އެންމެ ތިން އަހަރުގައި އޭނާގެ އަސްލު ބައްޕަ އެކްސިޑެންޓެއްގައި މި ދުނިޔެ ދޫކުރުމުން ބައްޕައެއްގެ ލޯބިން މަޙްރޫމްވި. އުމުރުން ދިހަ އަހަރު ވަންދެން ބައްޕައެއްގެ އުނިކަން އިޙްސާސްކުރަމުން އައި ކުއްޖާއަށް، މާތް ﷲ ގެ ރަޙްމަތްޕުޅުން ޙަސަން ބައްޕައެއްގެ ގޮތުގައި ދެއްކެވުމުން، އަހަންނަށްވުރެ ބޮޑަށްވެސް އޭނާ ލޯބިވީ ޙަސަންދެކެ. ޙަސަން ގޭގައި ހުންނަ ވަގުތުތަކުގައި އާހިލް އަބަދުވެސް ބޭނުންވަނީ ޙަސަނާ އެކުގައި ވަގުތު ހޭދަކުރަން. މި ފެށޭ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ޙަސަންގެ އުފަންދުވަސް ކަމަށްވާތީ، ދަރިފުޅު އައީ މީގެ ދެމަސް ކުރިން ފެށިގެން އެކަމަށް ތައްޔާރުވަމުން. އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން ޙަސަނަށް ދޭނެ ސަޕްރައިޒް ހަދިޔާއެއް ރާވަމުން..."

ޙަސަނަށް އިތުރަށް އެ ވާހަކަތައް އަޑުއަހާނެ ހިތްވަރެއް ނުލިބުނެވެ. "ޝިފާ، ހެޔޮނުވާނެ ދެން ހުއްޓާލާ! އިތުރަށް ތި ވާހަކަތައް އަޑުއަހާނެ ހިތްވަރެއް އަހަރެންގެ ނެތް. މީގެ ފަހުން ދަރިފުޅަށް މި ބައްޕަގެ ފުރިހަމަ ލޯބި ދޭނަން. އަހަރެން ބޭނުން ދަރިފުޅުގެ ކިބައިން މަޢާފަށް އެދެންވެސް. އަހަރެން އެބަދަން ދަރިފުލުގެ ކޮޓަރިއަށް ދަރިފުޅުގެ ހާލު ބަލާލަން."

ދަންވަރުގެ ހިމޭން ވަގުތުގައި ޙަސަން މަޑުމަޑުން އާހިލްގެ ކޮޓަރިއަށް ވަނެވެ. އެނދުގައި ގަދައަށް ނިދިފައި އޮތް މައުސޫމު މޫނަށް ބަލަން ހުރެފައި، ކައިރީގައި އޮތް މޭޒުމަތީގައި އޮތް އާހިލްގެ ކުޑަ ނޯޓުފޮތް ޙަސަންގެ ލޮލުގައި އަޅައިގަތެވެ. އޭނާ މަޑުމަޑުން އެ ފޮތް ހުޅުވައިލިއެވެ. އޭގައި އޮތީ ކުރިއަށް އޮތް ޙަސަންގެ އުފަންދުވަހަށް އާހިލް ރާވާފައިވާ ކަންތައްތަކުގެ ތަފުސީލެވެ. ގަންނަން ބޭނުންވާ ހަދިޔާތަކާއި، އެކަމަށް ރައްކާކުރަންޖެހޭ ފައިސާގެ ހިސާބުތަކެވެ. އަދި އޭގެ އެންމެ ފަހަތުގައި ލިޔެފައި އޮތެވެ: "ބައްޕަ އަހަންނާމެދު ފަޚުރުވެރިވާނެ ދުވަހެއް ދައްކަވާށި!" މިއިން ކޮންމެ ބަހަކުން ޙަސަންގެ ހިތް ކުދިކުދިވެ، ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އަދި ބޭއިހްތިޔާރުގައި ނިދިފައި އޮތް ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އަދި ދަރިފުޅުގެ ގައިމަތީ އޮތް ރަޖާގަނޑު ރަނގަޅުކޮށްލިއެވެ. އަދި މައުސޫ ބޮލުގައި ބޮސްދިނުމަށްފަހު ކޮޓަރިން ނުކުތެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އާހިލް ސްކޫލަށް ދާން ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު، ޙަސަން އިނީ ކޮޓަރި ބޭރުގައި ހުރި ސޯފާގައި އޭނާގެ އިންތިޒާރުގައެވެ.

އާހިލް ހުއްޓުނެވެ.

ޙަސަން ފެނުމާއެކު ބޭއިޚްތިޔާރުގައި އާހިލްގެ ތުންފަތް ހަރަކާތްތެރިވެލިއެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ދުލުން 'ބައްޕަ' އޭ ކިޔައި ގޮވައިލިކަން ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ޙަސަނަށް ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އެ އަޑު ކަންފަތާ ހަމައަށް ނައުމުން ޙަސަންގެ ހިތަށް ތޫނު ތަދެއް ވެގެންދިޔައެވެ. އޭނާ އަވަހަށް ކޮޅަށް ތެދުވިއެވެ.

"ދަރިފުޅާ... ވާހަކަދައްކައިލެވިދާނެތަ؟"

"އަޅުގަނޑު އިރުކޮޅަކުން ސްކޫލަށް ދާން ޖެހޭ." އާހިލް އިސްޖަހައިލިއެވެ.

"ހަމަ އެންމެ މިނެޓަކަށް."

އާހިލް މަޑުކޮށްލިއެވެ. ޙަސަން އޭނާގެ އަތުގައި އޮތް އެއްޗެއް ދިއްކޮށްލިއެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އާހިލް އޭނާގެ އުފަންދުވަހު ގަނެދިން އެ ބާ ސެންޓުފުޅިއެވެ. އާހިލްއަށް ވަގުތުން އެއީ ކޯޗެއްކަން އެނގުނެވެ.

"ބައްޕަގެ އަތުގައި އަދިވެސް އެ އެބައޮތްތަ؟"

"އާނ."

"ބައްޕަ ދުވަހަކުވެސް އެ ބޭނުމެއް ނުކުރަމެއްނު."

"ތެދެއް... އެ އަލަމާރީގައި ބޭއްވިގޮތަށް ބޭނުމެއް ނުކުރެވޭ. އެކަމަކު މިއަދުން ފެށިގެން އަބަދުވެސް ބޭނުންކުރާނަން!" ޙަސަން އޭނާގެ ގަމީހަށް އެއިން ކުޑަ އެތިކޮޅެއް ޖަހައިލިއެވެ.

އާހިލް ހުރީ ވާނުވާ ނޭނގިފައެވެ. ޙަސަންގެ ލޯ ވަނީ ފެންކަޅިވެފައެވެ. "ދަރިފުޅާ... އަހަރެން މިއީ ވަރަށް މޮޔަ މީހެއް."

އާހިލް ހިމޭނުން ހުއްޓެވެ.

"ބައްޕަ މީގެ ކުރިން ހީކުރީ އިންސާފަކީ ރިޝާންއަކީ މަގޭ އަމިއްލަ ދަރިއެއް ކަމަށާއި، އާހިލްއަކީ ދޮންދަރިއެއް ކަމަށް ދެކިގެން ދިރިއުޅުން ކަމަށް." ޙަސަން އިސްދަށަށް ޖަހައިލިއެވެ. "ނަމަވެސް މިއަދު ބައްޕައަށް ވިސްނިއްޖެ، ދުވަހަކުވެސް ރިޝާންގެ މަޤާމު އަތުލާކަށް އާހިލް ނޭދޭކަން. ރިޝާންދެކެ ވާ ލޯބި މަދުކުރާކަށްވެސް އާހިލް ނޭދޭކަން."

އާހިލްގެ ލޯ ކަރުނުން ފުރެން ފެށިއެވެ.

"ތި ދަރިފުޅު އެދުނީ ހަމައެކަނި ދަރިފުޅު ދެކެވެސް ލޯބިވުމަށް." ޙަސަންގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. "ތިޔަ ދަރިފުޅު، ހަމައެކަނި ހުރި ބައްޕަ ކަމުގައި އަހަރެން ދެކުނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައިކަން މިއަދު މި ބައްޕައަށް އެނގިއްޖެ. މިއަދު ތި ދަރިފުޅު 'ބައްޕަ' އޭ ކިޔާފައި ގޮވައިލާ އަޑު އަހަން މިބައްޕަ އިންތިހާއަށް ބޭނުންވެއްޖެ."

ޙަސަން އާހިލްއާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. އާހިލް ހުރީ ބަސްހުއްޓިފައެވެ.

"އަހަންނަށް 'ބައްޕަ' އޭ ކިޔައި ގޮވުމަށް އެދުމުގެ ޙައްޤެއް މިއަދަކު އަހަންނަކަށް ނެތްކަން އެނގޭ..."

އާހިލް ކަރުނަ ދިރުވައިލިއެވެ.

"ނަމަވެސް އަހަރެން ބޭނުންވަނީ އެ މަޤާމު އަލުން ހޯދަން މަސައްކަތް ކުރަން." ޙަސަން ބުންޏެވެ.

އާހިލް މަޑުމަޑުން އަހައިލިއެވެ. "ކިހިނެއް؟"

"ފޯނަކުން ނޫން." ޙަސަން ބޯ ހޫރައިލިއެވެ. "ފައިސާއަކުންވެސް ނޫން. ކުށްވެރި އިޙްސާސް ކުރެވޭތީ އެއްޗެހި ގަނެދީގެނެއްވެސް ނޫން. އަހަރެންގެ ހިތުން، އަދި އަބަދުވެސް ތި ދަރިފުޅާއެކު ހުރެގެން."

އާހިލް ހިމޭނުން ހުރެ ރޮމުން ދިޔައެވެ. ޙަސަން ވާހަކަ ކުރިއަށް ގެންދިޔައެވެ. "އިއްޔެ ދަރިފުޅު ބުނި ވާހަކައެއް އަހަރެންގެ ހިތަކުން ނުފިލި."

"ކޮން ވާހަކައެއް؟"

"ބުނީމެއްނު، ފާއިތުވި ތިން އަހަރު ތެރޭގައިވެސް އަހަންނަކީ އާހިލްގެ އަސްލު ބައްޕަ ނޫންކަމުގެ އިޙްސާސެއް ނުކުރެވެއޭ. އެއީ ތި ދަރިފުޅުގެ ފަރާތުން އަހަންނަށް ދިން އެންމެ ބޮޑު ޝަރަފު. އެކަމަކު އަހަރެން ވިސްނުމެއް ނެތި އެ ހުރިހާ ކަމެއް ކުދިކުދިކޮށްލީ. އަހަންނަށް މަޢާފުކުރޭ ދަރިފުޅާ!"

އެ ކުއްޖާ ވަގުތުން އިސްއުފުލައި ބަލައިލިއެވެ.

"މިހިނދުން ފެށިގެން ދަރިފުޅުގެ ހުރިހާ ކަމެއްގައި މި ބައްޕަ އެންމެ ގާތުގައި ހުންނާނަން." ޙަސަން ބުންޏެވެ.

އާހިލް މޫނުގައި ދެއަތް އަޅައި ގިސްލައި ރޮއިގަތެވެ. ދެން މަޑުމަޑުން އެ ތޭރަ އަހަރުގެ ކުއްޖާ ކުރިއަށް ޖެހިލައި، އޭނާގެ މޫނު ޙަސަންގެ މޭގައި ޖައްސައިލިއެވެ. ޙަސަން އޭނާގެ ދެއަތުން އެ ކުއްޖާގެ ގައިގައި ނުހަނު ބާރަށް ބައްދައިލިއެވެ.

އާހިލް ގިސްލަމުން ބުންޏެވެ. "ބައްޕާ! ކީއްވެ ކުރިން އަޅުގަނޑުދެކެ ލޯބިނުވީ؟ ތިޔަ ބައްޕަދެކެ އަޅުގަނޑު ވާ ލޯބި ﷲ ދެނެވޮޑިގަންނަވާނެ. ބައްޕައަށް އަބަދުވެސް ހެޔޮދުޢާކުރަން. ބައްޕަ އަޅުގަނޑާމެދު ދެކޭގޮތް ބަދަލުކޮށްދެއްވުމަށް އެދި ދުޢާކުރިން."

އެ ވާހަކަތަކުން ޙަސަންގެ ހިތް ފަޅައިގެންދާވަރު ވިއެވެ. އޭނާ އެ ކުއްޖާގެ ގައިގައި އިތުރަށް ބާރަށް ބައްދައިލިއެވެ. "އަހަރެން ދަރިފުޅުދެކެ އަބަދުވެސް ލޯބިވިން."

"އެހެންވީއިރު އަޅުގަނޑަށް އެކަން އިޙްސާސް ނުވީ ކީއްވެ؟ އަޅުގަނޑުގެ ކުރިމަތީގައި ރިޝާންބެއަށް ހުރިހާ ލޯތްބާއި އަޅާލުމެއް ދިންއިރު، އަޅުގަނޑާ ވާހަކަދެއްކީވެސް އުނދަގުލެއް ވެގެން އުޅޭހެން. އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟"

ޙަސަންގެ އަތުގައި ދިފާޢުވާނެ އެއްވެސް ބަހެއް ނެތެވެ. "ސަބަބަކީ އެ ލޯބި ދައްކަން މި މޮޔަ ބައްޕައަށް ނޭނގުނީ."

އާހިލް ޙަސަންގެ މޭގައި ބޯއަޅައިގެން އޮވެ ރޮމުން ދިޔައެވެ. "އަޅުގަނޑު ވަރަށް މަސައްކަތް ކުރިން ބައްޕަގެ އޯގާތެރިކަން ހޯދަން. ރިޝާންބެއާ ވާހަކަދައްކާ ފަދައިން އަޅުގަނޑާވެސް ވާހަކަދައްކާތަން ދެކެން. އެހެންވެ އަޅުގަނޑު ވަރަށް ރަނގަޅު ކުއްޖަކަށްވާން މަސައްކަތް ކުރިން. އަޅުގަނޑު ހީކުރީ މާ ރަނގަޅު ކުއްޖަކަށް ވެއްޖެނަމަ، ބައްޕަ ރިޝާންބެދެކެ ވާހެން އަޅުގަނޑުދެކެވެސް ލޯބިވާނެ ކަމަށް."

ޙަސަން ދެލޯ މަރައިލިއެވެ. "އެއްވެސް ކުއްޖަކީ ބައްޕައެއްގެ ލޯބި ހޯދުމަށް 'ރަނގަޅު ކުއްޖަކަށް' ވާން ޝަރުޠުވާންޖެހޭނެ ކުއްޖެއް ނޫން." އޭނާ އާހިލްގެ ބޮލުގައި ބޮސްދިނެވެ. "މި ބައްޕަގެ ލޯބި ހޯދަން ދެން ދަރިފުޅު އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެ. ދުވަހަކުވެސް ނުޖެހޭނެ. ބައްޕަ ހޭލައްވައިލަދިނީ ދަރިފުޅު އާހިލް. މީގެފަހުން މި ބައްޕައަކީ ދަރިފުޅުގެ އަސްލު ބައްޕަ ނޫންކަމުގެ އިޙްސާސެއް ދުވަހަކުވެސް ވިޔަކަ ނުދޭނަން!"

އެމީހުން އެގޮތުގައި އެތައް އިރަކު ތިއްބެވެ. ތިން އަހަރުގެ ހިތްދަތިކަން އެއްމެ ބައްދައިލުމަކުން އެކީ ފޮހެވިގެންނެއް ނުދާނެއެވެ. އަދި އެކަން އެހެންނެއް ނުވެސް ވިއެވެ. ހިތުގެ ޒަޚަމްތައް ފަސޭހަވާން ވަގުތު ނެގިއެވެ. ޙަސަން ބަދަލުވާން ޖެހުނެވެ. ހަމައެކަނި އެއް ދުވަހަކަށް ނުވަތަ ހަފުތާއަކަށް ނޫނެވެ. އަދި ކުށްވެރި އިޙްސާސް ކުރެވޭތީއެއްވެސް ނޫނެވެ. އޭނާގެ ކޮންމެ ދުވަހެއްގެ ޢަމަލުން އެ ބަދަލު ދައްކަން ޖެހުނެވެ.

ޙަސަން، އާހިލްގެ ސްކޫލް ކަންތައްތަކާ ބެހޭގޮތުން އޮޅުންފިލުވަން ފެށިއެވެ. ސްކޫލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ހިތްވަރު ދޭން ފެށިއެވެ. އާހިލް އޮންލައިންކޮށް މަސައްކަތް ކުރާއިރު ކައިރީގައި އިށީނދެގެން އިނދެ އެހީތެރިވެދެއެވެ. އޭނާ އެ ދެ ކުދިން ތަފާތުކުރުން އެއްކޮށް ހުއްޓައިލިއެވެ. އަދި ހަމައެއާއެކު، އޭނާއަކީ ރިޝާންއަށްވެސް މާ ރަނގަޅު ބައްޕައަކަށް ވިއެވެ. ބާވީސް އަހަރުގެ ރިޝާން އެދޭ ކޮންމެ އެއްޗެއް ދިނުމުގެ ބަދަލުގައި، އަމިއްލައަށް މަސައްކަތްކޮށް، ފައިސާ ރައްކާކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ހިތްވަރު ދިނެވެ.

މަސްތަކެއް ފަހެވެ. އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އެ ތިން މީހުން ސިޓިންގ ރޫމުގައި އެކުގައި ތިއްބާ އާހިލްގެ ފޯނަށް ފައިސާ ލިބުނު ކަމުގެ ނޮޓިފިކޭޝަނެއް އައެވެ. އޭނާ ފޯނަށް ބަލައިލުމާއެކު ލޯ ބޮޑުވެގެން ދިޔައެވެ. ރިޝާންއަށް އެކަން ފާހަގަވިއެވެ.

"ކިހާ ވަރެއް، ވިޔަފާރިވެރިޔާ؟" ރިޝާން ހިނިތުންވެލަމުން އަހައިލިއެވެ.

އާހިލް ލަދުރަކި ގޮތަކަށް ހީނލިއެވެ. "ހަތަރުހާސް އަށްސަތޭކަ ރުފިޔާ."

"ކީކޭ؟" ރިޝާން ފުންމައިގެން ތެދުވެ އާހިލްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. "ކޮއްކޮ އަހަންނަށްވުރެ މުއްސަނދިވެއްޖެއެއްނު!"

އާހިލް ހީނލިއެވެ. ދެން އޭނާ ބޭއިޚްތިޔާރުގައި ޙަސަނާ ދިމާއަށް ބަލައިލިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ކުރީގެ އެ ބިރުވެރި ހަނދާންތައް އޭނާގެ ހިތަށް ކަހައިލިއެވެ. ދެހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ހިފައިގެން ހުރިއިރު، އެއްވެސް އަޅާލުމެއް ނުލިބި ހިތްދަތިވި ހަނދާނެވެ.

ނަމަވެސް މިފަހަރު ކަންތައް ވީ މުޅިން ތަފާތު ގޮތަކަށެވެ. ޙަސަން ސޯފާއިން ތެދުވެގެން ހިނިތުންވުމާއެކު އާހިލްއާ ދިމާއަށް އައެވެ. އޭނާ ފައިސާގެ އަދަދަކާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. އަދި ރިޝާންއާ އަޅައެއްވެސް ނުކިޔައެވެ. އޭނާ ކުލުނުވެރިގޮތަކަށް އާހިލްގެ ބޮލުގައި ފިރުމާލިއެވެ.

"މާޝާ ﷲ! ބައްޕަ ދަރިފުޅާމެދު ފަޚުރުވެރިވަން."

އާހިލްގެ ލޯ އުފާވެރިކަމުގެ ކަރުނުން ފުރުނެވެ. ޙަސަން ނުހަނު ލޯތްބާއެކު ބަލައިލިއެވެ.

"ތިއީ މިބައްޕަގެ ލޯބިވާ ދަރިފުޅު."

ހަމަ އެ ބަސްތަކެވެ. އާހިލް އެތައް އަހަރެއް ވަންދެން އަޑުއަހަން އިންތިޒާރުކުރި އެ ޖާދުވީ ބަސްތަކެވެ. އާހިލް އުފަލުން ގޮސް އިސްދަށަށް ޖެހީ ރޮވެތީ އެކަން ނައަންގަން ވެގެންނެވެ. އެހެންނަމަވެސް ކޮއްކޮގެ އިހްސާސްތައް ރިޝާން އެނގެއެވެ. އެހެންވެ ރިޝާން ވަގުތުން އާހިލްއާ ދިމާކޮށްލިއެވެ.

"އާހިލްކޮއްކޮ ތި ރޮނީތަ؟"

"ނޫނޭ ރިޝާންބެ..." އާހިލް މޫނު ފޮރުވަން އުޅުނެވެ.

"ޔަޤީނުންވެސް ތި ރޮނީ."

"ދެން މަޑުން ހުރެބަލަ، ރިޝާންބޭ!"

އެންމެންގެ ހުނުމުގެ އަޑު ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ޙަސަން އެ ދެ ކުދިން އޭނާގެ މޭގައި ޖައްސައި ގާތްކޮށްލިއެވެ. އެކެއްގެ އުމުރަކީ ބާވީސް އަހަރެވެ. އަނެކެއްގެ އުމުރަކީ ތޭރަ އަހަރެވެ. އެކަކީ އޭނާގެ އަމިއްލަ ލޭގެ ގުޅުން އޮތް ދަރިއެކެވެ. އަނެކަކީ، ލޭގެ ގުޅުމަށްވުރެވެސް މާ ބާރުގަދަ ގުޅުމަކުން ގުޅިފައިވާ ކުއްޖެކެވެ. އެއީ ކުޑަކުއްޖެއްގެ ޚާލިޞް ލޯތްބާއި ފުރިހަމަ އިތުބާރެވެ.

އާހިލް، ޙަސަންގެ ދިރިއުޅުމުގެ ތެރެއަށް އުމުރުން ދިހަ އަހަރުގައި ވަނީ އޭނާއަށް ބައްޕައެއްގެ ހިޔާވަހިކަން ބޭނުންވާތީއެވެ. ނަމަވެސް އެންމެ ފަހުން ޙަސަނަށް ވިސްނުނީ، އޭނާގެ ދިރިއުޅުމަށްވެސް އާހިލްގެ މުހިންމުކަން އޮތް މިންވަރެވެ. ސަބަބަކީ ބޮޑެތިވެފައިވާ އެއްވެސް މީހަކަށް ދަސްނުވި ފުރިހަމަ ފިލާވަޅެއް އެ ކުޑަ ކުއްޖާ އޭނާއަށް ދަސްކޮށްދިނީތީއެވެ.

ބައްޕައަކީ ހަމައެކަނި ކުއްޖެއްގެ ހަށިގަނޑުގައި ހިނގާ ލޭގެ ވެރިޔާއެއް ނޫނެވެ. ބައްޕައަކީ، އޭނާގެ ޢަމަލާއި ލޯބީގެ ސަބަބުން، އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި ފަޚުރުވެރިކަމާއެކު 'ބައްޕަ' އޭ ކިޔައި ގޮވައިލުމުގެ އިޙްސާސް ކުއްޖާއަށް ހޯދައިދޭ މީހާއެވެ.

ބައެއް ފަހަރު ކުދިން މީހަކަށް 'ބައްޕަ' އޭ ކިޔައި ގޮވުން ހުއްޓައިލަނީ އެމީހަކުދެކެ ވާ ލޯބި ނެތިގެންނެއް ނޫނެވެ. އެކަން ހުއްޓައިލަނީ، އެމީހަކުދެކެ ލޯބިވުމަކީ ވޭނަކަށް ވާން ފެށުމުންނެވެ. އާހިލް ދުވަހަކުވެސް ޙަސަންގެ މުދަލަކަށް ނުވަތަ ފައިސާއަކަށް ނޭދެއެވެ. ރިޝާންގެ ޙައްޤަކަށް އަރައިގަންނާކަށްވެސް ނޭދެއެވެ. އަގުބޮޑު ހަދިޔާތަކަށްވެސް އެދިފައެއް ނެތެވެ. އޭނާ އެދުނީ މާ އާދައިގެ، އެހެނަސް އަގުނުކުރެވޭ ފަދަ ކަމަކަށެވެ.

ޙަސަން އޭނާގެ އަމިއްލަ ދަރިއަށް ބަލައިލުމަށްފަހު، "ތިއީ މަގޭ ދަރިފުޅު،" އޭ ބުނި ކޮންމެ ފަހަރަކު، އާހިލް ތިން އަހަރު ވަންދެން ހިތާހިތުން އެދެމުން އައީ ދުވަހަކުން ޙަސަން އޭނާއަށް ބަލައިލުމަށްފަހުވެސް ހަމަ އެހެން ބުނާނެ ނަމައޭ ހިތައެވެ.

އަދި އެންމެ ފަހުން، މުޅި ހިތުގެ އިޚްލާޞްތެރިކަމާއެކު ޙަސަން އެހެން ބުނެދީފިއެވެ.



ކިޔުންތެރިންގެ ހިޔާލު