ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު، އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މާލީ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އަބޫދާބީ ފަންޑާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތް ގުޅިގެން މިހާރު ހިންގާ މަޝްރޫޢުތަކާއި ކުރިއަށްރޭވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ މެދުވެސް މަޝްވަރާކުރެވުނު ކަމަށް މާލީ ވުޒާރާ އިން ބުނެއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ހަސަން ޒަރީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އަބޫދާބީ ފަންޑުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށާއި ދެމެދުގައިވާ ހަރުދަނާ ގުޅުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އެ ފަންޑަށް ޝުކުރު އަދާކުރެއްވިއެވެ.

ވަޒީރު ޒަރީރު އޭޑީއެފްޑީއާއެކު މަޝްވަރާކުރައްވާފައިވާއިރު، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި، އެއްބާރުލުން ދެވިދާނެ ތަފާތު ދާއިރާތަކާއި މަޝްރޫޢުތަކާ މެދު މަޝްވަރާކުރައްވާފައެވެ.

އަބޫދާބީ ފަންޑަކީ 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މުހިންމު ބައިވެރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް