ރަށްވެހިކަން ދޫކޮށްލާ އިރު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ނަގަމުންދާ ފީތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޚާއްޞަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު ވިދާޅުވީ، ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި 5،000 ރުފިޔާއާ ހަމައަށް ބައެއް ކައުންސިލްތަކުން ކަނޑައަޅަމުންދާ ކަމަށެވެ. މިއީ އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ވަރަށް ބޮޑު މާލީ ބުރައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު 5،000 ނުވަތަ 6،000 ރުފިޔާއިން ފީ ދައްކަން ޖެހުމަކީ އާންމު ރައްޔިތަކަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ ކަމެއް. މިސާލަކަށް ދެމަފިރިންނާއި ދަރިއަކު އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރަން އުޅުނަސް 15،000 ރުފިޔާ ޚަރަދުވާނެ. މިއީ ވަރަށް ބޮޑު އަދަދެއް،" ނިމާލު ވިދާޅުވިއެވެ.

ނިމާލު އިތުރަށް ވިދާޅުވީ، ރަށްވެހިކަން ބަދަލުކުރުމުގެ ފީތައް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް އޮތް ނަމަވެސް، އެފަދަ ނިންމުންތައް ނިންމަންވާނީ ރައްޔިތުންގެ ކުޅަދާނަކަމަށް ބަލައި، އާންމުންނަށް ދަތިނުވާނެ ގޮތަކަށް ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކައުންސިލްތަކުން ފީ ނެގިދާނެ މިންގަނޑުތައް ބަޔާންކުރާ އުސޫލެއް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބޮޑުވެފައިވަނީ ފ. ބިލެތްދޫ ކައުންސިލުން އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެހެން ރަށެއްގެ ދަފްތަރުން ކެނޑިގެން ބިލެތްދޫގެ ރަށްވެއްސަކަށްވާ މީހުންނަށް 2،500 ރުފިޔާގެ އިނާމެއް ދިނުމަށްވެސް އެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް