ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި މުބާރަކްބާދީ ފޮނުއްވައިފިއެވެ.

މިއަދު މީސްމީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، މި ވޭތުވެދިޔަ ދިގު މާޒީގައި ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކޮށްފައިވަނީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށެވެ. އަދި މި މަތިވެރި ނިޢުމަތަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިން އަބަދުވެސް ދެމިތިބީ އެބައިމީހުންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައި އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެންނެވެ. އަދި އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲ ގެ މަގުގައި ދިވެހީން ޖިހާދުކޮށްފައިވާކަން އެމަނިކުފާނު ހަނދާން އައުކުރެއްވިއެވެ.

މީގެއިތުރުން، ހިޖުރީގޮތުން މި ވޭތުވި 9 ޤަރުނުގެ ތެރޭގައި ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ކޮންމެ ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީވެސް މާތްވެގެންވާ އިސްލާމްދީން ކަމަށާއި، މި މަތިވެރި ދީނަކީ މި ޤައުމުގެ އިއްޔެއާއި މިއަދުގެ އިތުރުން މާދަމާގެވެސް ސަލާމަތް ކަމުގައި ރައީސް ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މި އުފާވެރި މުނާސަބާގެ ހެޔޮ ދުޢާތަކާއި ތަހުނިޔާ ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. އަދި ދިވެހީން އަބަދަށް މުސްލިމުންގެ ގޮތުގައި ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް އަބަދުމެ ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދިވަޑައިގެން އެމަނިކުފާނު ހެޔޮ ދުޢާ ދެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް