އިލެކްޝާން ކޮމިޝަންގެ ރައީސް
އިލެކްޝާން ކޮމިޝަންގެ ރައީސް
ގާނޫނުގައި ބުނާ މުއްދަތުގައި ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވެން ނެތް ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން މިއަދު އެކަން އިއުލާންކޮށްފިއެވެ.

އެކަން އާއްމުކޮށް އީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިންތިހާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި، ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުމަކީ އެކޮމިޝަންގެ ޒިންމާއެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އީސީގެ މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަބަދުމެ ކުރިއަށް ނެރެ، އިސްކަންދޭންވާނެ ކަމަށް ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާތީ، ހެލްތު މިނިސްޓްރީގެ ގަރާރާ ގުޅިގެން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް ކަނޑައަޅައި އެކަން އާއްމުކޮށް އިއުލާންކުރަމެވެ." އީސީން ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުވުމާއެކު، ނުވަތަ އެކަމަށް އަމަލު ކުރާނެ ގާނޫނީ ހައްލެއް ލިބުމާއެކު އިންތިހާބުތަކާ ގުޅިގެން އިތުރަށް ކަނޑައަޅާގޮތެއް އެ ކޮމިޝަނުން އާއްމު ކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން އިއުލާންކޮށްފައިވާ އިރު، އަންނަ އަހަރުގެ ޖެނުއަރީ ހަޔަކާ ހަމައަށް އިންތިހާބު ފަސްކުރުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގެ ނަމުގައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.

އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް މިވަގުތު ހުއްޓިފައި އޮތުމުން އެ ބިލްގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭގޮތް އަދި ވަނީ ނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން