ހިމަބިހު ޖެހިފައިވާ މީހެއް-
ހިމަބިހު ޖެހިފައިވާ މީހެއް-
މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު 5 މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވާ ޖުމްލަ މީހުންގެ ޢަދަދު ވަނީ 269 އަށް އަރާފައެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 16،368 މީހަކަށް ވެކްސިން ދެވިފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަޤީންނުވާ ފަރާތްތަކުން ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ މަރުކަޒަކަށް ގޮސް ޑޯޒްތައް ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެފައިވާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓުންނަށް ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ ހަނދާންކޮށްދީފައެވެ.

ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތު ހޯދުމުގައި އަބަދުވެސް ރަސްމީ އިދާރާތަކުން ދޫކުރާ މަޢުލޫމާތަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު