ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ، އެންމެފަހުން މިގާނޫނަށް އިތުރުކޮށްދީފައިވާ މުއްދަތު މި އޭޕްރީލް މަހުގެ ނިޔަލަށް ހަމަވާނެތީ އެ ގާނޫނުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެޓާނީޖެނެރަލްގެ އޮފީހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެންނެވެ. އޭޖީ އޮފީހުން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެގަވާއިދުތަކާގުޅިގެން ހަދަންޖެހޭ ގާނޫނުތަކާބެހޭ ބިލްތަކުގެ މަސައްކަތް ބައެއްކަހަލަ ދަތިތައް ކުރިމަތިވުމުގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތަށް ނިންމެންނެތް ކަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ މުއްދަތެއް އިތުރުކޮށްދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނަކީ މިހާރުގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް ވުޖޫދުވެފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ ޤާނޫނެކެވެ. އެ ގާނޫނުތައް ނިންމަންދެން، ގާނޫނަކުން އެއް އަހަރުގެ މުއްދަތު ދީފައިވާ މި ޤާނޫނަށް 12 އަހަރު ވެފައިވާއިރު އަދިވެސް އެ ޤަވާޢިދުތަކަށް ހަދަންޖެހޭ ޤާނޫނުތައް ހަދާފައެއް ނުވެއެވެ.

އެހެންކަމުން މިފަހަރަކީ އެގާނޫނުގެ މުއްދަތު އިތުރުކުރާ ފަހު ފަހަރުކަމަށް ހަދައި މިއަހަރުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރުމަށް ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. އާންމު ގަވާއިދުތަކުގެ ގާނޫނުގައި ކުރިން ހިމެނުނު ގިނަ ގަވާއިދުތަކަށް ގާނޫނުތައް ހަދާފައިވާއިރު، މިހާރު މި ގާނޫނުގައި ހިމެނެނީ 22 ގަވާއިދެކެވެ.

ގަވާއިދު ކޮމިޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ އެ 22 ގަވާއިދަށް 15 ގާނޫނުހަދަންޖެހޭ ކަމަށާއި، އޭގެ ތެރެއިން 7 ބިލެއް މިހާރު މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. އަދި ދެބިލެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވާކަމަށްވެސް އާމިރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން