ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯނި ހައިޖެކް ކުރި މައްސަަލައިގައި ހައްޔަރުކުރި އެންމެން ލ. ގަމު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ޖުމްލަ 16 މީހަކު ހައްޔަރުކުރި ކަމަށާއި، އެ އެންމެން ކޯޓުން ދޫކޮށްލީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް ތަހުގީގުގެ ތެރެއިން ބެލިގެންދާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ ފުލުހުން އަމަލުކުރަން އޮންނަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަން ފުލުުހުންގެ ސްޓޭންޑާރޑް ކޮމާންޑަށް ނުވަތަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ލ. ވަޑިނޮޅި ކައިރީގައި އެންދަމަން އޮއްވާ ފަސްކުރި ދޯންޏަށް އެރި ބަޔަކު އެދޯނި ހައިޖެކް ކޮށް ދޯނީގެ ފަޅުވެރިންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލާގައި ފަޅުވެރިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ހަތިޔާރާއެކު ދޯންޏަށް އަރާ ހަމަނުޖެހުން ހިންގީ ދޯނީގެ ވެރިފަރާތް ކަމަށް ބުނާ އިދުރީސްގެ އަމުރަށް ކަމަށެވެ. އަދި އެ ދޯންޏަށް 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާ އަދި ދޯންޏަށް އަރައި ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮއްވާ ހޭލައްވައި، ދޯނި ސްޓާޓްކޮށް ދުއްވަން އަމުރު ކުރީ ވަޅި އާއެކު ތިބި ތިން މީހުން ކަމަށް އެބަޔާނުގައި ވެއެވެ.

މި ދޯނި ގަތުމަށް ކަނޑައެޅި އަދަދު އެއްކޮށް ދައްކާފައި ނުވުމުން އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ހުށަހެޅުމުން ލ. ގަމު ކޯޓުން ވަނީ ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން "ފަސްކުރި" ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުން މަނާކޮށްފައެވެ. އަދި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި އިދުރީސް އާއި ހަވާލުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން