ރައީސުލްްްޖުމްހޫރިއްޔާ ހުޅުމާލޭގައި ހަދާ ކޯވިޑް-19 އަށް ފަރުވާދޭ މަރުކަޒު ބައްލަވާލައްވަނީ
ރައީސުލްްްޖުމްހޫރިއްޔާ ހުޅުމާލޭގައި ހަދާ ކޯވިޑް-19 އަށް ފަރުވާދޭ މަރުކަޒު ބައްލަވާލައްވަނީ
މިބަހުސަކީ މިއަދު ބައެއް މީޑިއާ ތަކާއި މީސް މީޑިއާގައި ހިނގަމުންދާ ވަރަށް ވަރުގަދަ ބަހުސަކަށް ވެއްޖެއެވެ. މިމައްސަލައިގައި ބައެއް މީހުންގެ ޚިޔާލު ތަފާތެވެ. އަނެއް ބައެއްގެ ހުރީ ހުސް ސުވާލެވެ. ބައެއް މީހުންނަށް ވާންވީ ގޮތާއި މިވެގެން އުޅޭ ގޮތް މާ ބޮޑަށް އެނގެނީއެވެ. އެންމެންމެ ކުރަނީ ބަހުސެވެ. ވާނުވާއެއް ވިސްނާލާހެނެއް ހިއެއް ނުވެއެވެ. ހިތުގައި އުފައްދަނީ ހުސް ސުވާލެވެ. ޖަވާބު ހޯދަން އުޅޭހެނެއް ހިއެއް ނުވެއެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ ވަރަށް ބޭކާރު ޚަރަދެކެވެ. ވަގުތީ ގޮތުން ހަދާލާ އިމާރާތަކަށް 40 މިލިއަން ރުފިޔާ ޚަރަދު ކޮށްލާތީއެވެ. މި ވިސްނުން ބައެއް މީހުންގެ ބޮލަށް ވަންނަނީ ހަމަ ހެޔޮ ނިޔަތެއްގައި ކަމަށް ވެސް ވެދާނެއެވެ. އަނެއް ބަޔަކަށް ވާނުވާ ނޭނގޭތީވެ ސުވާލު އުފައްދަނީ ކަމަށް ވެސް ވެދާނެއެވެ. މިއަދު ރާއްޖެ މިއޮތް ހާލަތުން އިޤްތިޞާދުގައި އެވަރުނެތި ބޮޑު ޚަރަތުތަކެއް ކުރާތީވެ ހަގީގަތުގައި ވެސް ބައެއް ފަރާތްތަކުގެ ހިތައް ނުތަނަވަސް ކަމެއް އަންނަނީ ކަމުގައި ވެސް ވެދާނެއެވެ.

ކަންމިހެން އޮއްވާ އަދި އާންމުންގެ މެދުގައި މިހާ ޚިޔާލު ދެކަފިވެފައިވާ އިރެއްގައި މީހުންގެ ހިތްތަކަށް ނުތަވަސްކަން އުފެއްދުމަށް ގަސްތުގައި ވާހަކަ ފަތުރާ ބަޔަކު ވެސް އެބައުޅެއެވެ. އެމީހުންނަށް އެނގިފައި ހުރި މައުލޫމާތެއް ރަނގަޅަށް ނުބުނެދީ ސުވާލު އުފެދޭ ގޮތަށް މީސް މީޑިޑިޔާއަށް ފެތޭ ވަރަށް އަކުރުތަކެއް، ބަސްތަކެއް ލިއެފައި ޖައްވަށް ދޫކޮށްލަނީއެވެ.

ކޮންޓިންޖެންސީ ބަޖެޓުގެ ވާހަކައާއި އެއިން ނުކުރެވޭ ކަންކަމުގެ ވާހަކަތައް ތިލަ ކޮށްލަނީ އާންމުންނަށާއި ނޫސްވެރިންގެ ހިތުގައި ވެސް ޝައްކާއި ވަހުމާއި ސުވާލު އުފެދޭ ގޮތަށެވެ. ދެން މިވާހަކަ އަޑު އިވޭއިރަށް ކޮންމެ މީހަކަށް ގަބޫލުކުރެވެނީ އެ ބަޖެޓުގައި ޖަހާފައި އޮތް އެއްޗެއް މިވަގުތު ނަހަމަ ގޮތުގައި ނުވަތަ ބަޔަކަށް ޏާޖާއިޒު ފައިދާ ތަކެއް ހޯދައިދޭން ސަރުކާރުގައި ތިބި ބައަކު ޚަރަދުކޮށް ނަގަނީ ކަމަށެވެ. ދެން މި ފަދަ ވާހަކަ ތަކާއި 40 މިލިއަން ރުފިޔާގެ ހެލްތު ފެސިލިޓީއާއި ވެސް ގުޅުވާލެވެނީއެވެ. އަދި އެ ހޯދަން އުޅޭ ވެންޓިލޭޓަރާއި ވެސް ގުޅުވާލަނީއެވެ. ދެން މިހުރިހާ ހިސާބެއް އެއްކޮށްލީމާ ނަތީޖާއަކަށް އަންނަނީ މުޅިންވެސް ކޮރަޕްޝަނާއި ފަސާދައެވެ. އެވާހަކަ އޮޅުން ފިލުވައިދޭން އުޅޭ ވަރަކަށް ވަނީ ހައްތަހާގޯހެވެ. ކުރިން ކުރިފަޅައިގެން ހެދެނީ މުޅިން ނުބައި ކޮށެވެ.

ޝައްކު އުފައްދައިގެން އުޅޭ އެކިޔާ ވެންޓިލޭޓަރު ތަކުގެ ވާހަކަ ކޯވިޑް-19 ގެ ވާހަކަތައް އެންމެނަށް ވިދާޅުވެދެއްވާ ތަރުޖަމާން ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވައިފިއެވެ. އެކަން ހިނގާ ދިޔަ ގޮތް ވިދާޅުވެދެއްވީ ރޭގައެވެ. އެހާހިސާބުން ދެން މިއަދު ތިލަވީ އެހެން ކަމެކެވެ. އެ ވެންޓިލޭޓަރުތައް ގަތުމަށް ހަވާލު ކުރި ނުވަތަ އެބުނާ ބީލަމެއް ކާމިޔާބު ކުރި ކުންފުނީގައި ސިޔާސީ ގޮތުން އިސް ފަރާތްތަކެއް ތިބި ކަމުގެ ވާހަކައެވެ. ބުނާ ގޮތުން ވިއްޔާ އެބުނާ ކުންފުންޏެއް ގައި ގިނައީ ކުރީ ސަރުކާރާއި ގުޅުން ހުރި ބައެކެވެ. ފަހަރެއްގައި ވޭތުވެދިޔަ ހަފުތާގައި ޒަރިޔަންދު އެދައްކަވާ ވާހަކައަކީ އެއީ ކަމަށްވެސް ވެދާނެއެވެ. އަދި އެކަމުގައި އެކިހާހެން ގޯހެއްވެސް ހަމަ އޮވެދާނެއެވެ.

ޒަރިޔަންދަކީ މިހާރު އެކިޔާ ބިޑްތަކާ ވަރަށް ގާތުގައި ބަސްކިޔޭ ހިސާބުގައި ހުންނެވި ބޭފުޅެކެވެ. އެބޭފުޅާ މީސް މީޑިއާއަށް އެ ދޫކޮށްލާ ވާހަކައިގައިވެސް އާރު ނުލައެއް ހުންނާނެއެކޭ ދަންނަވާކަން ނުކެރޭނެއެވެ. އެކަމަކު ސުވާލަކީ މީސް މީޑިއާގެ ތެރެއަށް އެކަނި އެވާހަކަ ދޫކޮށްލީމާ އެއިން އެންމެ އެކަށީގެންވާ ނަތީޖާ ނުކުންނާނެ ކަމާމެދު އުފެދޭ ސުވާލެވެ. މީސްމީޑިއާގައި ކަމެއް ތިލަކުރުމުގެ މައިގަނޑު މަޤުޞަދަކަށް ވާނީ ވީހާވެސް ގިނަ ބަޔަކަށް އެކަމެއް އެނގި ވާނުވާ އޮޅުން ފިލުވައި ދިނުން ކަމުގައި ބެލެވެއެވެ. އެހެންވިއްޔާ އެކަމުގެ ހަގީގީ ނަތީޖާ ފެންނާނީ މިވެގެން އުޅޭ ގޮތެއް ރަނގަޅަށް ބުނެދިނީމާ ކަމަށް ބެލެވެއެވެ. އެހެން ނޫނީ މި ވެގެން އުޅޭ ގޮތަކީ އެކިޔާ ވެންޓިލޭޓަރ ގަންނަން ވެގެން ގޯސް މަގަކުން ހިނގީތޯ ނުވަތަ ކޯވިޑަށް ފަރުވާދޭ މަރުކަޒު ހަދަން ގޯސް މަގަކުން ހިނގީ ކަމެއްވެސް ރަނގަޅަށް ސާފެއް ނުވާނެއެވެ. ދެން މިކުރެވެނީ ހައްތާވެސް ޝައްކު ތަކެކެވެ. އުފެދީ ސުވާލު ތަކެކެވެ.

މިކަމަށް ތަރުޖަމާން މަބްރޫކް ދެއްވީ ހަމަ އެންމެ ސަޅި ހައްލެވެ. ސާފުކޮށް ވެގެން އުޅޭ ގޮތް ހާމަކުރަން ބޭނުން ނޫނިއްޔާ ދާންވީ އެއްކަލަ ވިސްލް ބްލޯވަރ ކައިރިއަށެވެ. ނޫނީ އަމިއްލައަށް ފިލާހުރެ ކަށިގަނޑު ފުމޭ މީހަކަށް ވެގެން މަބްރޫކް އެވިދާޅުވާ މަގުން ހިނގަންވީއެވެ. ޝަކުވާ ހުށައަޅަންވީއެވެ. އެދޮރު އޮތީ އެންމެންނަށްމެ ހުޅުވިފައެވެ. ހަމަ ކިރިޔާ ޝައްކެއްވާއިރަށް ވެސް އެ ބަޓަނަށް ފިއްތަވާ ލައްވަންވީއެވެ. އެކަމަކު 123 އަށް ފިއްތަވައިގެން އެއަކުން އެކަމަށް ހައްލެއް ނުލިބޭނެއެވެ. އެނަމްބަރަށް ޖެހީމާ ވަރަށް ގިނައިރު އިންތިޒާރުގައި ވެސް އިންނަން ޖެހިދާނެއެވެ. އެކަމަކު މަބްރޫކް އެވިދާޅުވާ ބަޓަން ރައީސް އޮފީހުގެ މައި ވެބްސައިޓުގައި އެބަ އިނެވެ. ނޫނީ އެބައޮތެވެ. ނަން ޖަހާފައިވެސް ނަން ނުޖަހާވެސް މަބްރޫކް ވިދާޅުވާ ގޮތަށް އެތަނަށް ވައްޓާލީމާ ދެންދާނީ ސީދާ މައްސަލަ ބަލާ މޭޒަށެވެ. އެކަމަކު މިމަގުން ހިނގީމާ ލިބޭ ނަތީޖާ ތަންކޮޅެއް ލަސްވާނެއެވެ. ނަމަވެސް ފުރިހަމަ ވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ.

ދެން އޮތީ މިކިޔާ މިހާރު މިއުޅޭ ބަލާއާފާތާއި ގުޅިގެން ހަދާ ފަރުވާދޭ ވަގުތީ މަރުކަޒުގެ ވާހަކައެވެ. އެތަން ހަދަނީ ހުޅުމާލޭގައެވެ. އެތަން އިމާރާތް ކުރުމަށް 12 މިލިއަން ރުފިޔާ ސަރުކާރުން އެބަ ހޭދަކުރެއެވެ. ދެން އެތަނަށް ވައްދާ ފަރުނީޗަރާއި ޞިއްޙީ ޚިދުމަތްދޭ އާލާތްތަކާއި އެފަދަ އިމާރާތެއްގައި ހުންނަން ޖެހޭ ޒަރޫރީ އާލާތްތައް ފުރިހަމަ ކުރުމަށް 28 މިލިއަން ހޭދަ ކުރެއެވެ. އެހެންވީމާ މުޅި ޖުމްލަ 40 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން މިތަނަށް އެބަ ޚަރަދު ކުރެއެވެ.

މިއީ ވަރަށް ވެސް ބޮޑު އަދަދެކެވެ. ވަގުތީ ގޮތުން ހަދާ ތަނަކަށް ކުރާ ބޮޑު ހޭދައެކެވެ. މީހުން އެކިޔާ ގޯސް ލަވަ އެ ކިޔަނީ މި ބޮޑު އަދަދުގެ ސަބަބުންނެވެ. އެމީހުންނަށް ވިސްނެނީ ޤައުމު މިހާރު އިޤްތިޞާދީ ގޮތުން މިއޮތް ހާލަތުން ޤައުމު އޮތީ އެފަދަ ޚަރަދެއް ކުރަން ހެއުވާ ވަރުގައި ނޫންކަމަށެވެ. މިކަމަކާއި މަބްރޫކްވެސް ދެބަސްވާނެ ހެނެއް ހިއެއް ނުވެއެވެ. އެއީ ހަމަ ވަރަށް ފައްކާ ވާހަކައެވެ.

އެކަމަކު ހަގީގަތަށް ވިސްނަމާ ހިންގަވާށެވެ. ކޯވީޑް-19 ގެ ނުރައްކާތެރިކަން މިހާރު އެއްވެސް މީހަކަށް ކިޔައިދޭކަށް ނުޖެހެއެވެ. އަދި އެބަލި އާންމުންގެ ތެރޭގައި ފެތުރެން ފަށައިފިއްޔާ ދެން ވާނެ ގޮތްވެސް އެއްވެސް މީހަކަށް ކިޔައިދޭން ޖެހޭނެ ކަމަކަށް ނުދެކެމެވެ. އެބަލި ރަށުތެރެއަށް ފެތުރިގެންފިއްޔާ ދެން ވާނެ ގޮތް، ފޯނުގެ ކީބޯޑު ދޫކޮށްލާފައި ކުޑައިރުކޮޅަކަށް ދުރަށް ޖެހިލާފައި ހަމަ ކުޑަ ކުޑަ ހިނދުކޮޅަކަށް އެކަނިވެލާފައި ވިސްނާލަމާ ހިނގާށެވެ. ޖަވާބު ލިބޭނެއެވެ.

މިކަމުގެ ކުޑަ މިސާލެއް ދަންނަވާލިޔަ ދެއްވާށެވެ. ޗައިނާ ދޫކޮށްލައްވާފައި އެމެރިކާއާއި އިނގިރޭސި ވިލާތާއި އިޓަލީ ވިލާތަށް އެކަނި ވިސްނާލަމާ ހިނގާށެވެ. މިދެންނެވީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ބޮޑެތި އަދި މުއްސަނދި، އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ވާހަކައެވެ. އެޤައުމުތަކަށް ބަލި އެރީ ހަމަ ރާއްޖެއަށް ވެސް ބަލި އެރި ގޮތަށެވެ. ޤައުމަށް ބޭރުން އެތެރެވި މީހެއްގެ ކިބައިންނެވެ. ތަފާތަކީ އެމީހުން ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވެތިބީއެވެ. އެމީހުން ބައްޔާމެދު ގަބޫލުކުރި ގޮތް ތަފާތުވެފައި އެމީހުންގެ ކެރިފޯރުންތެރިކަމާއި ޔަގީންކަން ބޮޑީއެވެ. އެޤުމުތަކުގައި ހުރި ހޮސްޕިޓަލްތައް މާ ބޮޑެއްޗެވެ. އެނދުވެސް މާގިނައެވެ. މީހުންނާ ވަސީލަތްތަކާއި ސާމާނުވެސް މާގިނައެވެ. އެކަމަކު އާންމުންގެ މެދުގައި ބަލި ފެތުރެން ފެށީއެވެ.

ކޮރޯނާވައިރަހަކީ ސިވިއަރ އެކިއުޓް ރެސްޕިރޭޓްރީ ސިންޑްރޯމް ނުވަތަ ސާސްއާއި މިޑްލް އީސްޓް ރެސްޕިރޭޓްރީ ސިންޑްރޯމް ނުވަތަ މާސްގެ އާއިލާއަށް ނިސްބަތްވާ އެއާއި ދާދި އެއްގޮތް ސިފަތަކެއް ހުރި ވައިރަހެކެވެ. އެކަމަކު މި ދެ ވައިރަހަކީ މިހާރު މި ފެތުރެމުންދާ ކޯވިޑް-19 ޖައްސާ ވައިރަހަށްވުރެ ބަލި ފެތުރުމާއި ނުރައްކާތެރިކަން ކުޑަ ދެ ވައިރަހެވެ. ކޯވިޑް-19 ޖައްސާ ވައިރަސް ފެތުރުން ހަލުއިވެފައި މާ ފަސޭހައިން ފެތުރޭކަން ހާމަކޮށްދޭ އެއްކަމަކީ ވައިރަސް ފެތުރެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ވައިރަސް ފެތުރި މުޖުތަމަޢުތަކަށް ނުރައްކަލަކަށްވެ ޤައުމުތައް މުޅިން ބަންދުކުރަންޖެހުމެވެ. އަދި މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ބައްޔަނީ އާފާތެއްފަދަ ރޯގާ ބަލިމަޑުކަމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ނިންމުމެވެ. ބަލީގެ ބޭހެއް ފަރުވާއެއް އަދި ހޯދިފައެއް ނެތެވެ. އެއްވެސް ވަރަކަށް ފެތުރުން މައިތިރިއެއް ނުވެއެވެ.

މިދެންނެވި ބޮޑެތި ޤައުމުތަކުގައި ބަލި ފެތުރެމުން އެދަނީ މުޅި މުޖުތަމަޢުގެ ތެރޭގައެވެ. އާންމުންގެ މެދުގައެވެ. އެހެންވީމާ މިހާ ހަލުއިކޮށް ފެތުރޭ ވައިރަހަކަށް މިވައިރަސް ވުމުން މިދެންނެވި ބޮޑެތި ޤައުމުތަކުގައި ހުރި ޞިއްޙީ ވަސީލަތްތަކާއި އާލާތްތަކާއި އެނދުވެސް އެއްޗަކަށް ނުވީއެވެ. ބަލި ފެތުރެން ފެށިތާ ހަފުތާއެއް ނުވަނީސް ހުރިހާ ވަސީލަތްތަކާއި އެނދާއި އާލާތްތަކަށް ޖެހުނީއެވެ. ހޮސްޕިޓަލުތަކުގައި ހިނގާބިގާވެ ނޫޅެވޭ ވަރަށް އެނދު އަތުރައިގެންވެސް ނުފުދެއެވެ. ވަގުތުން ހޮސްޕިޓަލްތައް އަޅައި ވަސީލަތްތައް އިތުރު ކުރަން މަޖުބޫރުވީއެވެ.

ރާއްޖެއަށް ބަލި މިވަނީ އެތެރެވެފައެވެ. 20 މީހުން ބައްޔަށް ޕޮޒިޓިވްވީ މި ރާއްޖެއިންނެވެ. އެކަމަކު އެމީހުން އެ ބަލި ނުވަތަ ވައިރަސް ހިފައިގެން އައީ ބޭރު ޤައުމަކުންނެވެ. މިއީ މިބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާ ފިޔަވާ އެހެން ހުރިހާ ޤައުމުތަކަށް ވެސް މިބަލި އައި ގޮތެވެ. ރާއްޖޭގައި އަދި މިބަލި މުޖުތަމަޢުގެ ތެރޭގައި ނުވަތަ ކޮމިއުނިޓީ ތެރޭގައި ނުފެތުރެއެވެ. އަޅުގަނޑުމެން އެންމެންގެ ވެސް ދުޢާއަކީ މިއެވެ. ނަމަވެސް މިހާތަނަށް ޤައުމުތަކުން ކުރަމުން އެގެންދާ ތަޖުރިބާ ތަކަށް ބަލާއިރު އެފަދަ ހާލަތަކަށް ތައްޔާރުވުމަކީ ކޮންމެހެން ކުރަން މަޖުބޫރު ކަމެކެވެ. އާބާދީގެ ތެރެއަށް މި ނުރައްކާތެރި ވަބާ ފެތުރިދާނެ ކަމަށް ތައްޔާރުވާން ޖެހެއެވެ. ބަލި ފެތުރެމުންދާވަރާއި އާބާދީއާއި އަޅާކިޔާ ވަޒަންކޮށް ބަލި ފެތުރޭން ފަށައިފިއްޔާ އެންމެ ގޯސް ހާލަތަކަށް ދިޔަޔަސް ދަތި ނުވެ ފަރުވާދެވޭ ވަރަށް އެނދާއި އާލާތްތަކާއި ވަސީލަތްތަކާއި މީހުން ތިބެން ޖެހެއެވެ.

އެހެންވީމާ މިއަދު މިއޮތީ ހުން އަންނާނެ ކަމަށް އަވަހަށް ލާނެ ރަޖާވެސް ހޯދައިގެން އެ އަތުން ހިފައިގެން ތިބެން ޖެހިފައެވެ. މަބްރޫކް ވިދާޅުވާހެން މި ބައްޔާމެދު ފަރުވާ ކުޑަކޮށްލައިގެން ތިއްބާ ދެރަ ގޮތެއް ދިމާވެއްޖެއްޔާ ކޮންމެ ރައްޔިތަކަށް ވެންޓިލޭޓަރެއްވެސް ގެންނަން ޖެހިދާނެއެވެ. ކޮންމެ ގެއެއް ޞިއްޙީ ފަރުވާދޭ މަރުކަޒަކަށް ވެސް ބަދަލު ކުރަން ޖެހިދާނެއެވެ. މިއީ ބޮޑެތި ޤައުމުތަކުން މިއަދު ފެންނަމުންދާ މަންޒަރެވެ. ކުރަމުންދާ ތަޖުރިބާއެވެ.

އަނެއްކާވެސް ދެންނެވެން އޮތީ މަބްރޫކް ވިދާޅުވާހެންނެވެ. ޤައުމު މިއޮތް ބިރުވެރި ނާޒުކު ހާލަތުގައި އޮއްވާ ރައްޔިތުންގެ ތިޖޫރިން ވައްކަންކޮށް ކޮރަޕްޝަން ހިންގާނީ ވަރަށްވެސް ލަދެއް ހަޔާތެއްނެތް، ޤައުމާއި ވަތަނާއި ރައްޔިތުންނަށްވެސް އެއްވެސް ކުލުނެއް ރަހުމެއް ހަމްދަރުދީއެއް އަދި އެއްވެސް އިންސާނިއްޔަތު ކަމެއްނެތް މީހެކެވެ. ނުވަތަ ބައެކެވެ.

އެހެންވީމާ ހުޅުމާލޭގައި އެ ތަރައްޤީ ކުރާ ފަރުވާދޭ މަރުކަޒު ހެދުމާއި މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ. ދެން އޮތީ އެތަނަށް ހޯދާ ފަރުނީޗަރާއި ފަރުވާދޭ އާލާތްތަކާއި ވެންޓިލޭޓަރުތަކަށް ހަދާނެ ގޮތެކެވެ. މިކަމުގެ ހައްލުވެސް މަބްރޫކްމެންގެ އަތުގައި ނުވަތަ ކުރެހުމުގައި، ތަސައްވަރުގައި އެބައޮތެވެ. މިހާލަތުން އަރައިގަނެވި ރޯގާބަލިމަޑުކަން މައިތިރިވުމުން އެތަނަށް ހޯދާފައިހުރި ޞިއްޙީ ފަރުވާއާގުޅުން ހުރި އާލާތްތައް ފޮނުވަން ނިންމާފައިވަނީ ރީޖަނަލް ހޮސްޕިޓަލުތަކަށެވެ. އަދި އަތޮޅުތެރޭގައި ހުރި ހޮސްޕިޓާ ތަކަށާއި ޞިއްޙީ މަރުކަޒުތަކަށެވެ. އޭރުން އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބި މިފަދަ ހާލަތްތަކަށް އަބަދުވެސް ތައްޔާރުވެގެން ތިބުމަށް މަގުކޮށުނީއެވެ.

ދެން ބައެއް ބޭފުޅުން ވިދާޅުވާނީ އެތަކެތި ބޭނުން ކުރަން ނުޖެހި އެތަންތާގައި ހުރެ ދަބަރަށްވެ ދަމިލަޖަހައި ހަލާކުވެ ދާނީއެވެ. އެހެން ވެއްޖެއްޔާ ކޮންމެ ގެއެއްގައި އަލިފާން ނިއްވާ ފުޅިވެސް ބަހައްޓާނެ ކަމެއް ނެތްތާއެވެ. އެ ބޭނުން ކުރާން ޖެހޭ ހާލަތް އަންނަނީ އަދި މާ މަދުންނެވެ. މިއީ ކަށިނެތް ދޫ ހެލެންޏާ، ފޯނުގެ ކީ ބޯޑު ގަނޑު ނާރަންޏާ ދެކޮޅަށްވެސް ދެއްކޭނެ ވާހަކައެވެ.

ހަމަގައިމުވެސް ދުނިޔޭގެ ޞިއްޙަރު ޖަމިއްޔާއިން އެބުނަނީ ބޮޑެތި ޤައުމުތަކުގެ ދިފާޢު ވަރުގަދަކޮށް ބާރު ދައްކަން ހަތިޔާރު ހޯދައި އެއްކުރާ ވަރާ ގާތަށްވެސް ޞިއްޙީ ފަރުވާއަށް ތައްޔާރުވެފައި ނެތް ކަމަށެވެ. އެނދާއި މީހުންވެސް މާ ބޮޑަށް މަދު ކަމަށެވެ. އެހެންވީމާ މިގައުމުގެ ކޮންމެ ރައްޔިތެއްގެ ބޮލަކަށް ބަލިއެނދެއް ޖެހޭވަރަށް، އަދި ކޮންމެ ރައްޔިތަކަށް ވެންޓިލޭޓަރެއް ޖެހޭ ވަރަށް އެސާމާނު ހަމަކޮށްފައި ހުރުމުން ވާނެ ގެއްލުމެއް ނެތްކަން މިއަދު މިއޮތީ ތަޖުރިބާ ކުރެވިފައެވެ.

މަބްރޫކް ވިދާޅުވަނީ ހުޅުމާލޭގައި އެއަޅާ ވަގުތީ އިމާރާތްވެސް ފަހުން ބޭނުން ނުކޮށް ދޫކޮށް ނުލާނެ ކަމަށެވެ. އެތަން ބޭނުން ކުރެވޭނެ އެތައް ގޮތެއް އެބަހުއްޓެވެ. ވީރާނަވާން ދޫކޮށްނުލާ ކޮންމެވެސް ބޭނުމެއް ކޮށްލީމާ އެ ޚަރަދުގެ ފައިދާވެސް ހަމަ ހެޔޮގޮތުގައި ޤައުމަށް ކުރީއެވެ.

އެހެންވީމާ މީސްމީޑިއާގައި ބައެއްކަހަލަ ވާހަކަތައް ފުރިހަމަ ނުކޮށް، ގޮޅި ހުސްކޮށް، ނުވަތަ ހުސްތަން ފުރާ ގޮތަށް ރޮނގުބުރި ދަމާފައި ފުރިހަމަ ނުކޮށް އެއްޗެއް ލިއެ ދޫކޮށްލުމުން ހުސްތަން ފުރާނީ އެމީހަކަށް ފެންނަ ނުވަތަ ހީވާ ގޮތަކަށެވެ. އެކަމުން ވަރަށް ގޯސް ވަސްވާސްތައް ހިތައް ވަންނާނެއެވެ. އެކަމަކު ކިރިޔާވެސް ޝައްކެއް ވަންޏާ އެއްގޮތަކަށްވެސް އެކަމަށް އޮންނަ ދޮރުގައި ޓަކި ނުޖަހާ ދޫކޮށްލައިގެން ނުވާނެއެވެ. އެކަމަކުން އިމްރާނެއް ފައްޔާޒެއް މަބްރޫކެއް ރައީސެއް ނައިބު ރައީސަކަށް ބަލާނެ ކަމެއް ނެތެވެ.

އެކަމަކު އެބޭފުޅުންގެ "ގައިގާ" ވަރު ހުރިއްޔާ، ސްލޮޓް ބާކީ ހުރިއްޔާ ހަލާލު ގޮތުގައި ދެ އަނބި އަދި ތިން އަނބިންވެސް ހޯދަންވީއެވެ. ޤައުމަށް ނާދެވި ހާލުގައި ޖެހިފައި ތިބި މީހުން ގެންނަން ބާއްވާ ފްލައިޓުން އާއިލާ ގެންނަން ވިއަސް، ނުފޫޒުގެ ބޭނުން ކޮށްގެން ޓިކެޓް ހޯދައިފިއްޔާ އެވާނީ ހަމަ ވަރަށް ކަޑަ ކަމަކަށެވެ. ވަރަށް ވެސް ހަޑި މުޑުދާރު ކަމަކަށެވެ. އެކަމަކު މަބްރޫކްވެސް އެހެން ވިދާޅުވެފައި ނިންމާލައިގެން ވާކަށް ނެތެވެ. އެކަން ހިނގާދިޔަ ގޮތް ބައްލަވައި ރައްޔިތުންނަށް ރިޕޯޓް އިއްވަވައިދެއްވަން ވާނެއެވެ. އެހެން ނޫނީ ތިޔަ ގޮނޑިއަށް ފިޓް ނޫންކަމަށް މީހުން ނިންމަފާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން