ހިމަބިހި ޖެހިފައިވާ މީހެއް
ހިމަބިހި ޖެހިފައިވާ މީހެއް
މާލެ ސަރަޙައްދުން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި 13 މީހަކަށް ހިމަބިހި (މީޒަލްސް) ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 282 މީހަކަށް ވަނީ ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައެވެ. އަދި މި ބަލިން ރައްކާތެރިވުމަށްޓަކައި ހިންގަމުންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 16,423 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، މި ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަޤީން ނުވާނަމަ، ވީ އެންމެ އަވަހަކަށް ކަނޑައެޅިފައިވާ ވެކްސިން ސެންޓަރަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވެފައިވާ (ކޮންޓެކްޓްވި) ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓުންނަށް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި ލަސްނުކޮށް ވެކްސިން ޖެހުމަށްވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ ނަޞޭޙަތްތެރިވެފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ޞިއްޙީ ކަންކަމާ ގުޅޭ މަޢުލޫމާތު ހޯދުމުގައި ރަސްމީ އިދާރާތަކުން ދޫކުރާ މަޢުލޫމާތުތަކަށް އެކަނި އިތުބާރު ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު