ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޒަމާނުގައި، އަންނަ ބަދަލުތަކަށް އިތުބާރާއެކު ކުރިމަތިލުމަށް ޓީޗަރުން ބާރުވެރިކުރުވައި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ، އަޅުގަނޑުމެންގެ ދިރިއުޅުމަށް ދެމިގެންދާ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގައި ޓީޗަރުން ކުރަމުންދާ ބުރަ މަސައްކަތާއި، އެބޭފުޅުންގެ ކޮމިޓްމެންޓާއި، ހެޔޮފުޅުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ފަސްޓް ލޭޑީގެ ޕޯސްޓުގައި ވިދާޅުވީ، ކުދިން ތަރުބިއްޔަތުކޮށް މަގުދައްކައިދިނުމުގައްޔާއި، މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާ ފަދަ ވަރުގަދަ އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގައި މުދައްރިސުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ. އަދި ކްލާސްރޫމްތައް ޓެކްނޮލޮޖީއާއި އޭއައިއާއެކު ކުރިއަރަމުން އަންނައިރު، ޓީޗަރުންނަށް އައު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މި ބަދަލުތަކަށް ފަސޭހަކަމާއި އިތުބާރާއެކު ހޭނުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދީ، އެ ފަރާތްތައް ބާރުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޓީޗަރުންގެ ކެތްތެރިކަމާއި، ދަރިވަރުންނަށް ބަހައްޓާ އަޅާލުމަށާއި، ކޮންމެ ދުވަހަކު ކޮށްދެއްވާ މިންނެތް މަސައްކަތަށްޓަކައި ހުރިހާ ޓީޗަރުންނަށް ފަސްޓް ލޭޑީ ވަނީ އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ. އަދި ޓީޗަރުން ކުރައްވާ މަސައްކަތަކީ އަގުހުރި މަސައްކަތެއް ކަމަށާއި، އޭގެ ހެޔޮ އަސަރު ކްލާސްރޫމުން ބޭރަށް، މުޅި މުޖުތަމަޢަށް އަބަދުވެސް ފޯރަމުންދާނެ ކަމަށް ވިދާޅުވެ، ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އެކަމަނާ ވަނީ އަރިސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް