ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
މުދައްރިސުން ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި ކޮންމެ ދުވަހަކު ކުރައްވާ ބުރަ މަސައްކަތުގެ އަސަރާއި ނަތީޖާ ހަމައެކަނި ކްލާސްރޫމުގެ ހަތަރު ފާރުގެ އެތެރޭގައި ތާށިވެފައި ނޯންނަ ކަމަށާއި، އެ މަސައްކަތުގެ އަގު މުޅި މުޖުތަމަޢަށް ފޯރާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.

ފައިސަލްގެ މެސެޖުގައި ވިދާޅުވީ، މުދައްރިސުން ކޮންމެ ދުވަހަކުވެސް އެ ބޭފުޅުންގެ މަސައްކަތުގައި ދައްކަވާ ކެތްތެރިކަމާއި، ޚިދުމަތުގައި ދެމިތިއްބަވާ މިންނެތް މަސައްކަތާއި އަޅާލުން ފާހަގަކޮށް، ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި މުދައްރިސުން ހޭދަކުރައްވާ އަގުހުރި ވަގުތާއި، ދެއްވާ ލޯތްބާއި، ކުރައްވާ ހިތްވަރު އޭނާ ވަކިން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.

"ދަރިވަރުންނަށްޓަކައި ތިޔަ ދެއްވާ ވަގުތާއި، ލޯތްބާއި ހަކަތައަށް ޝުކުރު ދަންނަވަން. ތިޔަ ކުރައްވާ މަސައްކަތަކީ ނުހަނު އަގުހުރި މަސައްކަތެއް. އަދި ތިޔަ ގެންނަވާ ހެޔޮ ބަދަލުގެ އަސަރު ކްލާސްރޫމަށް ވުރެ މާ ދުރަށް ފޯރައިގެންދޭ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ނަސީމްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި ޤާބިލު އަދި ހީވާގި މުދައްރިސުންނަށް ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވަމުންނެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، ޤައުމު ބިނާކުރުމުގައްޔާއި އަންނަން އޮތް ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރު މުޅި މުޖުތަމަޢުން އަބަދުވެސް ބަލައިގަނެ، އެކަމުގެ އަގު ވަޒަންކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް