ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ ތަރައްގީގެ ބޮޑު މަޝްރޫއާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރާނީ ގައުމަށް ޣައްދާރުވާ މީހުން ކަމަށާއި، އިދިކޮޅު އެމްޑީޕީން މިއަދު ކުރަމުންދަނީ އެފަދަ ނާތަހުޒީބު މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މަމްދޫހު ވިދާޅުވީ، ރާއްޖޭގެ ތާރީޚަށް ބަލައިލުމުން ވެސް ފެންނަން އޮތީ ގައުމާއި ރައްޔިތުންނަށް ފައިދާހުރި ބޮޑު ކަމެއް ވާން އުޅޭ ކޮންމެ ދަނޑިވަޅެއްގައި އެކަމަށް ހުރަސްއަޅަން އެމްޑީޕީން ނުކުންނަ މަންޒަރު ކަމަށެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު ބިޔަ މަޝްރޫއާ ދެކޮޅަށް މުޒާހަރާކޮށް އެކަން ހުއްޓުވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިއަދު އެފަދަ މަޝްރޫއެއް ސަޢޫދީ ޢަރަބިއްޔާގެ ރަތް ކަނޑު ސަރަހައްދުގައި ކާމިޔާބުކަމާއެކު ތަރައްގީކުރަމުން އަންނަ ކަމަށެވެ.

ރަސްމާލެ މަޝްރޫއަކީ ދިވެހިންނަށް ދިމާވެފައިވާ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ، މި މަޝްރޫއުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން 5،000 ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ އެންމެ އަސާސީ ބޭނުމާ ގުޅިފައިވާ މިފަދަ ބޮޑު މަޝްރޫއެއް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން އުޅޭ ސަބަބު އެއްވެސް ގޮތަކަށް ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަމްދޫހު ވިދާޅުވީ، އެ ޕާޓީގެ ވެރިކަމުގައި ނ. އަތޮޅުން 750 ހެކްޓަރު އަދި ވ. އަތޮޅުން 700 ހެކްޓަރާއެކު ޖުމްލަ 1،450 ހެކްޓަރުގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ދޫކޮށްލީ ދައުލަތަށް އެންމެ 65 މިލިއަން ޑޮލަރު ލިބޭ ގޮތަށް، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާނެ ގޮތަކަށް ކަމަށެވެ. އަދި ދައުލަތުގެ ހަރުމުދަލާއި ވިޔަފާރިތައް އަގުހެޔޮކޮށް ވިއްކާލުމަކީ އަބަދުވެސް އެމްޑީޕީގެ އާދަކަން އޭނާ ފާހަގަކުރެއްވިއެވެ.

އީގަލް ހިލްސް ކުންފުންޏާ ގުޅުވައިގެން އިޒްރޭލުގެ ވާހަކަ ދައްކައިގެން އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ރައްދު ދެއްވަމުން މަމްދޫހު ވިދާޅުވީ، 2008 ގައި ވެރިކަމަށް އައިސް އިޒްރޭލުގެ ޑޮކްޓަރުން ގެނެސް، ތައުލީމީ ނިޒާމުގެ ތެރެއިން ވެސް އެ ގައުމަށް ފުރުސަތުތައް ހުޅުވާލަދިނީ އެމްޑީޕީން ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ފަސްޖެހުނު ނަމަވެސް، އެކަން ތަންފީޒުކުރުމުގެ ހިތްވަރު ދެއްކީ 20 ވަނަ މަޖިލީހުގެ ޕީއެންސީގެ މެޖޯރިޓީއާއެކު މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް