އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2025 ގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2025 ގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
މޯލްޑިވްސް ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026" ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަނެއްކާވެސް ހަމަޖައްސައިފިއެވެ.

ބީއެމްއެލަކީ މިދިޔަ އަހަރު ބޭއްވި އިންޒެކް 2025 ގެ ވެސް ޕްލެޓިނަމް ސްޕޮންސަރެވެ.

މިކަމާ ގުޅޭގޮތުން ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، ބީއެމްއެލަކީ އެ އިދާރާގެ މަސައްކަތްތަކުގައި އަބަދުވެސް ވަރަށް ގާތުން އެއްބާރުލުން ދެމުން އަންނަ މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، އާންމު ރައްޔިތުންނަށް އެ ބޭންކުގެ ޑިޖިޓަލް އަދި އާންމު ބޭންކިން ހިދުމަތްތައް މެދުވެރިކޮށް ލުއިފަސޭހަކަމާއެކު ޒަކާތުގެ މަތިވެރި ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުމުގައި ބީއެމްއެލުން އަދާކުރާ ދައުރު އެ އިދާރާއިން ފާހަގަކުރެއެވެ.

ޒަކާތު ހައުސްއިން އިތުރަށް ބުނީ، ބީއެމްއެލް ފަދަ މާލީ އިދާރާއަކުން ޒަކާތުގެ ދާއިރާއަށް މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ، މުޖުތަމައުގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފައިނޭންޝަލް އިންކްލޫޝަން ފުޅާކުރުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ލިބިގެންދާ ބޮޑު ބާރެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި، މި ދާއިރާއިން ލިބެންހުރި ފުރުސަތުތަކާ ގުޅޭގޮތުން އިލްމީ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޓަކައި އިލްމުވެރިންނާއި، މާލީ މާހިރުންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތައް އެއް މަންސައަކަށް ގެނެސްދޭ މި ކޮންފަރެންސަށް ބީއެމްއެލުން ވެދޭ އެހީތެރިކަމަށްޓަކައި ޒަކާތު ހައުސްއިން ވަނީ އެ ބޭންކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އިންޒެކް 2026 އަކީ މޯލްޑިވްސް ޒަކާތު ހައުސްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ތިންވަނަ ބުރެވެ. މި ކޮންފަރެންސަކީ އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ތަފާތު މައްސަލަތަކަށް އިސްލާމީ އުސޫލުތަކުގެ ތެރެއިން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މުހިންމު އިލްމީ ދިރާސާތަކާއި ތަޖުރިބާތައް ހިއްސާކުރެވިގެންދާނެ އަގުހުރި ބައްދަލުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް