ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސީޕީ އާއި ޓްރާންސްޕޯޓް އޮފީހުގެ ސީއީއޯ މަޝްވަރާކުރުން، ފޮޓޯ: ފުލުހުން
ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސީޕީ އާއި ޓްރާންސްޕޯޓް އޮފީހުގެ ސީއީއޯ މަޝްވަރާކުރުން، ފޮޓޯ: ފުލުހުން
މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތަކަށް ދެމެހެއްޓެނިވި އަވަސް ހައްލެއް ހޯދުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔޫސުފް މާނިޢުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގެ މައިގަނޑު އަމާޒަކީ، ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ. މިގޮތުން، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ ޓްރެފިކް މައްސަލަތަކަށް ޒަމާނީ އަދި އިސްލާހީ ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ. އަދި ދެ އިދާރާ ގުޅިގެން ހަރުދަނާ ޕްލޭންތަކެއް އެކުލަވާލައި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކާ މެދުވެސް ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

މާލެ ސަރަހައްދުގެ މަގުތައް ތަރުތީބުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަކީ ސަރުކާރުން ވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. ދެ މުއައްސަސާ ގުޅިގެން ކުރެވޭ މި މަސައްކަތްތަކުގެ ސަބަބުން، މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް