ސައިބީރިއާ އަދި ދުރު އިރުމަތީ ސަރަހައްދުގެ އިރްކުޓްސްކް އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓް.
ސައިބީރިއާ އަދި ދުރު އިރުމަތީ ސަރަހައްދުގެ އިރްކުޓްސްކް އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓް.
ރަޝިޔާގެ ސައިބީރިއާ ސަރަޙައްދުގެ ދިރާސާކުރާ މަރުކަޒެއްގެ މުވައްޒަފަކު ނިޔާވުމާ ގުޅިގެން، ކޮވިޑް-19 ފަދަ ނުރައްކާތެރި އާލަމީ ވަބާއެއް (ޕެންޑެމިކެއް) ފެތުރިދާނެކަމުގެ ބިރުވެރިކަން ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އިރްކުތުސްކް އެންޓި-ޕްލޭގް ރިސާޗް އިންސްޓިޓިއުޓްގައި މަސައްކަތްކުރި އުމުރުން 28 އަހަރުގެ ދާރިއާ ޝިޕިލޯވާ ނިޔާވީ، ނިއުމޯނިއާގެ އަލާމާތްތަކަކަށް ފަރުވާދެމުން ދަނިކޮށް، "ޕްނޫމޯނިކް ޕްލޭގް" ޖެހިގެން ކަމަށް ބެލެވެއެވެ. މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ސައިބީރިއާގެ ހޮސްޕިޓަލަކާއި، އެ މުވައްޒަފާ ބައްދަލުވި 100 އަށްވުރެ ގިނަ މީހުން ވަގުތުން ކަރަންޓީނުކުރެވުނެވެ.

އެހެންނަމަވެސް، މިއީ ކޮވިޑް-19 ފަދައިން މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ބަލިމަޑުކަމެއް ކަމަށް ޞިއްޙީ މާހިރުން ގަބޫލެއް ނުކުރައްވައެވެ. ސަބަބަކީ، ޕްލޭގަކީ ވައިރަހެއްގެ ބަދަލުގައި ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ވެފައި، އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފަރުވާދެވޭ ބައްޔަކަށް ވާތީއެވެ. އަދި މީދާ ފަދަ ޖަނަވާރުންގެ ޒަރީއާއިން އިންސާނުންނަށް ވާސިލުވާ މި ބައްޔަކީ، ސައިބީރިއާ ސަރަޙައްދުގައި އާންމުކޮށް ވެސް ފެންނަ (އެންޑެމިކް) ބައްޔެކެވެ.

ރަޝިޔާގެ ޞިއްޙީ އިދާރާ (ރޮސްޕޮޓްރެބްނާޑްޒޯރ) އިން ހާމަކޮށްފައިވާ ގޮތުގައި، ނިޔާވި މުވައްޒަފާ ގުޅުންހުރި އެތައް ހާސް ސާމްޕަލެއް ޓެސްޓުކުރެވުނު ނަމަވެސް، އެހެން އެއްވެސް މީހެއްގެ ގައިން މި ބެކްޓީރިއާ ފެނިފައެއް ނުވެއެވެ. އަދި ކަރަންޓީނު ކުރެވުނު ފަރާތްތައް މިހާރު ދޫކޮށްލާފައިވާއިރު، އިތުރަށް ބަލި ފެތުރުމުގެ އެއްވެސް ނުރައްކަލެއް ނެތްކަން ވަނީ ޔަގީންކޮށްދީފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވެސް ވަނީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އޮތް ނުރައްކާ އިންތިހާއަށް ކުޑަކަމަށް ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު