ރަޝިޔާއިން އުފެއްދި ނިއޯއޮންކޯވެކް ފުރަތަމަ ނަތީޖާ އުއްމީދު ބޮޑު
ރަޝިޔާއިން އުފެއްދި ނިއޯއޮންކޯވެކް ފުރަތަމަ ނަތީޖާ އުއްމީދު ބޮޑު
ރަޝިޔާއިން އުފައްދަމުން އަންނަ، ކެންސަރު ބައްޔަށް ފަރުވާދޭ ޚާއްޞަ އެމް.އާރް.އެން.އޭ ވެކްސިން ކަމަށްވާ "ނިއޯއޮންކޯވެކް" ގެ ފުރަތަމަ މަރުޙަލާގެ ކްލިނިކަލް ޓްރަޔަލްތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެންނަމުންދާ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.

ރަޝިޔާގެ ދިރާސާވެރިންނާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމުގެ ކެންސަރު (މެލަނޯމާ) ޖެހިފައިވާ އުމުރުން 60 އަހަރުގެ ބަލިމީހަކަށް މި ވެކްސިން ދިނުމަށްފަހު ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި، އޭނާގެ ހަށިގަނޑުން އެއްވެސް އާ ޓިއުމަރެއް ފެނިފައެއް ނުވެއެވެ. މީގެ އިތުރުން، އޭނާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފެތުރިފައިވާ ކެންސަރުގެ ސެލްތައް މިހާރު މުޅިން ނެތިގޮސްފައިވާ ކަމަށްވެސް އެ ފަރާތްތަކުން ބަޔާންކުރެއެވެ.

ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، މި ދިރާސާގެ ދަށުން މިހާތަނަށް ވެކްސިން ދީފައިވަނީ ޖުމްލަ ހަ ބަލިމީހަކަށެވެ.

އެހެންނަމަވެސް، މިއީ ދިރާސާގެ ވަރަށް ކުރީކޮޅުގެ މަރުޙަލާއެއް ކަމަށްވާތީ، ވެކްސިންގެ ރައްކާތެރިކަމާއި ފުރިހަމަ ފައިދާ ސައިންޓިފިކް ހަމަތަކުގެ މަތިން ކަށަވަރުކުރުމަށްޓަކައި، އިތުރު ކްލިނިކަލް ތަހުލީލުތަކާއި ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ދިރާސާތައް އަދިވެސް ބޭނުންވާނެ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް