ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ ބުދަ ދުވަހުގެ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ތިން މީހުން އަރުވައިގެން ވަންވޭއާ އިދިކޮޅަށް ސައިކަލު ދުއްވާފައިވަނީ ހ. ލާމިޔާ، އަހުމަދު އުވެއިސް ކަން ހާމަވެއްޖެއެވެ.

ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހުގެ މެންދަމު 02:55 ހާއިރު ހިނގި މި ހާދިސާގައި، އުވެއިސް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލު ޖެހިފައިވަނީ ދެ މީހުންނާއެކު ދުއްވަމުންދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވެގެންނެވެ. މިއެކްސިޑެންޓްގްއި އުވެއިސް އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާ އަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، މިއެކްސިޑެންޓްވި އެއް ސައިކަލު ދުއްވާފައިވަނީ ވަންވޭއާ އިދިކޮޅަށް ކަމަށާއި، އަދި އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސެއް ވެސް އޭނާގެ ނެތް ކަމަށެވެ. މިއެކްސިޑެންޓް ހިނގި ސައިކަލު ދުއްވި މީހާގެ ވަނަވަރެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރަސްއޮންލައިން އަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކުރެވިފައިވާގޮތުގައި މިއެކްސިޑެންޓް ހިނގި ތިން މީހުން ތިބި ސައިކަލު ދުއްވާފައިވަނީ ހ. ލާމިޔާ، އުމުރުން 22 އަހަރުގެ އަހުމަދު އުވެއިސް އެވެ. މިއެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ފަސް މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭގެފަހުން އެ ހުރިހާ މީހުންވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އައިޖީއެމްއެޗުން ބުނީ އޭގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، ބާކީ ތިން މީހުންނަށް ފަރުވާދެމުންދަނީ ވޯޑުގައި ކަމަށެވެ.

މި އެކްސިޑެންޓްގައި އެންމެ ސީރިއަސް އަނިޔާތައް ލިބިފައިވަނީ އެއް ސައިކަލުގައި ތިބި، ދެބެންގެދެދަރި ދެ ޒުވާނުންނަށެވެ. އެ މީހުންގެ އާއިލާއިން ވަނީ މިކަމަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

އެ ތަނުން އެއް ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިގެން އީއާރުގައި އަންނަނީ ކުއްލި އޮޕަރޭޝަނެއް ކުރަމުންނެވެ. އަދި އަނެއް ޒުވާނާގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށްވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. އާއިލާއިން ވަނީ މި ޒުވާނުންނަށް ހެޔޮ ދުއާކޮށްދިނުމަށް އެދިފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި އުވެއިސް ހައްޔަރުކުރުމަށްފަހު ފުލުހުން ދޫކޮށްލާފައި ހުއްޓައެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން މިމަހުގެ އެއްވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެެވެ. އުވެއިސް މީގެކުރިން ވެސް ފުލުހުންގެ އޮފިސަރަކަށް ހަމަލާދިނުމާއި، ފުލުހުންގެ ބަންދުން މީހަކު ފިލުވަން އެހީވުން ފަހުގެ ކުށްތަކުގެ ތުހުމަތުކުރެވިފައިވާ ފަރާތެއް ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު