ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމުގެ ތިންވަނަ ބެޗްގެ ބައިވެރިން، ފޮޓޯ: މިނިސްޓްރީ
ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމުގެ ތިންވަނަ ބެޗްގެ ބައިވެރިން، ފޮޓޯ: މިނިސްޓްރީ
ރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑުފަޅުގެ ދިރުންތައް އާލާކުރުމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ދިވެހިން ބިނާކުރުމުގެ ގޮތުން ކުރިއަށްގެންދާ "ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމް" ގެ ތިންވަނަ ބެޗް، ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ފަށައިފިއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، އަންހެން ބައިވެރިއަކާއެކު ޖުމްލަ 15 މީހުން ބައިވެރިވެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މެރިކަލްޗަރގެ ދާއިރާއިން ދިވެހިންގެ ގާބިލުކަން އިތުރުކުރުމާއި، ރާއްޖޭގައި އެކުއަކަލްޗަރ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކޮށް ކުރިއެރުވުމަށް ބާރުއެޅުމެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި، މެރިކަލްޗަރގެ ޒަމާނީ ޓެކްނިކްސްތަކާއި، ދިރުންތަކަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް މެނޭޖްކުރުމުގެ އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ. މީގެއިތުރުން ލައިވް ފީޑް ނުވަތަ ދިރޭ ކާނާ އުފެއްދުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު އުސޫލުތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ތަޖުރިބާ ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި ސިނާއަތަށް ބޭނުންވާ ފަންނީ އަދި ގާބިލު ދިވެހި ޒުވާނުން އުފެއްދުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްގީކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. އަދި އިގުތިސާދު ސިންދަފާތުކޮށް، މި ދާއިރާއިން އާ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް