މާލޭގެ ގެއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ވަޅިން ބިރުދައްކައި ބޮޑު ޢަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލައެއްގައި، އެ ޢާއިލާއަށް ނިސްބަތްވާ މީހެއްގެ ބައިވެރިވުން އޮތް ކަމަށް އޭނާ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ލިލީޒް، ޒާހިރު އަލީދީދީ (44އ) އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ އިތުރުން ފޭރުމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުންގެ ތަހުގީގު އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވީ ފޭރުމުގެ ޢަމަލު ހިންގި މީހުން ހާދިސާގެ ކުރިންނާއި އެ ގެއަށް ދިޔަ ވަގުތު ވެސް ޒާހިރާ އެކު ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ހާދިސާއަށްފަހު ފުލުހުން އޭނާ ހައްޔަރުކުރުމާ ހަމައަށް އެ ގެއަށް އެނބުރި ގޮސްފައި ނުވާ ކަމަށާއި، މި މައްސަލައިގައި ޢަމަލީގޮތުން ބައިވެރިވި އިތުރު މީހަކާ އެކު އޮޕަރޭޝަނެއްގައި އުޅެނިށް ޒާހިރު ހައްޔަރުކޮށްފައިވާ ކަމަށް އައިއޯ ވިދާޅުވިއެވެ.

ނަމަވެސް، މި ތުހުމަތުތައް ދޮގުކުރަމުން ޒާހިރު ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ބުނެފައިވަނީ، ފޭރުން ހިންގީ ގޭމެއް ކުޅުމުގެ ތެރެއިން ދިމާވި ބަޔަކު ކަމަށެވެ. އަދި އެ މީހުން އޭނާ ވެސް ހިފަހައްޓައި ގެއަށް ނުވަދެވޭ ގޮތް ހެދުމަށްފަހު، ތަޅުދަނޑި ހިފައިގެން ގޮސް އެ ކަން ކުރީ އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށް އޭނާ ދިފާޢުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަނީ އެ ގޭގައި ތިބި ތިން މީހަކު ރަހީނުކުރުމަށްފަހު ތިން ލައްކަ ޜުފިޔަަ އަށްވުރެ ގިނަ ފައިސާ ފޭރިގަނެފައެވެ. ނަމަވެސް، ފޭރުނު ފައިސާގެ ރަސްމީ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް