ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މަގުމަތީގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.

މިއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކުރާ ފަރާތްތައް ފުލުހަށް ހާޒިރުރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ފިރިހެންމީހާގެ ރެކޯޑުތަކުގެ ތެރޭގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި، ޒިގްޒެގްކޮށް ބާރުސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނެއެވެ. މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި، އޭނާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން ފަދަ ގިނަ ގާނޫނާ ހިލާފު ކަންކަން ތަކުރާރުކޮށް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މިފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މަގުތަކުގެ އަމާންކަން އިތުރުކޮށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނުތަކަށް އާންމުން ހޭލުންތެރިކުރުވައި، ނުރައްކާތެރި ދުއްވުންތައް ހުއްޓުވުމެވެ.



ކިޔުންތެރިންގެ ހިޔާލު