އެމްއެންޑީއެފްގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ޚާއްޞަ ރަސްމިއްޔާތު
އެމްއެންޑީއެފްގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ޚާއްޞަ ރަސްމިއްޔާތު
އެމްއެންޑީއެފްގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ޚާއްޞަ ރަސްމިއްޔާތު އޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ ސިފަވަންތަ، ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.

އަދި ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދާއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މުދައްރިބުންނަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މި ހަފުލާގެ ތެރެއިން ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޮމްޕެނީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަޙްމަދު ޝާތިރެވެ. ޖުމްލަ 149 ދަރިވަރުންނާއެކު ފެށި މި ކޯހުގައި 27 އަންހެން ދަރިވަރުންވެސް ބައިވެރިވެއެވެ.

މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންގެ އިތުރުން އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ނަދީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު