ގއ. ކޮނޑޭ، ފޮޓޯ: ވާރޗުއަލްޓުއާމޯލްޑިވްސް
ގއ. ކޮނޑޭ، ފޮޓޯ: ވާރޗުއަލްޓުއާމޯލްޑިވްސް
ގއ. ކޮނޑޭގައި ބިދޭސީއަކު ކުއްޔަށް ހިފައިގެން ދިރިއުޅެމުންދިޔަ ކޮޓަރިއެއްގެ ތެރޭގައި ސިއްރުން ކެމެރާއެއް ހަރުކޮށްފައި ހުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ކޮނޑޭގައި މީހަކު ދިރިއުޅޭ ކޮޓަރިއެއްގައި ސިއްރު ކެމެރާއެއް ހަރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 22:27 ހާއިރު ކަމަށެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ ފުލުހުންގެ ޓީމަކުން އެ ސަރަހައްދަށް ގޮސް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކެމެރާ ފެނިފައިވަނީ އެ ރަށުގައި ހިންގާ ގެސްޓްހައުސްއެއްގެ ދަށުން، 'ހޯމްސްޓޭ' އުސޫލުން ކުއްޔަށް ދޫކޮށްފައި ހުރި ކޮޓަރިއެއްގެ ތެރެއިންނެވެ. އަދި އެ ކޮޓަރީގައި ދިރިއުޅެމުން ދިޔައީ ރަށުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެކެވެ. މީހުންގެ ޒާތީ މިނިވަންކަމާއި ހުރުމަތް ކެނޑޭގޮތަށް، ނޭނގުމެއްގެ ތެރޭގައި ސިއްރުން މިފަދަ އާލާތްތައް ހަރުކުރުމަކީ މުޖުތަމައުގެ އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު، ނުރައްކާތެރި އަމަލެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، މި އަމަލު ހިންގި ބަޔަކާއި، އޭގެ ފަހަތުގައިވާ މަގުސަދު ހޯދުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް