ހުޅުމާލޭ ރަށު މާރުކޭޓު، ފޮޓޯ: މިހާރު
ހުޅުމާލޭ ރަށު މާރުކޭޓު، ފޮޓޯ: މިހާރު
ހުޅުމާލޭގައި ވިޔަފާރިކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެ އަވަށުގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން ގޮޅިތަކެއް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި ފަހަރު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށު މާރުކޭޓުގެ ޖުމްލަ 9 ގޮޅިއެވެ. މި ގޮޅިތައް ހިންގާނެ ފަރާތްތައް ހޮވުމުގައި އަމަލުކުރާނީ އިންސާފުވެރި އަދި ދެފުށް ފެންނަ އުސޫލަކުން ކަމަށާއި، އެގޮތުން ގޮޅި ލިބޭ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ މީހުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ފުރުސަތަށް އެދި ކުރިމަތިލުމުގެ މުއްދަތު މިއަދު ހެނދުނު 8:30 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:30 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ގޮޅިތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 18 ވާ ދުވަހުގެ މެންދުރު 13:00 ގައެވެ. މި ގުރުއަތުލުން ކުރިއަށްދާނީ ހުޅުމާލޭ އެޗްޑީސީ އޮފީސް އިމާރާތާއި ފްލެޓް 12 އާ ދެމެދުގައި އޮންނަ ހުސްބިމުގައި ޖަހާފައިވާ ހާއްސަ ޓެންޓުގައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ރަސްމީ ވެބްސައިޓުން ތަފްސީލު ލިބެން ހުންނާނެއެވެ. އަދި އެ ކޯޕަރޭޝަންގެ ކޯލް ސެންޓަރު ނަމްބަރު 1516 އަށް ގުޅައިގެންވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު