ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާން ކުރެއްވުމަށްފަހު ފެއްޓެވި "ދޮރުންދޮރަށް" ކެމްޕޭން ހަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ދާއިމީ ޙައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ، މިއަދު ފެށި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ބޭނުންތަކާއި އިސްކަންދޭ ކަންކަމަށް ރިޢާޔަތްކުރުން ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި އަދިވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށްވުމާއެކު، މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއަހައި ދެނެގަތުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އެމަނިކުފާނުގެ ވެރިކަމެއްގެ ފުރަތަމަ ފަސް އަހަރު ވެގެންދާނީ މި މައްސަލައަށް ފުރިހަމަ ޙައްލެއް ލިބިގެންދާނެ ދައުރަކަށް ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މި ހަރަކާތުގައި، ފައިޞަލް ނަސީމްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މޭޔަރުގެ ޙައިޘިއްޔަތުން ރައްޔިތުންގެ ގާތަށް ކުރައްވާ ޒިޔާރަތްތަކުގައި ވެސް އެންމެ ގިނައިން ހުށަހެޅެނީ ބޯހިޔާވަހިކަމާ ގުޅޭ ޝަކުވާތައް ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މޭޔަރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދެވޭ އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި 'ރަސްމާލެ' މަޝްރޫޢަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެ މަޝްރޫޢަށް ހޭދަކުރަމުންދާ ފައިސާއަކީ އެތައް ރައްޔިތަކަށް ސީދާ މަންފާކުރާނެ ފައިސާ ކަމަށާއި، ނަމަވެސް ރައްޔިތުން މަގުމަތިކުރުމަށްފަހު އެ ބިންތައް ބޭރު ބަޔަކަށް ވިއްކާލާފައިވާ ކަމަށެވެ.

އާދަމް ޢާޒިމް އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އަންނަން މަސައްކަތް ކުރަނީ މިފަދަ ކަންކަން ހުއްޓުވައި، ފައިޞަލް ނަސީމްގެ ޒަޢާމަތެއްގައި ދަޢުލަތުގެ ފައިސާއިން ސީދާ ރައްޔިތުންނަށް ޙައްޤު މަންފާ ހޯއްދަވައިދެއްވުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް