ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ދެނެގަތުމަށް ކުރިއަށްގއންދާ އޮޕަރޭޝަން، ފޮޓޯ: ފުލުހުން
ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުން ދެނެގަތުމަށް ކުރިއަށްގއންދާ އޮޕަރޭޝަން، ފޮޓޯ: ފުލުހުން
މަގުމަތީގެ އަމަންއަމާންކަން ގެއްލި، އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށުގެ ރެކޯޑް ގިނަ އަދަދަކަށް އޮންނަ އިތުރު ހަތަރު ޒުވާނަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްތެރިވެ، ފަހުގެ އިންޒާރު ދީފިއެވެ.

ފުލުހުން ބުނީ މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައަކަށް ކަށަވަރުކުރުމަށާއި، ގަވާއިދާ ޚިލާފަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ ފަރާތްތަކުގެ އަމަލުތައް ހުއްޓުވުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށެވެ. އެގޮތުން، ތަކުރާރުކޮށް ކުށްކުރާ މީހުން ފުލުހަށް ހާޒިރުކޮށް، ދެން އެފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިހާރު ދެމުންދާ ކަމަށް ފުލުހުން ފާހަގަކުރެއެވެ. މި އުސޫލުން މިދިޔަ ހޯމަ ދުވަހު ވެސް ވަނީ ފުރަތަމަ މީހާ ހާޒިރުކޮށް ފިޔަވަޅު އަޅާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލުހަށް ހާޒިރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހެއްގެ އިތުރުން 22 އަހަރުގެ ޒުވާނެކެވެ. ފުލުހުން ވަނީ މި މީހުންގެ ކުށުގެ ބޮޑެތި ރެކޯޑުތަކުގެ ތަފްސީލު ވެސް ހާމަކޮށްފައެވެ.

އެގޮތުން، ހާޒިރުކުރި 18 އަހަރުގެ ޒުވާނާއަކީ ލައިސަންސް ހިފަހައްޓާފައި އޮތް ނަމަވެސް އެކަމަށް ބެލުމެއްނެތި އުޅަނދު ދުއްވުމާއި، މަގުތަކުގައި މީހުން ސިހޭ ގޮތަށް ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. މީގެއިތުރުން، އުޅަނދު ދުއްވުމުގެ އެއްވެސް ލައިސަންސެއް ނެތި ދުއްވުމާއި، އުޅަނދުގެ އަސްލު ނަންބަރު ބޯޑު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވައި މަގުމަތީގެ އަމާންކަން ނަގާލުމުގެ ރެކޯޑް އޭނާގެ މައްޗަށް އެބައޮތެވެ.

20 އަހަރުގެ ފުރަތަމަ މީހާއަކީ ވަންވޭއާ އިދިކޮޅަށް ދުއްވުމާއި، ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ގަވާއިދާ ޚިލާފަށް ދުއްވުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ. އޭގެ އިތުރުން، އެއްގަމު އުޅަނދު ރަޖިސްޓްރީ ނުކޮށް ދުއްވުމާއި، ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ އިތުރުން ސްޓިކާގެ އަދަދު ހަމަވެފައިވަނިކޮށް މަގުމަތީގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވި މައްސަލަތައް އޭނާގެ ރެކޯޑުގައި ހިމެނެއެވެ.

20 އަހަރުގެ ދެވަނަ މީހާއަކީ އާދަޔާ ޚިލާފު ބާރުމިނުގައި އުޅަނދު ދުއްވާފައިވާ މީހެކެވެ. އެގޮތުން ގަޑިއަކު 106 ކިލޯމީޓަރުގެ ނުރައްކާތެރި ބާރުމިނެއްގައި ސައިކަލު ދުއްވުމުގެ މައްސަލައަކާއި، ލައިސަންސް އެއްގޮތަކަށް ވެސް ނެތި އުޅަނދު ދުއްވުމުގެ ހަތަރު މައްސަލައެއް އޭނާގެ މައްޗަށް ރެކޯޑުކުރެވިފައިވެއެވެ. އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައި ވަނިކޮށް ދުއްވުމާއި، ބިރުވެރިވާ މިންވަރަށް ނުރައްކާތެރިކޮށް ދުއްވުން ވެސް އޭނާގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 22 އަހަރުގެ ޒުވާނާއަކީ ގަޑިއަކު 83 ކިލޯމީޓަރުގެ ބާރު ސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ޚިލާފަށް ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމުގެ އިތުރުން ސައިކަލު ދުއްވަމުން ފޯނު ފަދަ މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. މީގެއިތުރުން، އުޅަނދުގެ އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ ހަމަވެފައި ވަނިކޮށް ދުއްވުމާއި، ހުއްދަ ނެތް ޒޯނެއްގައި އުޅަނދު ދުއްވުމާއި، ލައިސަންސް ނެތުމުގެ މައްސަލަތައް ފާހަގަކުރެވިފައިވެއެވެ. ހަމައެއާއެކު، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދުގެ ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވުމުގެ ސީރިއަސް ރެކޯޑުތަކެއް ވެސް އޭނާގެ މައްޗަށް އެބައޮތެވެ.

ފުލުހުން ބުނީ އާންމު ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގަވާއިދާ ޚިލާފަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ހޯދައި، ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ނަސޭހަތް ގަބޫލުނުކޮށް މިފަދަ ކަންކަން ތަކުރާރުކުރާ ކޮންމެ ފަރާތަކާ މެދު ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު ފަސްޖެހުމެއްނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް