ފަސް ރުފިޔާގެ އައު ނޫޓު، ފޮޓޯ: ސައުވީސް
ފަސް ރުފިޔާގެ އައު ނޫޓު، ފޮޓޯ: ސައުވީސް
ދިވެހިރާއްޖޭގެ ބާޒާރުގައި ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމުގެ ސަބަބުން އެ ނޫޓު ލިބުން ދަތިވެފައި ވަނިކޮށް، ފަސް ރުފިޔާގެ އާ ސްޓޮކެއް ރާއްޖެ ގެނެސް މާދަމާއިން ފެށިގެން ދައުރުކުރަން ފެށުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، ރާއްޖޭގެ އިގްތިސާދުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރަށް ނުވަތަ ޑިމާންޑަށް ބަލައި، ބާޒާރަށް ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުމަކީ އެ އޮތޯރިޓީން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ފަސް ރުފިޔާގެ ނޫޓަކީ ކުދި އަދި އާންމު ވިޔަފާރިތަކުގައްޔާއި އާންމު ދިރިއުޅުމުގައި ވަރަށް ގިނައިން ދައުރުވާ އަދި އޮތޯރިޓީން ގިނަ އަދަދަކަށް ދޫކުރަމުންދާ ނޫޓެއް ކަމަށް ވެސް އެމްއެމްއޭ އިން ފާހަގަކުރެއެވެ.

އެމްއެމްއޭގައި މި ނޫޓުގެ ސްޓޮކް މަދުވާން ދިމާވި މައިގަނޑު ސަބަބަކީ، އާންމުކޮށް ބާޒާރުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ނޫޓަށް މި ނޫޓު ވެފައި، ވިޔަފާރިތަކުންނާއި އާންމުން ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ފަސް ރުފިޔާގެ ނޫޓު އަނބުރާ ޖަމާކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވުމެވެ. މީގެ އިތުރުން ގިނަ ދުވަސްވުމުގެ ސަބަބުން ނޫޓުތައް ބާވެ، ބޭނުންނުކުރެވޭ ހާލަތަށް ދިއުން ވެސް މީގެ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އަލަށް ޗާޕުކޮށްގެން ގެނައި ފަސް ރުފިޔާގެ ނޫޓުގައި ޖަހާފައިވަނީ 31 ޖުލައި 2025، 6 ޞަފަރު 1447 މި ތާރީޚެވެ. އަދި މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު މުނައްވަރުއެވެ.

މިއީ ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ ފަސް ރުފިޔާގެ ނޫޓު 2017 ވަނަ އަހަރު އަލަށް ތައާރަފްކުރި ފަހުން، އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރު ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.

މާދަމާއިން ފެށިގެން ބާޒާރަށް ނެރޭ މި އާ ނޫޓުގައި ރަސްމީކޮށް ދިވެހި ރުފިޔާގެ ނިޝާން (ރ) ހިމަނާފައިވާނެއެވެ. އަދި މި އާ ނޫޓު ދައުރުވާން ފެށި ނަމަވެސް، މިހާރު ވެސް ބާޒާރުގައި ބޭނުންކުރަމުންދާ 5 ރުފިޔާގެ ކުރީގެ ނޫޓުތައް ވެސް ބޭނުންކުރެވެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު