ފިހާރައެއްގައި ވިއްކަން ހުރި މުދާ، ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފިހާރައެއްގައި ވިއްކަން ހުރި މުދާ، ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނޭހެން އަގު ނުޖަހާ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، ފިހާރަތަކާއި އެހެނިހެން ވިޔަފާރި މަރުކަޒުތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި ކަސްޓަމަރުންނަށް ފަސޭހައިން އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މުދާ ގަންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށް، ވިޔަފާރީގެ މާހައުލު ހަރުދަނާކުރުމަށްޓަކައި މިކަން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ މީހާއަށް ސާފުކޮށް އެނގެން ނެތް ގޮތަކަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ ޤާނޫނީ ގޮތުން މުޅިން މަނާ ކަމެކެވެ. މި ޤާނޫނުގައިވާ ގޮތުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ ސީދާ އެ މުދަލެއްގައި އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ލޭބަލް ހަރުކޮށްފައި ހުރުމުންނެވެ. ނުވަތަ މުދާ ބަހައްޓާފައި ހުރި ހަރުގަނޑުގައި ނުވަތަ ތަނުގައި، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް އޮޅުންނާރާނޭ ފަދަ ސާފު ގޮތަކަށް އަގު ބަޔާންކޮށްފައި ހުރުމުންނެވެ.

މި ކަންކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ، ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް ހުރިހާ

ވިޔަފާރިވެރިންނަށް ގޮވާލާފައެވެ. އަދި ވިޔަފާރިތަކުން މި އުސޫލުތަކަށް ބޯލަނބާތޯ ކަށަވަރުކުރުމުގެ ގޮތުން، ކަމާބެހޭ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް، މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

މީގެއިތުރުން، މި އެންގުމާ ޚިލާފުވެ، މުދަލުގައި އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި އެހެނިހެން ޤާނޫނީ ފިޔަވަޅުތައް ވަގުތުން އަޅަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް