ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރިއަށް އޮތް 2028 ވަނަ އަހަރު އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދީ، ގައުމަށް އިތުރު ހަމަޖެހުމާއި ތަރައްގީ ހޯއްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، އެ ޕާޓީން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް، ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، އެމްޑީޕީ އަލުން ނުކުންނަނީ އެ ކަންކަން ރަނގަޅުކޮށް ރައްޔިތުންނަށް އެދެވޭ ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ކަންކަމުގައި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ސިޔާސީ ފިކުރު ޚިޔާރުކުރުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ވަޒީފާގެ މާހައުލުގައި ހަމަހަމަކަމާއި އިންސާފު ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން، މީގެކުރިން އެމްޑީޕީން ވެރިކަން ކުރި ދައުރުތަކުގައި ރައްޔިތުންނަށް ހޯދައިދީފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން، 2008 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ގެނެވުނު ހެޔޮ ބަދަލުތަކާއި، 2018 ވަނަ އަހަރު ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ދައުލަތުގެ ބަޖެޓާއި ވަސީލަތްތައް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީން މަސައްކަތްކުރާނީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ލާބައަށް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް