ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް (މ)
ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް (މ)
ސަރުކާރު ހިންގަން ވާނީ ކައުންސިލް ތަކަށް ލިބިފައި އޮތް ބާރުވެރިކަމަށް ޖާގަ ދީގެން ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފައިސަލް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިނގަމުންދާއިރު، ރާއްޖެ ތަރައްޤީ ކުރަން ޖެހޭނީ ކައުންސިލްތަކުގެ ބާރު ހަނިކުރުމެއް ނެތި ކަމަށެވެ. އަދި ކައުންސިލްތަކަށް މާލީ ގޮތުންނާއި، އިހުތިސޯސްގެ ގޮތުން ބާރުތައް ދޫކޮށްލައިގެން ނޫނީ ތައްރައްޤީ ނުގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

".މާލޭ ސިޓީ ކައުންަސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް އެއް ފަހަރާ ސަރުކާރަށް ނަގަން ނިންމި ބޭނުން ތަފުސީލުކޮށް ހާމަކުރެވިފައި ނެތް، އަދި އެކަމާ ގުޅޭ ގޮތުން ކައުންސިލްއާ މަޝްވަރާކޮށްފައި ނެތުމަކީ ކަންބޮޑުވާ ކަމެއް. ސަރުކާރު ހިންގަން ވާނީ ކައުންސިލް ތަކަށް ލިބިފައި އޮތް ބާރުވެރިކަމަށް ޖާގަ ދީގެން." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފައިވަނީ، މި ބިންތަކުގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް އޮތް ފަރާތެއް ވާނަމަ، އެކަމަށްޓަކައި އިއުލާންކުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެފަދަ ހިޔާލުތައް ލިޔުމުން އެ މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު