މިވަގުތު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހުން ސިންގަޕޫރުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރައްކާތެރިކުރުމަށްޓަކައި އެގައުމުގައި ފްލޯޓިންގ ހޮޓާތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިންގަޕޫރުގެ ޓްރާންސޕޯޓް މިނިސްޓަރ ޚަވް ބޫން ވާން ވިދާޅުވެއްޖެއެވެ.

ރޮއިޓަރސް ނޫހުގައި ރިޕޯތުކޮށްފައިވާ ގޮތުގައި މިއީ ކަނޑުމަތީގައި މަސައްކަތްކުރާ ފަރާތްތަކާއި، އެ ދާއިރާގައި ވަޒީފާއަދާކުރާ މުވައްޒަފުން ބޭތިއްބުމަށް ގާއިމުކުރާ ހޮޓާތަކެކެވެ. ކަނޑުމަތީގެ ބައެއް އުޅަނދުތަށް ފްލޯޓިންގ ހޮޓާ ތަކަކަށް ބަދަލުކޮށްގެން މީހުން ބޭތިއްބުމަށް މިހިންގާ ޕްރޮގްރާމަކީ ބިދޭސީ މަސައްކަތްތެރިން، އަދި ޚާއްޞަކޮށް ދެކުނު އޭޝިއާގެ މީހުން އެޤައުމުގައި ދިރިއުޅެމުންދަނީ ތޮއްޖެހިފައިވާ ކުދިކުދި ތަންތަންކޮޅުގައި ކަމަށް ވާތީ އެފަދަ މީހުން ބޭތިއްބުމަށް ޚާއްޞަކޮށްގެން ހަދާ ހޮޓާތަކެކެވެ.

ސިންގަޕޫރު ސަރުކާރުން ވަނީ ޞިއްޙީ ގޮތުން ރަނގަޅު ބިދޭސީން އަސްކަރީ ކޭމްޕުތަކަށާއި، އެގްޒިބިޝަން ސެންޓަރތަކަށާއި، ހުސްކޮށް ހުރި ޕަބްލިކް ހައުސިން ބްލޮކްތަކަށާއި ފްލޯޓިންގހޮޓަލުގެ ގޮތުގައި ބޭނުން ކުރާ އުޅަނދުފަހަރަށް ބަދަލުކޮށްފައެވެ. ފްލޯޓިންގ ހޮޓަލަކަށް ބަދަލުކޮށްފައިވާ އުޅަނދަކަށް ޒިޔާރަތްކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޚަވް ބޫން ވާން ވިދާޅުވީ އެއިން ކޮންމެ ފެސިލިޓީއެއްގައި 100 މީހުންގެ ޖާގަ ހުންނާނެކަމަށެވެ.

މި ހޮޓާތަކުގެ ފޮޓޯތަކެއް ހިއްސާކުރައްވަމުން ޚަވް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހޮޓަލުގެ އެނދުތަކުގައި ހުންނާނީ ނޫކުލައިގެ ބެޑްޝީޓް އަޅާފައި ކަމަށާއި، ކޮންމެ މީހަކަށްވެސް އެއްގަޑިއިރު ކަސްރަތުކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި އެތަނުގައި ތިބޭ ފަރާތްތަކުގެ ކެއުން ތައްޔާރުކުރެވޭނީ ދިރިއުޅޭތަނާއި ދުރުގައި ކަމަށާއި، ކައިރި ހިސާބެއްގައި ސިއްހީ ހިދުމަތްދޭ ފެސިލިޓީ އެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ގެންދާކަމަށް ޚަވް ވަނީ ވިދާޅުވެފައެވެ.

ސިންގަޕޫރުން 2,532 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރެއިން 8 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން