ބްރިޖް ހައިވޭގައި ފުލުހުން ހަރަކާތްތެރިވަނީ
ބްރިޖް ހައިވޭގައި ފުލުހުން ހަރަކާތްތެރިވަނީ
ސިނަމާލެ ބްރިޖު ހައިވޭގައި އަމަންއަމާންކަން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއް ފޫއަޅުވާލައި، ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ގަސްތުގައި ބާރު ސްޕީޑުގައި ސައިކަލަކުން ޖައްސައި މާރާމާރީ ހިންގި ނުރައްކާތެރި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ފުލުހުން ބިރުގަންނަވާލަން ހިންގި މި ފިނޑި އަމަލަށް ފަސްނުޖެހި، މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށް ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޗެކްޕޮއިންޓަށް ސަމާލުކަން ނުދީ، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަނީ ފުލުހުންނާ ދިމާއަށް ގޮސް، މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުގައި ޖެއްސުމަށްފަހު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ގަސްތުގައި ޖައްސާފައެވެ.

މި ހަމަލާގައި ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތްތައް ބިނދި، ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް ހިންގި ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ރާވައިގެން ހިންގާފައިވާ އަމަލެކެވެ. މި ހާދިސާ ހިނގި ވަގުތު މި އަމަލުގައި ބައިވެރިވި އިތުރު ތިން ސައިކަލެއް އެ ސަރަހައްދުގައި ހަރަކާތްތެރިވިކަން ވެސް ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައިގައި ފުލުހުން މިހާރު ވަނީ އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ޓޯކޮށް، އޭގައި ތިބި ދެ މީހުންނާއި މިކަމުގައި ޝާމިލުވި އިތުރު ދެ މީހަކާއެކު ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

ކޮމިޝަނަރުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަދާކުރާ ގާނޫނީ ވާޖިބުގައި، ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ އެއްވެސް ބިރުދެއްކުމަކަށް ފަސްނުޖެހި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އަދި މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް