ހއ. އަތޮޅުގެ ޔޫޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
ހއ. އަތޮޅުގެ ޔޫޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުން އައި ޔުޓިލިޓީ ހުރިހާ ޚިދުމަތްތަކެއް ދިނުމާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށް ގެންގުޅުއްވާ ޚާއްޞަ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ. އެގޮތުން، ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ރަށްރަށުގައި ދެމުންދިޔަ ޔުޓިލިޓީގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ސްޓެލްކޯއާ ވަނީ މަތިކޮށްފައެވެ. ސަރުކާރުގެ މި ނިންމެވުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި، އަދި އިތުބާރު ހުރި ގޮތެއްގައި މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުމެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި، ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތާ އެ ކުންފުނިން ހަވާލުވި ދުވަހުން ފެށިގެން، އެ ރަށްރަށުގައި ދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް އުފުލުމުގެ އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ، ޔަޤީންކަން ބޮޑު ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގެ އިތުރުން، އެންމެ ދެކުނުން އައްޑޫ ސިޓީ އަދި އެ ސިޓީގެ ހުޅުދޫ އާއި މީދޫގެ ކަރަންޓުގެ ޚިދުމަތްތައް ދިނުމާ ވެސް ސްޓެލްކޯއިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެފައެވެ.

މި މުހިންމު ފިޔަވަޅާއެކު، މީގެ ކުރިން މާލެ ސަރަޙައްދާއި ކައިރި ބައެއް އަތޮޅުތަކަށް އެކަނި ޚިދުމަތް ދެމުން އައި ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާ ފުޅާވެ، މުޅި ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް މިހާރު ވަނީ ފޯރާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް