ހައިޑްރޮކްސިކްލޮރޮކުއިން (އެޗްސީކިއު) އަކީ، ކޮރޯނާވައިރަސް އަށް މިވަގުތަށް ދެނެގަނެވިފައިވާ އެންމެ ރަނގަޅު ފަރުވާ ކަމަށް، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ޑރ މުޙައްމަދު ޢަލީ މިހެން ވިދާޅުވީ، އެޗްސީކިއު ޑްރަގާ ގުޅިގެން މީސް މީޑިއާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހައިޑްރޮކްސިކްލޮރޮކުއިން އަކީ މެލޭރިއާ ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި އެތައް އަހަރެއް ވަންދެން ބޭނުންކުރަމުން އައިސްފައިވާ އެންޓިވައިރަލް ޑްރަގްއެކެވެ. ރާއްޖޭގައިވެސް މި ބޭސް ބޭނުންކުރެއެވެ.

އެޗްސީކިއުއަކީ ކޯވިޑް-19 އަށް ބޭނުން ކުރެވޭ ފަރުވާއެއްކަމަށް ސައެންސްގެ އަލީގައި ހެކިދޭ އެއްވެސް ކަމެއް އަދި ސާބިތުކުރެވިފައި ނުވާއިރު، އިންޑިއާ އިން މި ބޭސް ގަންނަން ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދާ ސޯޝަލް މީޑިއާގައި ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ މުޙައްމަދު ޢަލީ ވިދާޅުވީ، އެޗްސީކިއުއަކީ މިވަގުތަށް ކޯވިޑް-19 އަށް އެންމެ ރަނގަޅު ފަރުވާއެއް ކަމަށް ވާއިރު، މި ބޭސް ހޯދުމަކީ މައްސަލައެއް ނޫންކަމަށެވެ.

ކޯވިޑް-19 އަށް ފަރުވާ ކުރުމުގައި އެޗްސީކިއުއަކީ ކާމިޔާބު ބޭހެއް ކަމަށް ދުނިޔޭގެ ކަންކޮޅުތަކުގެ ސިއްހީ ތަޖުރިބާކާރުން ބުނަމުންދާއިރު، މި ބޭހުގެ ސަޕްލައިގެ ބޮޑު ކޮންޓްރޯލެއް އޮންނަނީ އިންޑިއާ އަތުގައެވެ. އެގޮތުން އިންޑިއާއިން މި ބޭސް ވިއްކާ ދުނިޔޭގެ ފުރަތަމަ 13 ޤައުމު ހިމެނޭ ލިސްޓުގައި ދިވެހިރާއްޖެ ހިމެނޭކަން އިންޑިޔާ ސަރުކާރުން މިހާރު ވަނީ އިޢުލާން ކޮށްފައެވެ.

އެޗްސީކިއޫ އަކީ ކޯވިޑް-19 ގެ ސީދާ ފަރުވާ ކަމަށް ސައިންސްގެ އަލީގައި އަދި ނިންމުމެއް ނިންމާފައި ނުވިނަމަވެސް ޗައިނާއާއި ޖަޕާނު ފަދަ ޤައުމު ތަކުގެ ބޭސްވެރިކަމާބެހޭ ސައިންސް ވެރިންގެ ތަޖުރިބާ ތަކުން މިބޭސް ބޭނުން ކުރުމުން ރަނގަޅު ނަތީޖާތައް ލިބިފައިވާކަން އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އިންޑިއާގައި ވެސް މިބޭސް ބޭނުން ކުރަމުން ގެންދާ ކަމަށް އެ ޤައުމުގެ ޞިއްޙީ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން މިވަގުތު ބޭސް ބޭނުން ކުރަމުން ގެންދަނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ޞިއްޙީ އެހީތެރިން ކަމުގައި ވެސް އެޤައުމުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން