ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ރަސްމީކޮށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ސްޓެލްކޯ
ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ރަސްމީކޮށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ސްޓެލްކޯ
ފުވައްމުލަކު ސިޓީގައި ފެނަކަައިން ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ދަށަށް ރަސްމީކޮށް މިއަދު ބަދަލުކޮށްފިއެވެ.

މި ބަދަލާއެކު އެ ސިޓީގައި ސްޓެލްކޯގެ ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި، ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި އެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން މި ގެނެވުނު ބަދަލަކީ، ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެއިތުރުން، ސްޓެލްކޯއިން ކަނޑައަޅާފައިވާ މަތީ މިންގަނޑުތަކަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުރިހާ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އަޒުވަރު އެދިވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން ވަނީ ރޭގެ ވަގުތެއްގައި ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯއަކީ ޚިދުމަތް ދިނުމުގައި ދިގު އަދި ފަޚުރުވެރި ތާރީޚެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމުގެ މުހިންމުކަން އެމްޑީ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މަސައްކަތުގެ މާހައުލުގައި އަޚްލާޤާއި ސުލޫކު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ކުންފުނީގެ ހަރުދަނާ އުސޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް މުވައްޒަފުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުންދިޔަ ޔުޓިލިޓީގެ އެންމެހައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ގެނައުމަކީ ސަރުކާރުން މިހާރު ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު