ފޮޓޯ: އެމްއޭސީއެލް
ފޮޓޯ: އެމްއޭސީއެލް
ކުރިއަށް އޮތް ފިނި މޫސުމާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާތީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް އެ އެއާޕޯޓުގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ. އަދި ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް ޚިދުމަތް

ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން މަޢުލޫމާތު ދެއެވެ.

މުޅި ވިންޓަރ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިންގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގްލާ އެއާލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ، ރަޝިޔާގެ އަޒުރް އެއާ، ސައިބީރިއާގެ އެސް ސެވަން އެއާލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއާވޭސް، ބަލްގޭރިއާގެ ގުލިވް އެއާ އަދި ފްރެންޗް ބީ އެވެ.

ކުރިން ބައިނަލްއަޤްވާމީ އުދުހުންތަކަށް ޚާއްޞަކުރެވިފައި އޮތް ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކަކާއެކު އަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް ވެސް މިހާރު ފޯރުކޮށްދެމުން އަންނަ މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުޞަތުތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދެއް ވަނީ ޤާއިމުކޮށްފައެވެ.

އެހެންކަމުން، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ދިއުމަށާއި، ފުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގެންދެއްވުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް