މައްސަލާގައި ހިމެނޭ ދެމީހުން-
މައްސަލާގައި ހިމެނޭ ދެމީހުން-
ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތް ބަލަހައްޓަން ތިބި ފުލުހުންގެ ޗެކްޕޮއިންޓެއްގައި، ބާރުބާރަށް ދުއްވާފައި އައި ސައިކަލަކުން ޖައްސައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއް ދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ހައިވޭގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑެއްގައި ޖެހި، އެތަނުގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހުމުން ކަމަށެވެ. މި ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތް ވެސް ބިނދިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20) އާއި، ކ. ގާފަރު، މަލަ އަޙްމަދު ސިނާޒް (30) އާއި، ސ. ހިތަދޫ، ފެނީވާ އަޙްމަދު މާއިޝް މުޙައްމަދު މާހިރު (21) އާއި ހ. ފިލްމީސައިޓް އަނޫފް ބިން މުޙައްމަދު (21) އެވެ. އެމީހުން ހައްޔަރުކުރީ މަސްތުގެ ހާލަތުގައި، އާންމުންނަށް ބިރުވެރިކަން ލިބޭ ގޮތަށް އުޅަނދު ދުއްވިކަމުގެ ތުހުމަތުގައެވެ.

އެމީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ، ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ޓެސްޓަށް ޕޮޒިޓިވް ކަމަށެވެ. އަދި އެދަނޑިވަޅުގައި އަނޫފް ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ވެސް ތަހުގީގު އޮފިސަރު ފާހަގަކޮށްފައިވެއެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ކްރިމިނަލް ކޯޓުންނެވެ.

މިކަމާ ގުޅިގެން ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވީ ސައިކަލު ދުއްވާފައި ދިޔައީ ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރު ދުވެލީގައި ކަމަށާއި، ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ. އެކަމުގެ މަގުސަދަކީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސް އެޅުން ކަމަށް ވެސް ސީޕީ ތުހުމަތު ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު