ޓެރަރިޒަމާ ދެކޮޅަށް އަންހެން އޮފިސަރުންގެ ދައުރު ފުޅާކުރުމަށް ފުލުހުން ޚާއްސަ ދިރާސާއެއް, ފޮޓޯ: ފުލުހުން
ޓެރަރިޒަމާ ދެކޮޅަށް އަންހެން އޮފިސަރުންގެ ދައުރު ފުޅާކުރުމަށް ފުލުހުން ޚާއްސަ ދިރާސާއެއް, ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، އެ ދާއިރާއިން ކުރިއަށްދާން ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި ހެދި "އިންސްޓިޓިއުޝަނަލް ސެލްފް-އެސެސްމަންޓް" ގެ ވެލިޑޭޝަން ވޯކްޝޮޕް ބާއްވައިފިއެވެ.

މި އެސެސްމަންޓަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އދ. ގުޅިގެން ހިންގާ "އީޔޫ-ޔޫއެން ގްލޯބަލް ޓެރަރިޒަމް ތްރެޓްސް ފެސިލިޓީ" ގެ ށުން، އދ. ގެ އޮފީސް އޮފް ކައުންޓަރ-ޓެރަރިޒަމް (ޔޫއެންއޯސީޓީ) ގެ ފަންނީ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ ޚާއްސަ ޓީމަކުން ކުރިއަށްގެންދިޔަ މުހިންމު ދިރާސާއެކެވެ. މި ދިރާސާގެ މައިގަނޑު މަގުސަދަކީ ކައުންޓަރ-ޓެރަރިޒަމްގެ ދާއިރާއިން އަންހެން ފުލުހުންގެ ކެރިއަރ ކުރިއެރުވުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެ ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.

މި އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ ޔޫއެންއޯސީޓީގެ ހަތަރު މާހިރެއްގެ އެހީތެރިކަމާއެކު، ދިވެހި ފުލުހުންގެ 13 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މި މަސައްކަތަށް މައުލޫމާތު އެއްކުރުމަށްޓަކައި މުއައްސަސާގެ އެތެރޭގެ އޮނިގަނޑު ދިރާސާކުރުމުގެ އިތުރުން، ކަމާގުޅުންހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި، ފޯކަސް ގްރޫޕް މަޝްވަރާތަކާއި ސިއްރު ސަރވޭއެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ލީޑަރޝިޕުން ބޮޑު އެއްބާރުލުމެއް ދެއްވައެވެ. އަދި ފުލުހުންގެ ވެލްފެއަރ ނިޒާމާއި، ވިހެއުމާ ގުޅިގެން ލިބޭ މުސާރައާއެކު ޗުއްޓީ ދިނުމާއި، އަންހެނުން ބާރުވެރިކުރުވުމަށް މުއައްސަސާގައި އެކުލަވާލާފައިވާ އުސޫލުތަކަކީ ފާހަގަކޮށްލެވޭ ހަރުދަނާ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ވޯކްޝޮޕް ފެށުމުގެ ގޮތުން ވާހަކަދެއްކެވީ ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އާޞިޔަތު މުޙައްމަދު ދީދީއެވެ. އެއަށްފަހު ޔޫއެންއޯސީޓީ އާއި ފުލުހުންގެ އެސެސްމަންޓް ޓީމުން ވަނީ ދިރާސާގެ ހޯދުންތަކާއި ހުށަހެޅުންތައް ބައިވެރިންނާ ހިއްސާކޮށް، ސުވާލާއި ޖަވާބުގެ ސެޝަނެއް ވެސް ކުރިއަށްގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން ވަނީ ދިރާސާ ޓީމުގެ ބުރަ މަސައްކަތް ފާހަގަކުރައްވައި ތައުރީފުކުރައްވާފައެވެ. އަދި މި ދިރާސާގެ ސަބަބުން ފުލުހުންގެ މިހާރުގެ އޮނިގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށާއި، ރިޕޯޓުގައިވާ ހުށަހެޅުންތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން، ދިރާސާގައި ބައިވެރިވި ފުލުހުންގެ ޓީމަށް ޔޫއެންއޯސީޓީގެ ފަރާތުން ސެޓްފިކެޓް ހަވާލުކުރިއެވެ. މީގެއިތުރުން، ޔޫއެންއޯސީޓީގެ ޓީމުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ އެ ބޭފުޅުންނަށް ހަނދާނީ ލިޔުން އަރުވާފައެވެ. ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ވެސް މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް