މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރަށްރަށުގެ ކައުންސިލަރުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބަދަލު ގެނައުމަށް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓާ އެއްގޮތަށެވެ.

މި ރިޕޯޓު ފާސްކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވީ އެވަގުތު ތަޅުމުގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 42 މެންބަރުންނެވެ. އޭގެ ތެރޭގައި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން ހިމެނިވަޑައިގަންނަވައެވެ. މި ނިންމުމާ ދެކޮޅަށް އެމްޑީޕީގެ 12 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މުސާރައަށް ބަދަލު ގެނައީ އިތުރު އެލަވަންސެއްގެ ގޮތުގައި 22،000 ރުފިޔާ ހަމަޖައްސައިދީގެންނެވެ. މި އެލަވަންސް ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ. އަދި ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.

ކޮމިޓީގެ އިދާރީ މޭޒުން ތަފްސީލުކޮށްދިން ގޮތުގައި މީގެ ކުރިން މަޖިލީހުގެ ރައީސަށް 73،125 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ނައިބު ރައީސަށް 91،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސާއެކު އާންމު މެންބަރުންނަށް 82،500 ރުފިޔާ ލިބެމުން ދިޔައެވެ. އެހެންކަމުން މިއަދު ގެނައި މި ބަދަލާއެކު، މަޖިލިސް ރައީސްގެ މުސާރަ އާއި އިނާޔަތްތައް 95،125 ރުފިޔާއަށް އަރައި، މަޖިލީހުގެ ވެރިންނާއި މެންބަރުންގެ މެދުގައި އޮތް މުސާރައިގެ ފަރަގު ހަމަހަމަވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަށް ބޮޑުކުރަން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ތާއީދުކުރެއްވި މި އިސްލާހު ގެނެސްފައިވަނީ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެންނެވެ. އެގޮތުން ޕެޓްރޯލް އެލަވަންސް 1،000 ރުފިޔާއިން 2،000 ރުފިޔާއަށް، ޑްރައިވަރުގެ މުސާރަ 6،500 ރުފިޔާއިން 12،000 ރުފިޔާއަށް، އަދި ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ހިމަނައި، ޖުމްލަ ޕެކޭޖު ވަނީ 7،500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ 2024 ވަނަ އަހަރު ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރައަށް ގެނައި ބަދަލާ އަޅާބަލާއިރު ވަޒީރުންގެ މުސާރަ ކުޑަކަމަށް ފެންނާތީ ގެނައި ބަދަލެއް ކަމަށް ކޮމިޓީން ފާހަގަކުރިއެވެ.

މީގެ އިތުރުން ރަށު ކައުންސިލަރުންގެ މުސާރައަށް ވެސް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ކައުންސިލަރަކަށް 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު ރަށު ކައުންސިލްތަކުގެ ރައީސުންނަށް 30،500 ރުފިޔާ، ނައިބު ރައީސުންނަށް 25،000 ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް 23،000 ރުފިޔާ ލިބިގެންދާނެއެވެ.

ކޮމިޓީ މަރުހަލާގައި މި ނިންމުންތަކާ ދެކޮޅަށް ވާހަކަދެއްކެވި ހަމައެކަނި މެންބަރަކީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާއެވެ. ގަފޫރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ މަސްރަހު މިވަގުތު އޮތް ގޮތުން މިފަދަ ބޮޑުކުރުމެއް ގެނައުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މަޖިލީހުގެ މެޖޯރިޓީއާއެކު މި ނިންމުން ވަނީ މިއަދު ތަންފީޒުކުރަން ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް