ގަތުލުއާންމު ހިންގުމާއި ދައުލަތުގެ އިގުތިޞާދަށް ގެއްލުންދޭ ފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންގޮސްފިއެވެ.
ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ މެންބަރު، މާފަންނު ދެކުނު ދާއިރާގެ އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
އެ ބިލާ މެދު އާންމުންގެ ތެރޭގައި އެކި ކަހަލަ ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް، މެންބަރު ރިފާއު މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިލު އަނބުރާ ގެންދަވަން ނިންމެވީ އޭގައި އިތުރަށް ބަލައި ދިރާސާކުރަން ޖެހޭ މުހިންމު ކަންކަން ހުރުމުން ކަމަށެވެ. މި ބިލުގެ މަސައްކަތް އިއްޔެއާއި މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ހިމެނުމަށްފަހު ވެސް ވަނީ އެޖެންޑާއިން އުނިކޮށްފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، ގަތުލުއާންމު ހިންގުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ އިތުރުން، ދައުލަތަށް ޚިޔާނާތްތެރިވުމާއި އިގުތިޞާދީ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އަމަލުތައް ކުށަކަށް ހެދުމެވެ. އަދި އިސްލާމްދީނާ އިދިކޮޅަށް ހިންގާ އަމަލުތަކަށް މިހާރު ކަނޑައަޅާފައިވާ އަދަބުތައް އިތުރަށް ހަރުކަށިކުރުން ވެސް މި ބިލުގައި ހިމެނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް "ގަތުލުއާންމު" ގެ ނަމުގައި އައު މާއްދާއެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއް މުޅިން ނުވަތަ އޭގެ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތުގައި ހިންގާ ބޮޑެތި ޖަރީމާތައް ކުށެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
މީގެ ތެރޭގައި އެފަދަ ޖަމާއަތަކަށް ނިސްބަތްވާ މީހުން މެރުމާއި، ޖިސްމާނީ އަދި ނަފުސާނީ ބޮޑެތި އަނިޔާތައް ދިނުމާއި، އެ ޖަމާއަތެއް ޖިސްމާނީ ގޮތުން ހަލާކުވެދާނެ ފަދަ ދަތި ހާލަތްތަކަށް ގަސްދުގައި ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ދަރިން އުފަންވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމާއި، ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތްތަކަށް ބަދަލުކުރުން ފަދަ ކަންކަން ވެސް ހިމަނާފައިވެއެވެ.
އަދި ހަމައެއާއެކު، ދައުލަތުގެ އިގުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ކަންކަން، އޭގެ ތެރޭގައި މުހިންމު އުމްރާނީ ވަސީލަތްތަކަށާއި އެއާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުންދިނުން ފަދަ އަމަލުތައް ކުށަކަށް ހެދުމަށް ވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ.
މި ބިލު ހުށަހަޅާފައިމިވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. މި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ތެރެއިން، އިސްރާއީލުގެ ރައްޔިތުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ނަމަވެސް، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމުގެ ކުންފުނިތަކަށް އެ ސަރަހައްދުން ބިން ނުވަތަ ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ހަރުދަނާ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވެފައިވަނީ، މި ބިލަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމުކުރާ އިސްލާހުތަކެއް ގާނޫނަށް ގެނައުމަށްޓަކައި ހުށަހެޅި ބިލެއް ކަމަށެވެ. އަދި މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާނީ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު